އީޝާ (އަސްލު ނަމެއް ނޫން) އާދައިގެމަތިން ފޭސްބުކް ހާވަމުން ދިޔައެވެ. އެކި ޕޭޖުތައް ބަލަމުން ދިޔައެވެ. ދުވަސްވަރަކީ އީޝާގެ ބަނޑަށް 7 މަސް ފުރި 8 މަހަށް އެޅިފައި އޮތް ދުވަސްވަރެވެ. މިއީ ޢީޝާގެ އަލަތަށްވެސް ބަލިވެއިން ފުރަތަމަ ފަހަރެވެ. އީޝާ އޭނާގެ އުފަންވާން އުޅޭ ތުއްތު ދަރިފުޅަށްޓަކައި އެތައް ފޮނި އުންމީދެެއް ކުރެއެވެ. ބަނޑަށް 7 މަސް ފުރުނު ދުވަހު، އީޝާ ހެދި ސްކޭނުގައި އެއީ ކޮންކަހަލަ ކުއްޖެއްތޯ ބެލިއެވެ. މާތް ﷲ ގެ ރަހުމަތުން އެއީ އަންހެން ކުއްޖެކެވެ. 

ފޭސްބުކް ހާވަމުން ދަނިކޮށް ފެނުނު ލޯބި ހެދުންކޮޅަކަށް އީޝާގެ ސަމާލުކަން ހުއްޓުނެވެ. އެއީ މަޑު ރީނދޫ ކުލައިގެ "ނިއުބޯން" ހެދުންކޮޅެކެވެ. ވިއްކަން ޖަހާފައި އޮތް ހެދުން ކޮޅެކެވެ. ބޭނުން ނުކުރާ ހެދުންކޮޅެއްކެވެ. އޭގައި އޮތީ ނަންބަރެއް ޖަހާފައެވެ.

ނަންބަރަކީ އީޝާ ދަންނަ ނަންބަރެކޭވެސް ހީވިއެވެ. ކޮންމެއަކަސް އެ ލޯބި ހެދުންކޮޅަށް އީޝާގެ ޝައުގުވެރިކަން ހުއްޓި އެ ހެދުންކޮޅު ގަތުމަށް އަވަސްވެގަތެވެ. އަދި އޭގައި އޮތް ނަންބަރަށް ގުޅުމަށްޓަކައި ފޯނުގައި އެ ނަންބަރު ޖަހަންފެށިއެވެ. އީޝާއަށް ހައިރާންކަން ގެނުވީ އެ ނަންބަރަކީ އީޝާގެ އެކުވެރި ހުމައިދާގެ (އަސްލު ނަމެއް ނޫން) ނަންބަރުކަމުގައި ވުމެވެ. ހުމައިދާއަކީ ކުޑައިރުއްސުރެ އީޝާގެ އެކުވެރިއެކެވެ. ނަމަވެސް ތަގުދީރުން ދެމީހުން މިއަދު އުޅެނީ މުޅިން ދެ ހިސާބެއްގައެވެ.

ހުމައިދާ މީގެ ކުރިން ދެތިން ފަހަރަކު ބަލިވެ އިނެވެ. ކޮންމެފަހަރަކު ބައިގެން ދެއެވެ. އެއްމެ ފަހުން ފަހަރު، ބަނޑަށް 8 މަހުގައި ވިހިއެވެ. ނަމަވެސް ހުމައިދާގެ ދަރިފުޅު ހޮސްޕިޓަލުން ގެއަަށް ދޫކޮށްލެވޭ ވަރެއް ނުވިއެވެ. އެ ފުރާނަ މި ދުނިޔެއާއި ދޫކުރީ ވިހެއުމުގެ ތެރޭގައި ދިމައިވި ހިތާމަވެރި ހާދިސާއަކާއި އެކުގައެވެ. 

އީޝާގެ ހައިރާންކަން ބޮޑުވީ އެ ހެދުންކޮޅަކީ ހުމައިދާ އޭނާގެ އެ ދަރިފުޅު ލައްވަން ގެނައި ހެދުންކޮޅެއްކަން ޔަގީންވި ހިސާބުންނެވެ. އެހެންނަމަވެސް އީޝާ ހުމައިދާއަށް ގުޅީ ހިތްވަރާއި ސާބިތުކަމާއި އެކުގައެވެ. ދެ އެކުވެރިންގެ ވާހަކަ ތަކަށްފަހު، އީޝާ އެ ލޯބި ހެދުންކޮޅު ގަތެވެ.

....

