ކޮންމެ މީހަކުވެސް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވެއެވެ. އުމުރަށް އަންނަ ބަދަލާއެކު ވަރަށް ގިނަ ސިއްޙީ މައްސަލަތައް އެކި މީހުންނަށް ދިމާވާއިރު، މިކަންކަމުން ދުރުހެލިވުމަށް އެކިމީހުން ކުރަނީ އެކި ކަންކަމެވެ. ކަސްރަތުކުރުމާއި، ރަނގަޅު ކާނާ ކެއުންކަހަލަ ކަންކަން މީހުންކުރެއެވެ. މި ލިޔުމުގައި މިބަލައިލަނީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ފަސޭހައިން ކޮށްލެވިދާނެ ބައެއް ކަންކަމަށެވެ. އެގޮތުން ސިއްޙީ ދުޅަހެޔޮކަން ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ ޖިސްމާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ދުޅަހެޔޮކަމެވެ.

ޖިސްމާނީ ދުޅަހެޔޮކަން

ޖިސްމާނީ ގޮތުން ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ފަސޭހައިން ކޮށްލެވިދާނެ ބައެއްކަމުގެ ތެރޭގައި ރަނގަޅަށް ފެންބުއިމާއި، ހަރަކާތްތެރިވެ އުޅުމާއި، ނިދުމުގެ ރަނގަޅު އާދަތަކުގައި ހިފުމާއި، މިންހެޔޮ ކެއުން ހިމެނުމާއި، ގެއްލުން ލިބޭ ޒާތުގެ ކެއުންތަކާ ދުރުހެލިވުން ހިމެނެއެވެ.

ފެން ބުއިން: ނިދާ ހޭލުމަށްފަހު ހުސްބަނޑާ އެއްތަށި ފެން ބުއިމަށްފަހު، ދުވާލަކު މަދުވެގެން 8 ތަށި ފެން ބޯންވާނެއެވެ. ނަމަވެސް، ބުރަ މަސައްކަތްކުރާ މީހުން ނުވަތަ ގިނައިން ހަށިގަނޑުން ފެން ބޭރުވާ ޒާތުގެ މަސައްކަތެއްގައި އުޅެވޭނަމަ، ގިނައިން ފެން ބޯންވާނެއެވެ.

ހަރަކާތްތެރިވުން: މިހާރަށް ބަލާއިރު ހަރަކާތްތެރިވުން މަދެވެ. އަބަދުވެސް ސައިކަލުގައި ނުވަތަ ސިޑީގެ ބަދަލުގައި ބޭނުންކުރެވެނީ ލިފްޓެވެ. އޭގެ ބަދަލުގައި ގިނައިން ހިނގުމާއި، ސިޑި ގިނައިން ބޭނުންކުރުމާއި، ދުވާލަކު މަދުވެގެން 10-30 މިނެޓާއި ދެމެދު ހިނގާލުމާއި، ގަޑިއަކު އެއްފަހަރު ތެދުވެލާ، ކަސްރަތުކޮށްލުމަކީ ކޮށްލެވިދާނެކަމެކެވެ.

ނިދުމުގައި ރަނގަޅު އާދަތައް ގެންގުޅުން: ފުރަތަމަވެސް ބަދަލުކޮށްލަންވީ ނިދުމުގެ ތާވަލެވެ. ވަކި ތާވަލަކަށް ނިދުން ބައްޓަންކުރުން މުހިންމެވެ. ނިދުމުގެ 30 މިނެޓުކުރިން ކޮޓަރީގެ އަލިކަން ފަނޑުކޮށްލުމާއި، ނިދުމުގެ ކުރިން ސްކްރީން ވަގުތު މަދުކޮށްލެވިދާނެއެވެ.

މިންހެޔޮކޮށް ކެއުން:  ކެއުންތަކުގައި ތަރުކާރީއާއި މޭވާ ހިމެނުން މިހާރުންފެށިގެން ފަށާށެވެ. އޭރުން ހަށިގަނޑަށް ލިބެންޖެހޭ މުހިންމު މާއްދާތައް ކޮންމެ ކެއުމަކުން ލިބިގެންދާނެއެވެ.

