މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވިދާޅުވީ، މިއަދު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމަށާއި އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމަށެވެ. އަދި އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަކަށް ކަންކަން ނުކުރެއްވުމަށް ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުން ކައިރިންވަނީ އެދިވަޑައިގެންފައެވެ. އެއީ ކުރިޔަށް އަންނަ ޖީލުތަކަށް ހެޔޮ ނަމޫނާއެއް ދެއްކުމަށްކަމަށާއި މިޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އެއީކަމަށެވެ.
ރައީސް މިފަދަގޮތަކަށް ހިއްސާކޮށްފައިމިވަނީ، ދިވެހި ފިލްމެއްގެ ޕްރިމިއަރ ނައިޓުގެ ރެޑް ކާޕެޓްގައި ފިރިހެނަކު ލައިގެންހުރި ހެދުމަކަށް އާންމުންގެ ވަރަށްބޮޑު ފާޑުކިޔުމެއް ކިޔަމުންދާ ދަނޑިވަޅެއްގައެވެ.
