ކުރީގެ ފުޓުބޯޅަ ތަރި އަދި ދުނިޔޭގެ މަޝްހޫރު ފަރާތެއް ކަމަށްވާ ޑޭވިޑް ބެކަމް، ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ރާއްޖޭގެ އުމުރުން ތިން އަހަރުގެ ކުއްޖެއް ކަމަށްވާ "ބަބުލް"ގެ ވާހަކަ އޭނާގެ ދެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކޮށްފިއެވެ. މިކަމުގެ ސަބަބުން ބަބުލްގެ މެސެޖު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރައި، ދުނިޔޭގެ އެންމެ ބޮޑެތި މަންސަތަކުން ދިވެހި ކުއްޖެއްގެ އަޑު ގިނަ ބަޔަކަށް އިވިގެންދިޔައެވެ.

އޭނާގެ 88.2 މިލިއަން ފޮލޯވަރުން ތިބި އިންސްޓަގްރާމާއި 57 މިލިއަން ފޮލޯވަރުން ތިބި ފޭސްބުކްއަަށް ދޫކޮށްލި މި ވީޑިއޯގައި ބެކަމް ބުނެފައި ވަނީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކުއްޖަކަށްވެސް ތައުލީމާއި، ފުރުސަތާއި، ރައްކާތެރިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ޔުނިސެފުން ކުރަމުންދާ މުހިންމު މަސައްކަތަށް އޭނާ ތާއިދު ކުރާ ކަމަށެވެ. އަދި ރާއްޖޭގެ ތިން އަހަރުގެ "ބަބުލް" އަކީ އޭނާ ވަރަށް ބޮޑަށް އިންސްޕަޔާ ކޮށްދިން ކުއްޖެއް ކަމަށް ބެކަމް ފާހަގަކޮށްފައި ވެއެވެ.

"އެހެންވެ، އޭނާގެ ވާހަކަ ހިއްސާކުރުމަށް އަޅުގަނޑުގެ މި މަންސަ އޭނާއަށް ދޭން ބޭނުންވި. އޭނާގެ މެސެޖަކީ، ކޮންމެ ކުއްޖެއްގެ އަޑަކީވެސް، ކިތަންމެ ކުޑަ ނަމަވެސް، އެއީ އަޑުއަހަންޖެހޭނެ އަޑެއްކަމުގެ ހަނދާންކޮށްދިނުން،" ބްލޫ ހާޓްއަކާއެކު ބެކަމް ކުރި ޕޯސްޓްގައި ވެއެވެ.

ބެކަމްގެ އާއްމު ކުރި ވީޑިއޯ ފެށެނީ ކޮންމެ ކުއްޖަކަށްވެސް އުނގެނުމާއި، ހުވަފެން ހަގީގަތަކަށް ހެދުމާއި، އުފާވެރިކަމާއި، ލޯބި އިހުސާސް ކުރުމާއި، ރައްކާތެރި ހައްގު ލިބިގެންވާ ކަމަށް ބެކަމް ބުނާ ތަނުންނެވެ. ދެން އޭނާ ދައްކަނީ ތިން އަހަރުގެ ބަބުލްއެވެ.

އެއް މިނެޓާއި 15 ސިކުންތުގެ މި ވީޑިއޯގައި ބަބުލްގެ ދުވަހުގެ ތެރެއިން ބައެއް ހަރަކާތްތައް ދައްކުވައިދެއެވެ. ސްކޫލަށް ދާން ތައްޔާރުވަމުން ދިޔަ ބަބުލް އަމިއްލައަށް ބޫޓަށް އަރައި، އޭނާ ދަނީ ސްކޫލަށް ކަމަށް ބުނެއެވެ. ވީޑިއޯއިން ބަބުލް އޭނާގެ މަންމަ އާއި ބައްޕަ އަދި ދައްތައާއެކު ސްކޫލަށް ގޮސް، ކުޅެ، ލަވަ ކިޔައި، މަޖާ ކުރާ މަންޒަރު ފެނިގެންދެއެވެ. އަދި ސްކޫލްގައި ސިއްހަތަށް ފައިދާ ހުރި މޭވާ ކާކަމަށާއި، އަމިއްލައަށް ހެދުން ސެލެކްޓް ކުރުމަށްފަހު މަންމައާއި ބައްޕައާއެކު ބޭރަށް ދެވޭތީ އުފާވާ ވާހަކަވެސް ބަބުލް ކިޔައިދެއެވެ.

ކުޅުމުގެ ތެރޭގައި ވެއްޓިގެންދާ މަންޒަރަށްފަހު، މަންމަ އާއި ބައްޕަ އޭނާއަށް އެނާޖީ ދިން ކަމަށް ބުނެ، "އައި އޭމް އަ ބިގް ސްޓްރޯންގް ގާލް" ކަމަށް ބަބުލް ބުނެއެވެ. މީގެ އިތުރުން ކުނި ހޮވައިގެން ޑަސްޓްބިނަށް އަޅައި، އޭނާއަކީ ރީތި ކުއްޖެއް ކަމަށް ބުނެ ވީޑިއޯ ނިންމާލައެވެ.

މި ވީޑިއޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ. ފޭސްބުކްގައި 12،000 އަށްވުރެ ގިނަ ލައިކްސް، 350 އަށްވުރެ ގިނަ ކޮމެންޓްސް، އަދި 260 އަށްވުރެ ގިނަ ޝެއާ ލިބިފައި ވާއިރު، އިންސްޓަގްރާމްގައި ލައްކައަކަށްވުރެ ގިނަ ލައިކްސް، 1،300 އަށްވުރެ ގިނަ ކޮމެންޓްސް، އަދި 2،000 އަށްވުރެ ގިނަ ޝެއާ ލިބިފައި ވެއެވެ. މިކަމުގެ ސަބަބުން ބަބުލްގެ ވާހަކައާއި، ކުޑަކުދިންގެ ހައްގުތަކުގެ މުހިންމުކަން ދުނިޔޭގެ ފެންވަރުގައި އަލިއަޅުވައިލެވިފައި ވެއެވެ.