ކޮންމެ މީހަކުވެސް އެމީހެއްގެ ހުރިހާ ސިއްރުތަކެއް ހިއްސާކޮށް މަޝްވަރާކޮށްލާނެ މަދަދުގާރެއް ބޭނުންވާނެއެވެ. ފުރަމިތުރުންނަކީ މިމީހުންނެވެ. ތިމާގެ ބެސްޓް ފްރެންޑެވެ. ބައެއް މީހުން ކުޑައިރުންސުރެ އެކުގައި އުޅުނީތީ ފުރަމިތުރަކަށްވެއެވެ. ބައެއްފަހަރު އެއީ ބައްޕަ ނުވަތަ މަންމަ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އާއިލާގެ ކޮންމެވެސް މީހަކަށްވެސް ވެދާނެއެވެ. އަދި ހަޔާތުގެ ބައިވެރިޔާކަމަށްވެސް ވެދާނެއެވެ. ނަމަވެސް ފުރަމިތުރަކަށް ހަދަންވާނީ މި ދަންނަވާ ޝަރުތުތައް ހުންނަ ކަމުގައިވަނީނަމައެވެ.
ފުރަތަމަކަމަކީ، ވަފާތެރިކަމާއި ތެދުވެރިކަމެވެ. ތިމާގެ ހުރިހާ ވާހަކަތަކެއް ހިއްސާކުރަންވާނީ އެމީހެއްގެ ކިބައިގައި ސިފަ ހުންނަނަމައެވެ. އެހެންނޫންނަމަ، ތިމާގެ ސިއްރުތައް ބޭޒާރުވެ، އެހެން މީހުންގެ މެދުގައި ތިމާގެ އަގު ވެއްޓޭނެއެވެ. އަދި އެއީ ވާހަކަ ހިފައިގެން ދުއްވާ އޮޑިއަކަށް ވެގެންދާނެއެވެ.
ދެވަނަ ސިފައަކީ، އެހީތެރިވުމާއި ތިމާއަށް އިހްތިރާމުކުރުމެވެ. ދިމާވާ ކޮންމެކަމެއްގައި އެންމެ ކައިރީގައި ހުންނަ މީހަކަށް އެމީހަކު ވާންވާނެއެވެ. ކޮންމެ އުފަލެއްގައި ހިނިތުންވާހެން ކޮންމެ ހިތްދަތިކަމެއް ދިމާވާ ހިނދު ކަރުނަ ފުހެދޭނޭ މީހަކަށް އެމީހަކު ވާންވާނެއެވެ. އަދި ކޮންމެ ދަނޑިވަޅެއްގައިވެސް ތިމާއަށް އިހްތިރާމްކުރާ މީހަކަށް އެ މީހަކުވާންވާނެއެވެ. ކޮންމެ ތަނެއްގައިވެސް ތިމާގެ އަގުވަޒަންކޮށް، އިހްތިރާމް ކުރާ މީހަކަށް އެ މީހަކުވާންވާނެއެވެ.
މީގެ އިތުރުން ބަލިވާ ހިނދު އަޅާލާ، ބޭނުމެއް ޖެހޭ ވަގުތު އެންމެ ކައިރީގައި އެ މީހަކު ހުންނާނެއެވެ. ކޮންމެކަމަކު ކިޔަންވެސް ފަސްނުޖެހެވޭ ފަދަ މީހަކަށް އެމީހަކުވާނެއެވެ.
އަހަރުމެންނަކީ މުސްލިމުންކަމަށް ވީހިނދު، ފުރަ މިތުރަކަށް މީހަކު ޚިޔާރުކުރަންވާނީ ދީނީ ކަންތައްތަކަށް ދަޢުވަތުދޭ ރަނގަޅު ހެޔޮލަފާ މީހެކެވެ.
ރަނގަޅު ރަޙުމަތްތެރިއަކު ނުވަތަ ފުރަމިތުރެއް ލިބުމަކީ ހާސް ނިއުމަތެވެ. އެހެންކަމުން މީހަކު ޚިޔާރުކުރާއިރު، މި ދެންނެވި ކަންކަމަށް ބެލުން ވަރަށް މުހިންމެވެ.
