އަހަރުމެންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އަބަދު ބަޔަކާއެކު އުޅެވޭގޮތް ނުވެއެވެ. ބައެއް މީހުން އާއިލާ މީހުންނާއި، ރައްޓެހިންނާ އަދި އޮފީސް އެކުވެރިންނާއެކު ވަގުތުތައް ހޭދަކުރެއެވެ. ނަމަވެސް، އަހަރުމެންގެ ތެރޭގައި ހުސްވަގުތު އެކަނިމާއެކަނި އުޅެން ބޭނުންވާ މީހުންވެސް އުޅެއެވެ. އެހެން މީހުންތެރޭ މާބޮޑަށް އުޅެން ބޭނުންނުވާ މީހުންނެވެ. ނުވަތަ އެހެން މީހުންނާއެކު ވަގުތު ހޭދަކުރިޔަސް ދުވަހުގެ ވަކި ވަގުތެއް އެކަނި އުޅެލަން ބޭނުންވާ މީހުންވެސް އުޅެއެވެ. މިހެން ވަގުތު ހޭދަ ކުރާ މީހުން ގިނަ ފަހަރު މުޖުތަމަޢުގައި ތައްގަނޑު ޖެހިފައިވަނީ އެއީ އެކަނިވެރިއެއް ނުވަތަ އެހެން މީހުންނާ ނުގުޅިއުޅެން އުޅޭ މީހުންގެ ގޮތުގައެވެ.

ނަމަވެސް، ދުވަހުގެ ކޮންމެވެސް ވަގުތެއް އެކަނި ވަގުތު ހޭދަކޮށްލުމަކީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރާ ގޮތުގައި ވަރަށް މުހިންމުކަމެކެވެ. އެގޮތުން، އެ ވަގުތުކޮޅު ހޭދަކޮށްލުމުގެ ސަބަބުން ތިމާގެ އަމިއްލަ އުޅުން މިނެކިރާލަން ވަގުތު ލިބި، ކަންކަމާމެދު އަމިއްލަ ވިސްނުން ބަހައްޓަން އެހީތެރިވެދެއެވެ. އަދި އެހެން މީހުންގެ ފައްސިނޫން ޚިޔާލުތަކާ ވާހަކަތަކުން ދުރުހެލިވެ، އަމިއްލައަށް ކަންކަމާމެދު ދެކޭގޮތް ތަޞައްވުރުކޮށްލަން ފުރުޞަތުލިބެއެވެ. އަދި އެހެން މީހުންގެ ޢަމަލުތަކާއި ބުނާ ބަސްތަކާމެދު ވިސްނާލެވުމާ، ކުރިއަށް އޮތްތަނުގައި އަމިއްލަ މީހާއަށް ރަނގަޅު ކޮށްލަން ހުރި ކަންކަން ދެނެގަނެވޭނެއެވެ.

މިގޮތަށް ހުސްވަގުތު އެކަނި ހޭދަކުރާއިރު، އެކަނިވެރިކަން އިހްސާސް ނުކުރެވޭނެ ގޮތަކަށް ކަންކަން ތަރުތީބު ކޮށްލުން މުހިންމެވެ. އެންމެ ފުރަތަމަ ކަމެއް ދިމާވުމުން އެކަނިވެރިވެލުމުގެ ބަދަލުގައި މިކަން ދުވަހީ ތާވަލުގައި ހިމަނާލާށެވެ. ތާވަލު ހަދާއިރު ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއް އެކަނިވެލުމަށް ހުސްކޮށްލާށެވެ. އެކަން ފަށާއިރު މަދު ވަގުތުކޮޅެއް ހިމަނައިގެން ފެށިޔަސް އެންމެ ރަނގަޅުވާނެއެވެ. އެކަން އާދައަކަށް ހަދާށެވެ. މިސާލަކަށް އެކަނި ކޮފީއެއް ބޯލުމަށް ވަގުތުކޮޅެއް ހުސްކޮށްލެވިދާނެއެވެ. ނުވަތަ އެކަނި ހިނގާލުމަށް ނުވަތަ ސައިކަލު ދުއްވާލުމަށް ހޭދަކޮށްލެވިދާނެއެވެ. 

ހުސްކޮށްލާ ވަގުތުކޮޅުގައި ތިމާ އެންމެ ކުރަން ހިތް އެދޭ ކަންކަމަށް ހޭދަ ކޮށްލުމަކީ މި ދެންނެވި ގޮތަށް އެ ވަގުތުކޮޅު އެކަނިވެރިކަން އިހްސާސް ނުވާނޭހެން ހޭދަކޮށްލެވޭނޭ ގޮތެވެ. މިކަން ކުރުމަށްޓަކައި، ކުރަން ބޭނުންވާ ނުވަތަ ތިމާގެ ޝައުގުވެރިކަން ހުންނަ ކަންކަން ދެނެގަންނަން ޖެހެއެވެ. ކުރެހުން، ކުލަޖެއްސުން، ލިޔުން، ކިޔުން ނުވަތަ ވާހަކަ އަޑުއެހުން ކަހަލަ ކަންކަން ކުރެވިދާނެއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ، އެވަގުތު ކުރަން އުޅޭ ކަމަކީ ތިމާގެ ސިކުނޑިއަށް ލުއިކަން ގެނެސްދޭ ނުވަތަ ހިތްހަމަޖެހުން ގެނެސްދޭ ކަމަކަށް ވާންވާނެކަމެވެ. މިސާލަކަށް އައު ކަމެއް ތަޖުރިބާކޮށްލުމަށް އައު ތަނަކަށް ދެވިދާނެއެވެ.

ތިމާގެ ވިސްނުން ބަދަލުކޮށްލަން ޖެހެއެވެ. އެކަނިވެލުމަކީ ތިމާ ބޭނުންނެތް މީހަކަށް ވުމެއް ނޫނެވެ. ނުވަތަ ބޭކާރު މީހަކަށްވުމެއް ނޫނެވެ. އެއީ ތިމާގެ އަސްލު ތިމާއަށް ދެނެގަންނަން ލިބޭ ވަގުތުކޮޅެއްގެ ގޮތުގައި ވިސްނާށެވެ. މި ވަގުތުކޮޅުގައި ޓީވީ ބެލުމާއި، އެހެނިހެން ހުރަސްތަކަށް ފުރުޞަތު ނުދޭށެވެ. 

މިއީ ގިނަގުނަ ފައިދާތަކެއް ލިއްބައިދޭނޭ ކަމެކެވެ. މީހުން ދެކޭ ގޮތް ދޫކޮށްލާށެވެ. ނަމަވެސް މިކަމުގެ ސަބަބުން ތިމާއަށް ލިބޭނެ ނަފްސާނީ ފައިދާއަށް ވިސްނާށެވެ. މިކަމުން ސްޓްރެސް ފިލުވައިލުމަށް އެހީވެދީ، ކަންކަމާމެދު ފައްސިކޮށް ވިސްނުމަށް ތިމާއަށް ބޮޑު އެހީތެރިކަމެއް ވެދޭނެއެވެ. ނިކަން އަޅެ މިއަދުންފެށިގެން މިކަން ކޮށްލެވޭތޯ ބަލަމާ ހިނގާށެވެ.