ބޮލީވުޑްގެ ޒުވާން އެކްޓަރ ކާތިކް އާރްޔަންއަކީ މިފަހުން ނުކުތް އެންމެ ހުނަރުވެރި އެންމެ ކާމިޔާބު އެއް އެކްޓަރެވެ. 2018 ވަނަ އަހަރު ނުކުތް "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އަށްފަހު ކާތިކަށް އަންނަނީ ބޮޑެތި ފިލްމުތަކުން ގިނަ ހުށަހެޅުންތަކެއް ލިބެމުންނެވެ. ނަމަވެސް މިފަހުން އޭނާއަށް ބޮޑު 2 ފިލްމެއް ލިބި ގެއްލިފައިވަނިކޮށް އަނެއްކާވެސް އިތުރު ފިލްމަކުން އޭނާ ބޭރުކޮށްލި ވާހަކަ މިވަނީ މީޑިއާގައި ދެކެވެން ފަށާފައެވެ.

މިފަހަރު ދެކެވެމުން ދަނީ "ތަންނޫ ވެޑްސް މަންނޫ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ އާނަންދު އެލް. ރާއީގެ ގޭންގްސްޓާރ ފިލްމަކުން ކާތިކް ބޭރުކޮށްލި ވާހަކައެވެ. އޭނާ އެ ފިލްމުން ބޭރުކޮށްލީ ސްކްރިޕްޓަށް ބަދަލުތަކެއް ގެންނަން ޑިމާންޑް ކުރާތީކަމަށް ޚަބަރުތައް ބުނެއެވެ. އެ ފިލްމަކީ އާނަންދުގެ އެސިސްޓެންޓް ޑައިރެކްޓްކުރާ ފިލްމެއް ކަމަށްވެއެވެ.

ކުރިން ކަރަން ޖޯހަރްގެ "ދޯސްތާނާ 2"ގެ 20 ދުވަހުގެ ޝޫޓިންގއަށްފަހު އޭނާ ފިލްމަށް ވަގުތު ނުދޭކަމަށް ބުނެ ވަނީ ފިލްމުން ވަކިކޮށްފައެވެ. އަދި ދަރްމާ ޕްރޮޑަކްޝަންސްގެ އެއްވެސް ފިލްމެއްގައި ކާތިކް ނުހިމަނަން ވަނީ ނިންމާފައެވެ. އޭގެ ފަހުން ޝާހް ރުކް ޚާންގެ ޗިލީސް އެންޓަޓެއިންމެންޓުން އުފައްދާ "ގުޑްބާއީ ފްރެޑީ" އިންވެސް ކާތިކް ވަނީ ވަކިކޮށްފައެވެ. އެ ފިލްމުން އޭނާ ވަކިކުރި ވަކި ސަބަބެއް ނޭނގޭއިރު ރިޕޯޓުތައް ބުނާގޮތުން އެކަމުގައި ކަރަން ޖޯހަރު ނުފޫޒު ވަރަށް ބޮޑަށް ފޯރާފައި ވާނެއެވެ.

އާނަންދުގެ ފިލްމުން ކާތިކް ބޭރުކޮށްލި ވާހަކަ އާނަންދު ދޮގުކުރެއެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އަތުގައި ވަރަށް ގިނަ ސްކްރިޕްޓް އެބަހުއްޓެވެ. އަދި އެކި ފަންނާނުންނަށް ރޯލުތައް ހުށަހަޅަމުން ދާކަމަށާއި އޭގެ މާނައަކީ އެމީހުން ފިލްމަށް ހަމަޖެއްސުން ނޫންކަމަށެވެ. އެމީހުންނަށް ފިލްމު ހުށަހަޅަނީ އެ ރޯލަށް ފިޓުވާ މީހަކު ބަލައިގެން ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި ޕްރޮޑިއުސަރެއް ނުވަތަ ޑައިރެކްޓަރަކާއި އެކްޓަރެއް ބައްދަލުކުރާ ކޮންމެ ފަހަރަކީ ފިލްމަށް ސޮއިކުރުވަން ވާ ބައްދަލުވުމެއް ކަމަށް ބަލައިގެން ނުވާނެކަމަށްވެސް އާނަންދު ބުނެފައިވެއެވެ.