ދުންފަތުގެ އިސްތިޢުމާލުކުރުން މިވަނީ މި މުޖުތަމަޢުގައި އަތް ނުފޯރާފަށަށް ގޮސްފައެވެ. އެކި ސަރުކާރުތަކުން އެތައް މަސައްކަތެއް މި ނުބައި އާދައިން މިންޖުކުރުމަށް ކުރަމުންދާއިރުވެސް މިކަމުގައި މީހުންގެ އަމަލުތައް އަދިވެސް ހުރީ ކަންބޮޑުވާ ދަރަޖައެއްގައެވެ.
ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކުރާ އެންމެ ވިޔާނުދާ އެއްކަމަކީ، އެ އަމަލު ނުކުރާ މީހުން ތިބޭ ތަންތަނުގައި، ޚާއްޞަކޮށް ކުޑަކުދިން ކައިރީގައި އެ ޢަމަލުކުރުމެވެ. ދަރި އުރައިގެން ހުރެވެސް ސިނގިރޭޓް ބޮނީއެވެ. އަތުގައި ހިފައިގެން މަގުމަތީގައި ދާއިރުވެސް އެއް އަތުގައި އޮންނަނީ ސިނގިރޭޓެކެވެ.
މިއީ ނުރައްކާތެރިކަމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހާ ދޫކުރާ ދުމުން އެހެން މީހުންނަށް ލިބޭ ނުރައްކާ ގެއްލުން މާބޮޑުކަމަށް ސިއްޙީ މާހިރުން ތާއަބަދު އެބަ ކިޔައެވެ. އެއްވެސް ކުށެއްނެތް ތުއްތު ކުދިން އެ ކުދިންގެ ބަލަދުވެރިން ކުރާ މި ވިޔާނުދާ އަމަލުގެ ސަބަބުން ކެންސަރު ކަހަލަ ނުރައްކާތެރި ބަލިތަކަށްވަނީ ހުށަހެޅިފައެވެ. މިއީ އެނގިހުރެ ތިމާގެ ލޯބިވާ ފަރާތްތައް ނުރައްކަލަށް ގަސްތުގައި ވައްޓާލުމެވެ.
ދަރިން ކުރިމަތީ ސިނގިރޭޓު ބުއިމަކީ ދަރިންނަށް ދެވޭ ނުބައި މެސެޖެކެވެ. އެ ޢަމަލަކީ ރަނގަޅު ކަމެއްގެ ގޮތުގައި އެ ދަރިންނަށް ވިސްނައިދެވުމެކެވެ. ޒުވާން އުމުރުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދެވޭ ބާރެކެވެ. އަދި ހިތްވަރެކެވެ.