ދުވަސްތައް ފާއިތުވަމުން ގޮސް އީޝާގެ ބަނޑަށް އަށްމަސް ފުރުނެވެ. އާދައިގެ މަތިން އެއްދުވަހު، އީޝާގެ ބަނޑުގައި ރިއްސާ، ފެންދުލި ފަޅައިގެން ދިޔައެވެ. އަވަސްމަގުން ހޮސްޕިޓަލަށް ގޮސް ޑަކްޓަރަށް ދައްކާ ލަސްނުކޮށް ވިއްސަން ވެއްދިއެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކު، އީޝާގެ ބަނޑުގައި އޮތް ދަރިފުޅުގެ ހާލު ދިޔައީ ގޯސްވަމުންނެވެ. ޑަކްޓަރުންގެ ލަފައަކަށްވީ ވިއްސަން ނުބާއްވާ އޮޕަރޭޝަން ކުރާށެވެ. 

ތިއޭޓަރުގައި އިރުތަކެއްވުމަށްފަހު، އީޝާގެ ބަޑުން ދަރިފުޅު ނެގިއެވެ. އީޝާގެ ހާލު ރަނގަޅެވެ. ނަމަވެސް ކުޑަ ދަރިފުޅުގެ ހާލު ވަރަށްވެސް ގޯހެވެ. އެން.އައި.ސީ.ޔޫ ގައި ފަރުވާދޭން އެ ދަރިފުޅުގެންދެވުނެވެ.

ދުވަހުގެ ދަންބަޔަކަށް އެޅުނުތަނާ އަނެއްކާވެސް އެ ދަރިފުޅުގެ ހާލު ގޯސްވެގެން އުޅޭ ހަބަރު، އީޝާއަށް ދިނެވެ. މާ ގިނައިރުތަކެއް ނުވެ އީޝާގެ އެ ތުތްތު މައުސޫމު ފުރާނަ މި ދުނިޔެއާއި ވަކިވިއެވެ.

......

ގާތްގަނޑަކަށް އަށް މަސް ފަހެވެ. އީޝާ އާއި ހުމައިދާ ބައްދަލުވެ ވާހަކަ ދެކެވުނެވެ. އެއްކަލަ ލޯބި ހެދުންކޮޅުގެ ވާހަކަވެސް ދެކެވެނުވެ. ހުމައިދާ ހައިރާން ކަމާއި އެކު ބުނީ އެ ލޯބި ހެދުންކޮޅަކީ ހުމައިދާވެސް ފޭސްބުކުން ގަތް ހެދުންކޮޅެއް ކަމަށެވެ. އެއިރުގައިވެސް އެ ހެދުންކޮޅު ވިއްކި އަންހެން ކުއްޖާއަކީ އަށްމަހުގައި ވިހާ، ތުއްތުކުއްޖާގެ ހާލު ގޯސްވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ އަންހެންކުއްޖެއް ކަމަށެވެ. އީޝާ އެ ހެދުންކޮޅު ގަންނަން އެހި އިރު، ހުމައިދާގެ ހިތުގައި އެ ހަނދާނެއް ނެތެވެ. ނަމަވެސް މިއަދު އެ ހަނދާން އައުވުމާއި އެކު ހުމައިދާ އީޝާއަށް އެ ވާހަކަ ކިޔައިދިނެވެ.

ކޮންކަހަލަ ލޯބި ހެދުންކޮޅެއް ހެއްޔެވެ؟ މިއީ އިއްތިފާގެއް ހެއްޔެވެ؟ ހަގީގަތަކީ ކޮބާހެއްޔެވެ؟ ސިހުރުވެރިކަމެއް ހެއްޔެވެ؟ ބިރުވެރި ނާމާން ކަމެއް ހެއްޔެވެ؟ ކޮންމެއަކަސް އީޝާއަށް މިކަން އެނގުމާއި އެކު، ގެއަށް ގޮސް އެ ލޯބި ހެދުން ކޮޅު އަންދާލިއެވެ. އަދިއަދަށް ދާންދެންވެސް އެ ލޯބި ހެދުންކޮޅުންގެ ހަގީގަގެއް ނޭނގެއެވެ. ނަމަވެސް މިއަދު އީޝާ އަކީ ލޯބި ލޯބި އެއްމާބަނޑު ދެކުދިންގެ މަންމައެވެ. ހުމައިދާ އަކީވެސް މިއަދު މަންމައެކެވެ. އެހެނަސް އެ ލޯބި ހެދުންކޮޅުގެ ހަނދާން މި ދެ އެކުވެރިންގެ އަދިވެސް އެބަހުއްޓެވެ.