90ގެ އަހަރުތަކުގައި ބޮޑުވި ގިނަ ދިވެހިންނަށް، އީދުގައި ވަނީ ޚާއްސަ އަދި ތަފާތު އިހުސާދެކެވެ. އެއީ އީދު ދިވެހި ފިލްމު ބެލުމަށް ޓީވީ ކައިރިއަށް އެއްވާ ހިނދު އުފެދޭ އުފާވެރިކަމާއި އާއިލީ އެކުވެރިކަމެވެ. ޢީދު ކެއުންތަކަށްފަހު، ރަހަމީރު ކުކުޅު ރިހަ ، ޕާޕަރު ، މުގުރިހަ، ސަޓަނި އަދި ކޮބާ ހަލުވިދާ ފަދަ ކެއުންތަކުގެ ވަހާއި، ހުނުމުގެ އަޑުން ގެތައް ފުރިގެންދާ ހިނދު، ކުޑަކުދިންނާއި ޒުވާނުން އަދި ބޮޑެތި މީހުންވެސް، އޭރު ޓީވީ ދޮށަށް ޖަމާވެ ތިބެނީ ފިލްމު ފެށުމަށް އިންތިޒާރުކުރަމުންނެވެ. އެއީ ހަމައެކަނި ފިލްމެއް ނޫނެވެ؛ އެއީ އަހަރަކު ދެފަހަރު އަންނަ ޚާއްސަ ހަރަކާތެކެވެ. އެ އިންތިޒާރުގެ ސަބަބުން އެ ވަގުތުތައް ހަނދާނުން ނުފިލާ އަސަރުތަކެއް ކަމުގައި ވެގެންދިޔައެވެ.
މެންދުރުފަހުގެ ޓިވީއެމްއިން ގެނެސްދޭ ޢީދު ދުވަހަށް ޚާއްސަ ދިވެހި ފިލްމުތަކަކީ އެ ޒަމާނުގެ ސަގާފަތެވެ. ސްޓްރީމިންގ ޚިދުމަތްތަކާއި ނިމުމެއް ނެތް މުނިފޫހިފިލުވުންތައް އައުމުގެ އެތައް އަހަރެއް ކުރިން، އަޅުގަނޑުމެންގެ ދުވަސްތައް ރާވަނީ ޚާއްސަ އެންމެ ފިލްމެއް ބެލުމަށްޓަކައެވެ. މިއީ ގައުމު އެއްބައިވަންތަކޮށްދިން، އާއިލާތަކާއި ރައްޓެހިން އެއް ސްކްރީނެއްގެ ސަބަބުން ގުޅުވައިލި ޢާންމު ތަޖުރިބާއެކެވެ.
މިއަދު އަޅުގަނޑުމެން ފަހަތަށް ބަލައިލާއިރު، އެ އާދައާ ގުޅިފައިވަނީ ނޮސްޓަލްޖިއާގެ ފުން ހޫނުކަމެކެވެ. 90ގެ އަހަރުތަކުގެ ޢީދު ފިލްމުތައް ހަނދާންކޮށްދެނީ ހަމަޖެހޭ އަދި އާދައިގެ ދިރިއުޅުމެއް އޮތް ޒަމާނެކެވެ. ވަގުތުތައް މަޑުޖެހި، އާއިލާތައް އެކުވެ، އެންމެ ޓީވީ ޕްރޮގްރާމަކުން މުޅި ރަށަށް އުފާވެރިކަން ގެނެސްދިން ޒަމާނެކެވެ. ގިނަ ބަޔަކަށް، އެ މެންދުރުފަހުގެ ވަގުތުތަކަކީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫނެވެ؛ އެއީ އޭރުގެ ދިރިއުޅުމުގެ ބައެކެވެ. އަދި އެއީ މިހާރުވެސް ގިނަ ބަޔެއްގެ ހިތްތަކުގައި ދިރިހުރި ފާޅުކަން ބޮޑު ހަނދާންތަކެއް އުފެއްދި ވަގުތުތަކެކެވެ.
