ރަޝިއާގައި އުފެއްދި ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބާރުލިބިފައިވާ ހިއުމަނޮއިޑް ރޮބޮޓް، "އޭއައިޑޮލް"، އޭގެ ފުރަތަމަ އާންމު ހުށަހެޅުމުގައި ކުއްލި ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ. މި ހާދިސާގެ ވީޑިއޯ މިދިޔަ ހަފްތާގައި އޮންލައިންކޮށް ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ގިނަ ބަޔަކު މިކަމާ ގުޅިގެން މަޖާ ކޮމެންޓްތައް ކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މޮސްކޯގެ ޔާރޮވިޓް ހޯލް ކޮންގްރެސް ސެންޓަރުގައި ބޭއްވުނު ޓެކްނޮލޮޖީގެ ކުރިއެރުންތައް ދައްކުވައިދޭ މައުރަޒެއްގައެވެ. "އޭއައިޑޮލް" ނަމަކަށް ކިޔާ މި ރޮބޮޓް ތައާރަފުކުރުމުގެ ރަސްމިއްޔާތުގައި، ރޮބޮޓް ފުރަތަމަ ފަހަރަށް ސްޓޭޖްގެ އެއް ފަރާތުން އަނެއް ފަރާތަށް ވަރަށް މަޑުމަޑުން ހިނގަން ފެށިއެވެ. ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ގަދަފަދަ ހިތްވަރާއިއެކު އޭގެ އެއް އަތް އުފުލައިގެން ބެލުންތެރިންނަށް ހައި ޖަހާލުމަށްފަހު، އެއްވެސް ހަރަކާތެއް ނެތި ކޮންޓްރޯލް ގެއްލި، މޫނު ވަތަށް ވެއްޓުނެވެ.
ރޮބޮޓް ވެއްޓުމާއެކު، އިވެންޓްގެ މުވައްޒަފުން ވަގުތުން ސްޓޭޖަށް އަރައި، ކަޅު ފޮތިގަނޑަކުން ރޮބޮޓް ނިވާކުރުމަށްފަހު، އެތަނުން ގެންދިޔައެވެ. މި ހާދިސާއާއެކު ހުށަހެޅުން ކުއްލިއަކަށް ނިމުމަކަށް އައެވެ. ދެ މުވައްޒަފުން ޝީޓެއް ބޭނުންކޮށްގެން މިކަން ފޮރުވަން މަސައްކަތް ކުރި މަންޒަރުވެސް އޮންލައިންގައި ވަރަށް ބޮޑަށް ފެތުރިފައިވެއެވެ.މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ވަރަށް މަޖާ ރިއެކްޝަންތައް ދީފައިވެއެވެ.
މޮސްކޯގައި ހުންނަ ރޮބޮޓިކްސް ކުންފުނި އައިޑޮލްގެ ސީއީއޯ ވްލަޑިމިއަރ ވިތޫކިން ވިދާޅުވީ، ރޮބޮޓް ވެއްޓުމުގެ ސަބަބަކީ ކެލިބްރޭޝަން މައްސަލަތަކެއް ކަމަށާއި، "އޭއައިޑޮލް" ގެ ސްޓީރިއޯ ވިޝަން ސިސްޓަމް، ހަރަކާތްތެރިވި ތަނުގެ އަލިކަމަށް ބޭނުންވީ ވަރަށްވުރެ ބޮޑަށް ސެންސިޓިވްވުން ކަމަށެވެ. އެ މަންޒަރު ސިފަކުރައްވަމުން އޭނާ ވިދާޅުވީ މިއީ "ރިއަލް ޓައިމް ލާނިންގ" ކަމަށާއި، މި ތަޖުރިބާގެ ސަބަބުން ރޮބޮޓްގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ކުންފުނިން ބުނާ ގޮތުގައި، "އޭއައިޑޮލް" އަކީ ހިނގާބިނގާވެ، ތަކެތި ހިފާ އުފުލާ ، އަދި މީހުންނާ މުޢާމަލާތް ކުރުމަށްޓަކައި ފަރުމާކުރެވިފައިވާ ރޮބޮޓެކެވެ. މީގެ އިތުރުން އެ ރޮބޮޓްގެ ސިލިކޯން މޫނުމަތިން 12 އިހުސާސް ދައްކުވައިދޭނެއެވެ. ވެއްޓުމުގެ މި ހާދިސާއާ އެކުވެސް، މި ރޮބޮޓް ތަރައްޤީ ކުރާ ފަރާތްތަކުން ގަސްތުކުރަނީ، އުފެއްދުންތެރިކަމުގެ ދާއިރާގައި، ލޮޖިސްޓިކްސްގައި އަދި އާންމު ޚިދުމަތްތެރި މާހައުލުތަކުގައި އެހީތެރިވުމަށްޓަކައި މިރޮބޮޓް ބޭނުންކުރުމެވެ.
