އަހަރުމެންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ވަޒީފާއަކަށް ދިޔަ ނަމަވެސް، ގިނަފަހަރު ލިބޭ އާމްދަނީއިން ދެކޮޅު ޖެހޭގޮތް އޮންނަނީ ނުވެފައެވެ. އެހެންކަމުން ވަޒީފާގެ އިތުރުން އިތުރު ކޮންމެވެސް އެހެން މަސައްކަތެއް ކޮށްލަން މިއޮންނަނީ މަޖުބޫރުވެފައެވެ. ނަމަވެސް، ކަމެއް ކުރަން ބަލާއިރު، ގިނަފަހަރު އެކަމެއް ނުފެށެނީ އެކަމަށް ބޭނުންވާ ފައިސާ ނެތުމުންނެވެ. އެ އިންވެސްޓްމެންޓަށް ބޭނުންވާ ފައިސާ ރައްކާކުރެވިފައި ނެތުމުންނެވެ. މި ލިޔުމުގައި ބަލާލާނީ އެއްވެސް ބޮޑު އިންވެސްޓްމެންޓަކާ ނުލައި ފެށިދާނެ ބައެއް ކަންކަމުގެ މައްޗަށެވެ.

1. ނޫސް މަޖައްލާތަކަށް ލިޔުން: ފްރީ ލާންސްކޮށް އޮންލައިން ނޫސްތަކަށް ލިޔުމަކީ ފަސޭހައިން ކޮށްލެވިދާނެކަމެކެވެ. ތިމާގެ ވަޒީފާގެ ބޭރުން ދުވާލަކު މަދުވެގެން 2 ގަޑިއިރު ހޭދަކޮށްލައިގެންވެސް ރަނގަޅު އާމްދަނީއެއް ލިބޭ ކަހަލަ މަސައްކަތެކެވެ.

2. މީސްމީޑިއާ އެކައުންޓް މެނޭޖްކުރުން: މިޒަމާނުގައި ވިޔަފާރިތައް އިޝްތިހާރުކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މީސްމީޑިއާއެވެ. ނަމަވެސް، ބައެއް ވިޔަފާރިތައް ހިންގުމުގައި ދުވަސްވީ މީހުން ތިބުމުގެ ސަބަބުން ޒަމާނީ ގޮތުން މިއަންނަ ބަދަލަށް ހޭނުން އޮންނަނީ އުނދަގޫވެފައެވެ. އެހެންކަމުން މިފަދަ ވިޔަފާރިތައް ފާހަގަކޮށް އެ ވިޔަފާރިތަކުގެ މީސްމީޑިއާ އެކައުންޓްތައް މެނޭޖްކޮށްދެވޭނެ އަގެއް ކަނޑައަޅައި އެކަން ކުރެވިދާނެއެވެ.

3. ވާޗުއަލް އެސިސްޓެންޓް: މަތީ މަގާމުތަކުގައި އުޅޭ މީހުންނާއި ބޮޑެތި ވިޔަފާރިވެރިން ކަހަލަ ބިޒީ ތާވަލެއްގައި އުޅޭ މީހުންގެ އީމެއިލްއާއި ކަންކަން ތާވަލުކުރުމާއި ދިރާސާކުރުންކަހަލަ އިދާރީކަންކަން އޮންލައިންކޮށް ކުރެވިދާނެއެވެ.

4. އޮންލައިން ޓިއުޝަން: ރާއްޖޭގައިވެސް މިކަންވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ. އެގޮތުން އޮންލައިންކޮށް ކުލާސްތައް ނަގައިދޭން ފެށިދާނެއެވެ. 

5. ގްރެފިކް ޑިޒައިން: ވިޔަފާރިތައް ޕްރޮމޯޓުކުރުމަށާއި މާކެޓްކުރުމަށް މިއަދު މިވަނީ ގްރެފިކް ޑިޒައިން ވަރަށް ބޭނުންޖެހިފައެވެ. އެކަމުގައި ނަން ހިނގާ މީހުން ވަރަށްމަދެވެ. އެހެންކަމުން ގޭގައި ހުރެގެންވެސް މި ހުނަރު ތަރައްޤީކޮށްގެން މިކަމަށް މަސައްކަތް ކުރެވިދާނެއެވެ.

