މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރެމިއާކުރި ދިވެހި ފިލްމު "ލިލީ" އަކީ، ތަފާތު މޮޅު ޕްރޮމޯޝަނަކަށްފަހު އޮލިމްޕަހާ ހަމައަށް އައި ފިލްމެކެވެ.
ލިލީގެ ޕްރޮމޯޝަންގައި ފުރަތަމަ ބެހީ ލިލީއެވެ. އެއިރު އެއީ ފިލްމެއްގެ ޕްރޮމޯޝަންކަމެއްވެސް ގިނަ ބަޔަކަށް ނޭނގެއެވެ. ނަމަވެސް ލިލީގެ ޓީޒާ ރިލީސްކޮށް، ފިލްމަށް ތައްޔާރުވަމުންދިޔައިރު އެތައް ބައެއްގެ މެދުގައި ލިލީއަށް އޮތް ޝައުގުވެރިކަން ދިޔައީ އިތުރުވަމުންނެވެ.
ލިލީ ޕްރެމިއާކުރިއިރު، އެ ފިލްމުން ދައްކުވައިދެނީ، ދިވެހީންގެ ތެރޭގައި ކުރީއްސުރެ މިއަދާ ޖެހެންދެން އޮތް ވަރަށް ނުރަނގަޅު ކަމެއްގެ ވާހަކައެކެވެ. ވޭނާއި ކެކުޅުމުން ފުރިފައިވާ ކަމެއްގެ ވާހަކައެވެ. ހަށިވިއްކުމާއި ފައިސާއާއި ނުފޫޒާއި އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރައަކަށްވުމާއި ލޯބީގެ ވާހަކަވެސް މި ފިލްމުން ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.
އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭ މި ފިލްމަކީ ބަލާލަން ރަނގަޅު ފިލްމެކެެވެ. މި ފިލްމުގެ ޕްރެމިއާ ޝޯގެ ދައުވަތު ވެސް ދީފައިވަނީ ވަރަށް ތަފާތުގޮތަކަށް މީރު ދުފުމަކާ އެކު ރީތި ފަރުމާއަކުން ހަދާފައިވާ ފޮއްޓެއްގަ އެވެ.
ލިލީ ފިލްމުގެ ޓިކެޓް 7505079 އަށް ވައިބާކޮށްގެން ނުވަތަ https://book.lilythemovie.com އަށް ޒިޔާރަތްކޮށްގެން ނެގޭނެއެވެ. ލިލީގެ އޮލިމްޕަހުގައި މި މަހުގެ 30އާ ހަމައަށް އަޅުވާނެއެވެ.
މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމު ޑައިރެކްޓު ކޮށްފައިވަނީ އަޒްހާން އިބްރާހީމް އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޅ. ހިންނަވަރުގެ އިތުރުން ލާމު އަތޮޅުގެ އެކި ރަށްރަށުގަ އެވެ.
ލިލީ އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެކެވެ މި ފިލްމަކީ ހިންނަވަރުގައި އުޅޭ ލިލީ ނަަމަކަށް ކިޔާ އަންހެނަކަށް ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ ފީޗާއެކެވެ. ފިލްމުގައި ހިމެނޭ މައިގަނޑު ތަރިންނަކީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގެވެ.
