ގްރީސް އަދި އަލްބޭނިއާ އާ ގުޅިފައިވާ ސަރަހައްދެއްގައިވާ ހޮހަޅައަކުން، ޓެނިސް ކޯޓެއްގެ ދެބައިކުޅަ އެއްބައިހާ ބޮޑު، ބިޔަ މަކުނުވާގަނޑެއް ސައިންޓިސްޓުން ހޯދައިފިއެވެ. މި މަކުނުވާގައި 111,000 މަކުނު ހިމެނޭކަން ދިރާސާތަކުން ވަނީ ހާމަވެފައެވެ.
"ސަލްފަރ ކޭވް" ގެ ނަމުން މަޝްހޫރު މި ހޮހަޅަ ހުންނަނީ ގްރީސް އާއި އަލްބޭނިއާ އާ ދެމެދުގައިވާ ވްރޮމޮނަރ ގޯޖްގައެވެ. "ސަބްޓެރޭނިއަން ބަޔޮލޮޖީ" ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، މި މަކުނުވާގެ މަޅީގެ ބޮޑުމިނަކީ ގާތްގަނޑަކަށް 106 އަކަ މީޓަރެވެ.
މި ބިޔަ މަޅީގައި 69,000 "ޑޮމެސްޓިކް ހައުސް ސްޕައިޑަރ" ގެ އިތުރުން، 42,000 އަށް ވުރެ ގިނަ "ޕްރައިނެރިގޯން ވެގަންސް ޑްވާފް ވީވަރސް" ހިމެނެއެވެ. އަލްބޭނިއާ، ރޮމޭނިއާ، ބެލްޖިއަމް، ޖަރުމަނު އަދި އިޓަލީގެ ޔުނިވަރސިޓީތަކާއި ނެޗުރަލް ހިސްޓަރީ މިއުޒިއަމްތަކުގެ ދިރާސާވެރިން މި ހޯދުން ސިފަކޮށްފައިވަނީ، އާންމުކޮށް ވަކިވަކީން އުޅޭ ދެ ބާވަތުގެ ފައިދިގުމަކުނު ގުޅިގެން މަޅި ހެދި ފުރަތަމަ ފަހަރުގެ ގޮތުގައެވެ.
ދިރާސާވެރިން ބުނި ގޮތުގައި، މި މަކުނު ކޮލޮނީއަކީ އެ ތަނުގައި މަކުނު އުޅޭ މިންވަރާއި، އެ ތަނުގެ ބޮޑުމިނާއި، މަކުނުގެ ބާވަތްތަކާއި، ކާނާގެ ވަސީލަތްތަކަށް ބަލާއިރު ތަފާތު އަދި ފާހަގަކޮށްލެވޭ ހޯދުމެކެވެ. މިއީ މި ބާވަތްތަކުގެ މަކުނު ގުޅިގެން މަޅި ހަދާފައިވާ ކަމަށް ރިކޯޑުކުރެވިފައިވާ ފުރަތަމަ ފަހަރު ކަމަށް ދިރާސާވެރިން ބުނެފައިވެއެވެ. މި މަޅި އުފެދިފައިވަނީ ގިނަ އަދަދެއްގެ "ފަނަލް-ޝޭޕްޑް ވެބްސް" ގުޅިގެންނެވެ.
ގިނަ އަދަދަކަށް ސަލްފަރު އެކުލެވޭތީ "ސަލްފަރ ކޭވް" އޭ ކިޔާ މި ހޮހަޅައިގެ ދޮރާއްޓަކީ ގްރީސްގައި ހުންނަ ދޮރާއްޓެކެވެ. ނަމަވެސް އެ ހޮހަޅައިގެ އެންމެ ފުނުގައިވާ ސަރަހައްދުތައް ހުންނަނީ އަލްބޭނިއާގެ ބިމުއަޑީގައެވެ. ހޮހަޅައިގެ ފުން ސަރަހައްދުތަކުގައިވާ ފެންއާރުތަކުން ސަލްފައިޑިކް ސްޓްރީމެއް އެ ހޮހަޅައިގެ މައި މަގުތަކުގައި ދައުރުވާކަމަށް ދިރާސާގައިވެއެވެ.
މަކުނު ތަކުގެ އިތުރުން ސެންޓިޕީޑް، ސްކޯޕިއަން އަދި ބީޓްލްސް ފަދަ ގިނަ އަދަދެއްގެ އެހެނިހެން ސޫފި މި ހޮހަޅައިގައި އުޅެއެވެ. މި ހޯދުން އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ޗެކް ސްޕެލިއޮލޮޖިކަލް ސޮސައިޓީގެ މެންބަރުން ކަމަށްވެސް ދިރާސާގައި ވަނީ ބަޔާންކޮށްފައެވެ.
