ޑާކް ރެއިން އެންޓަޓެއިންމަންޓުން އުފައްދާ ލޯބީގެ ފިލްމު "އަލްވަދާޢު" ޑިސެމްބަރު 1 ވަނަދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނައިރު، މި ފިލްމުގެ ޓިކެޓަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާތީ، ޓިކެޓް ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން ލަސްނުކޮށް ޓިކެޓް ގަތުމަށް އެންޓަޓެއިންމަންޓުން އިލްތިމާސްކޮށްފިއެވެ.
މިއަހަރު ރާއްޖޭގެ ސިނަމާއަށް އަންނަ އެންމެ އަސަރުގަދަ ލޯބީގެ ފިލްމުގެ ގޮތުގައި ފާހަގަކުރެވޭ "އަލްވަދާޢު" އޮލިމްޕަސް ސިނަމާއަށް އަންނާނީ ޑިސެމްބަރު އެއް ވަނަ ދުވަހުއެވެ. މި ފިލްމުގެ ޝޯ އެޅުވުމަށް ލިބިފައިވަނީ ޑިސެމްބަރ 1 ވަނަ ދުވަހުން 20 ވަނަދުވަހަށް ކަމަށްވާއިރު، މިހާރު ޓިކެޓް ވިއްކުމަށް ހުޅުވާލާފައިވާ 5 ޝޯގެ ތެރެއިން 3 ޝޯ މިހާރުވަނީ ފުލްވެފައެވެ.
މިހާރު ޓިކެޓް ލިބެންހުރީ ހަމައެކަނި ދެވަނަ އަދި ތިންވަނަ ދުވަހުގެ ޝޯތަކަށެވެ. ޓިކެޓް ބުކްކޮށްފައިތިބި ފަރާތްތަކުން ވެސް ލަސްނުކުރައްވައި ޓިކެޓް ނެންގެވުމަށް ޑާކްރެއިންއިން ވަނީ އެދިފައެވެ. ޓިކެޓް ގަތުމަށް 9911229 އަށް ވައިބަރ މެސެޖްކޮށްގެން އޮލިމްޕަސްއަށް ނުދުރުވެވެސް ޓިކެޓް ގަނެލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މި ނަންބަރަށް ގުޅައިގެންވެސް ޓިކެޓް ގަނެވޭނެއެވެ.
ލޯބީގެ މި ހިތްގައިމު ފިލްމަކީ ޝަހުދާ މުހައްމަދު (ޝާހޫ) ލިޔެ، އަލީ ޝިފާޢު (ޗިއްޕޭ) ޑައިރެކްޓްކޮށްފައިވާ އުފެއްދުމެކެވެ. ފިލްމުގެ ސިނަމެޓޯގްރާފަރަކީ ހުނަރުވެރި އެކްޓަރެއްގެ ގޮތުގައި ވެސް ފެނިފައިވާ މުހައްމަދު ފައިސަލެވެ. އަދި ޓެކްނިކަލް މެނޭޖަރަކީ ޒިފާފެވެ.
މި ފިލްމުގެ މައިގަނޑު ދެ ތަރިންނަކީ މަރިޔަމް މަޖުދާ އާއި ޝަރަފް އަބްދުﷲއެވެ. މީގެ އިތުރުން މުހައްމަދު ރަޝީދު، ޝީލާ ނަޖީބް، އަރަމުން އަންނަ ތަރި އައިޝަތު ލައިޝާ ލަތީފް އަދި މަޒީން ހާޒިފް ފަދަ ތަރިން ސަޕޯޓިން ރޯލްތަކުން ފެނިގެންދާނެއެވެ.