6. އެފިލިއޭޓް މާރކެޓިންގ: މިއީ ބޭރުގައުމުތަކުގައި ވަރަށް މަގުބޫލުކަމެކެވެ. އޮންލައިންކޮށް މުދާ ވިއްކާ ވެބްސައިޓްތަކުގެ އެފިލިއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެގެން، އެމީހުން ވިއްކާ މުދަލުގެ ލިންކް އެހެން މަންސަތަކުގައި ބޭނުންކޮށްގެން އެ ލިންކް މެދުވެރިކޮށްގެން މީހުން ވިޔަފާރިކުރުމުން ކޮމިޝަން ލިބޭ ގޮތަށް ހިންގާ ޕްރޮގްރާމެކެވެ.

7. ޑިޖިޓަލް އުފެއްދުންތައް ވިއްކުން: އީ-ބުކް، ގައިޑް، ނުވަތަ ތަފާތު ޓެމްލެޓްތައް ތައްޔާރުކޮށް އޮންލައިންކޮށް ވިއްކިދާނެއެވެ. އެފަދަ ތަކެތި ވިއްކޭނޭ އޮންލައިން ވެބްސައިޓްތައް ބައިވަރު އެބަހުއްޓެވެ.

8. ކޮންޓެންޓް ކްރިއޭޝަން: މިއީ ސްޕޮންސަރ އާއި އިސްތިހާރުތައް ހިމަނައިގެންނާއި، އެފިލިއޭޓް މާކެޓިންއަށް ބޭނުންކޮށްގެން ތަފާތު މީސްމީޑިއާގައި ތަފާތު ކޮންޓެންޓް ކްރިއޭޓްކުރުމެވެ. މިސާލަކަށް ޔޫޓިއުބް އެކައުންޓެއް، ޓިކްޓޮކް ނުވަތަ ޕޮޑްކާސްޓެއްވެސް ފެށިދާނެއެވެ.

9. ކުޑަކުދިން ބެލެހެއްޓުން: ވަޒީފާއަށްދާ މައިން އެމީހުންގެ ދަރިން ބެލެހެއްޓުން އޮންނަނީ ދަތިކަމަކަށްވެފައެވެ. އެގޮތުން މިފަދަ މީހުންގެ ދަރިން ބެލެހެއްޓުމަކީ، އަންހެންކުދިން ގޭގައި ތިބެގެން ކޮށްލެވިދާނެކަމެކެވެ. 

10. އޮންލައިން ސާރވޭ: ތަފާތު ކަންކަމަށް ވަރަށް ގިނައިން ސާރވޭ ހިންގައިދޭނޭ މީހުން ހޯދައެވެ. އެގޮތުން މިއީ ކުޑަ އާމްދަނީއެއް ލިބޭނެކަމަކަށް ވީނަމަވެސް، މިއީވެސް ކޮށްލެވިދާނެކަމެކެވެ. 

 

މިއިން ކޮންމެކަމެއް ކޮށްލަންވެސް ބޭނުންވަނީ އެކަމަށް ވަގުތު ހުސްކުރުމާއި، ދާއިމީކޮށް އެކަން ކޮށްލުމުގެ އަޒުމާއި ހިތްވަރެވެ. ބައެއް ކަންކަމަކީ މި ދިވެހި މުޖުތަމަޢުއަށް އައު ކަންކަންކަމަށްވިޔަސް، އެއީ މި ރާއްޖޭގައި ނުކުރެވޭނޭ ކަންކަމެއް ނޫނެވެ. އެހެން މީހަކު ނުކުރާނަމަ، އެއޮތީ އެ ދާއިރާއަށް ފުރަތަމަ ވަނުމުގެ ފުރުޞަތު ލިބިފައެވެ. ފުރުޞަތުގެ ބޭނުން ހިފާ، އެކަމުގައި ފައިތިލަ ސާބިތު ކުރެވިއްޖެނަމަ، ވަޒީފާ އަދާކޮށްގެން ލިބޭ ވަރަށްވުރެ ބޮޑު އާމްދަނީއެއްވެސް ލިބިދާނެއެވެ.