ތައްޔާރީ ކާނާތަކާއި ދުރުވުން: އެންމެ މުހިންމު އެއްކަމަކީ ތައްޔާރީ ކާނާ އާއި ދުރުވުމެވެ. ފަސޭހަކަން ޚިޔާރުކުރުމުގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި ކެއުންތަކަށް އުޅުން ބަދަލުކޮށްލާށެވެ. ހަކުރު ހިމެނޭ ބުއިންތަކާއި ތަފާތު އެނާޖީ ޑްރިންކްތައް ދޫކޮށްލާށެވެ.

ނަފްސާނީ ދުޅަހެޔޮކަން

ޖިސްމާނީ ދުޅަހެޔޮކަމާއެކު ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނުން ވަރަށް މުހިންމެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްލުމަށް ފަސޭހައިން ކޮއްލެވިދާނެ ކަންކަމުގެ ތެރޭގައި، ދުވަހީ ތާވަލެއް ހެދުމާއި، ސިކުނޑި ތާޒާކޮށްލުމަށް ކަންކަން ކޮށްލުމާއި، ސްކްރީން ވަގުތު މަދުކުރުމާއި، ކިޔުމަށް ވަގުތުކޮޅެއް ހޭދަކުރުމާއި، އެހެންމީހުންނަށް އޯގާތެރިވުމުގެ ކޮންމެވެސް ޢަމަލެއް ކޮށްލެވިދާނެއެވެ.

އެގޮތުން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި، ކޮންމެ ދުވަހަކުވެސް އެ ދުވަހެއް ފެށުމުގެ ކުރިން އެދުވަހަކު ކުރާނެކަންކަން ނޯޓު ކޮށްލެވިދާނެއެވެ. ފޯނުގައިވެސް އެކަން ކޮށްލެވޭނެއެވެ. އަދި 5-15 މިނެޓު އަޑުމަޑު އެހެން މީހުންގެ އުނދަގޫ ނުފޯރާ ތަނެއްގައި މަޑުމައިތިރިކަމާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މި ވަގުތުކޮޅުގައި ފުންކޮށް ނޭވާލުމާއި، ސްޓްރެސް ފިލުވާލެވޭނޭ އެހެން އުކުޅުތައް ބޭނުންކޮށްލެވިދާނެއެވެ. ސޯޝަލް މީޑިއާއާއި އެހެނިހެން ކަންކަމުގައި ސްކްރީން ވަގުތަށް ހޭދަކުރާ ވަގުތު މަދުކޮށްލާށެވެ. އޭގެ ބަދަލުގައި 15-30 މިނެޓު ކޮންމެވެސް ފޮތެއް ކިޔާލުމަށް ހޭދަކޮށްލާށެވެ. އޭގެ ސަބަބުން ސިކުނޑިއަށް ކުރާ ބާރު ކުޑަވެ، މަޢުލޫމާތު މުއްސަނދިވުމަށް އެހީތެރިވެދޭނެއެވެ. މުޅި ދުވަހު އެކި ކަންކަމުގައި އުޅޭއިރު، އެހެން މީހުންނާމެދު ދެކޭ ގޮތް ބަދަލު ކޮށްލާށެވެ. 'ނެގެޓިވް' ކޮށް ނުވިސްނާ، ކޮންމެ ކަމެއްގައިވެސް ފައްސިކޮށް ވިސްނަން ފަށާށެވެ. 

މި ދެންނެވި ކަންކަމަށް މިހާރުން ފެށިގެން ޢަމަލުކުރަން ފެށުމުން ކުރު މުއްދަތެއްގެ ތެރޭގައި ތިބާގެ ސިއްޙަތަށް ހެޔޮ ބަދަލެއް ގެނެވޭނެއެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ.