ބޭސްފަރުވާއަށާއި ވިޔަފާރިބޭނުމަށާއި އަމިއްލަ ހިތްހަމަޖެހުމަށާއި އެކިއެކި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބޭރަށް އަހަރުމެން ދަތުރުކުރަންޖެހެއެވެ. އަލަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ކަންބޮޑުވާ ވަރަށް ގިނަ ކަންކަންހުރެއެވެ. ހޯދަންވީ ތަކެއްޗާއި، ގެންދަންވީ ކޮން އެއްޗިއްސެއްކަމާއި، ދާތަނުގައި ހުރުމާއި ކެއުމާއި ދަތުރުފަތުރުކުރުމުގެ ކަންކަން އިންތިޒާމުކުރުމުގެ ކަންކަމާމެދު ވިސްނާ ފިކުރުކުރެވެއެވެ. މި ބަލާލަނީ، ފުރަތަމަ ފަހަރަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ސަމާލުކަން ދޭންވީ ކަންކަމަށެވެ.
އެންމެ ފުރަތަމަވެސް، ޕާސްޕޯޓުގެ މުއްދަތު ހަމަވާ ތާރީޚް ބަލާށެވެ. ޕާސްޕޯޓު މުއްދަތު ހަމަވާން 6 މަހަށްވުރެ މުއްދަތު ކުރުނަމަ، އައު ޕާސްޕޯޓެއް ހައްދަން ޖެހެއެވެ. ޕާސްޕޯޓު ހެއްދުންވެސް މިހާރު އިހުނަށްވުރެ މިވަނީ ފަސޭހަވެފައެވެ. އިމުގާ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޕާސްޕޯޓަށް ހުށަހެޅެއެވެ. އަދި އެންމެ ކައިރިން ޕާސްޕޯޓުގެ ޚިދުމަތްދޭ މަރުކަޒު ހުންނަ ރަށަކުން ޕާސްޕޯޓު ނެގޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދަތުރުކުރާ ގައުމަށް އެތެރެވާއިރު އެއީ ވިސާ ބޭނުންވާ ގައުމެއްތޯ ދަތުރު ފެށުމުގެ ކުރިން ބަލަންވާނެއެވެ. ބައެއް ގައުމުތަކަކީ ވިސާއެއް ނެތިވެސް އެތެރެ ވެވޭނޭ ގައުމުތަކެވެ. އަނެއްބައި ގައުމުތަކަކީ ދަތުރުކުރާ ބޭނުންތަކަށް ޚާއްޞަ ވިސާއެއް ނަގައިގެން މެނުވީ އެތެރެ ނުވެވޭނޭ ގައުމުތަކެވެ. އެހެންކަމުން، ދަތުރު ފެށުމުގެ ކުރިން ވިސާގެ ކަންތައް ހަމަޖައްސަންވާނެއެވެ. އެހެން ނޫނީ، އެއަރޕޯޓުގައި ގިނަ ވަގުތު ނުނިކުމެވި ތާށިވެދާނެއެވެ. ނުވަތަ އަލުން އަނބުރާ ގައުމަށްވެސް އަންނަން ޖެހިދާނެއެވެ.
ލިޔެކިޔުން ގެންގުޅުމުގައި ޒަމާނީ ގޮތްގޮތް ހުރިނަމަވެސް، ދަތުރުކުރާއިރު، ވިސާ، ބޭސްފަރުވާއަށް ދަތުރުކުރާނަމަ، އެކަމާ ގުޅުންގުރި ލިޔުން، އަދި ޓިކެޓް ޕްރިންޓްކޮށްލައިގެން ގެންދިޔުމަކީ ރަނގަޅުކަމެކެވެ. ފޯނުގައި އެ ސާމާނު ގެންގުޅުނަސް، ފޯނު ބޭނުން ނުކުރެވިދާނެ ހާލަތަކަށް ވިސްނަންވާނެއެވެ. ކޮޕީއެއް އަތްދަބަހުގައި ގެންގުޅުމުން މިކަހަލަ ހާލަތެއް ދިމާވިޔަސް، މައްސަލައެއް ނުޖެހި ކުރިޔަށްދެވޭނެއެވެ.
ގައުމުތަކަށް އެތެރެވާއިރު އެރައިވަލް ފޯމެއް ފުރަންޖެހެއެވެ. ދަތުރަށް ފެށުމުގެ ކުރިން ދަތުރުކުރާ ގައުމުގައި އޮންލައިންކޮށް އެކަން ހަމަޖެހިފައިވާނަމަ، އެ ފޯމު ފުރާލައިގެން ދިޔުމުން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ސަލާމަތްކުރެވޭނެއެވެ. އެހެންނޫންނަމަ، އިމިގްރޭޝަން ކިއޫގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތަން ދިމާވާނެއެވެ.
އެހެން ގައުމަކަށް ދިޔުމުގެ ކުރިން އެންމެ މުހިންމު އެއްކަމަކީ، ދާ ތަނުގެ މަޢުލޫމާތު އެތަނަށް ކުރިން ދިޔަ މީހުންގެ ކިބައިންނާއި، އޮންލައިންކޮށް ބަލައި ހޯދުމެވެ. އަމިއްލަ ދިރާސާއެއްކޮށްލުމުން، އެންމެ އަގުހެޔޮކޮށް ހުރުމާއި ކެއުން ހަމަޖެއްސޭނޭ ގޮތްތައް އެނގިގެންދާނެއެވެ. އަދި އެތަނެއްގައި އުޅޭއިރު އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ކުރިޔާލާ އެނގިގެންދާނެއެވެ.
މީގެ އިތުރުން ވަރަށް ގިނަ މީހުން ފަރުވާ ކުޑަކޮށްލެވޭ ކަމެއް އޮވެއެވެ. ދަތުރުކުރާއިރު، ފައިސާ ޚަރަދުބަރަދު ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ދަތުރުގެ ވަކި ހިސާބަކުން ކުރަންދިޔަ މުހިންމުކަންކަން ނުކުރެވި ދަތުރު ނިންމާލާފައި އަންނަންޖެހުމެވެ. ނުވަތަ ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކޮށް އެހެން ކަންކަމަށް ރުފިޔާ ހޭދަކޮށްލެވޭތަން އާދެއެވެ. އެހެންކަމުން ދަތުރަށް ކަނޑައަޅާފައިވާ ބަޖެޓާއި، ކޮންމެދުވަހަކު ޚަރަދުވާނެހެން ހީވާ ޚަރަދުތައް އަންދާޒާ ކޮށްލަންވާނެއެވެ. އަދި ދިޔުމަށްފަހު ކޮންމެ ދުވަހަކުވެސް ޚަރަދުބަރަދު ބަލަހައްޓަންވާނެއެވެ. އެހެން ނޫންނަމަ، ދަތުރުގެ ވަކި ހިސާބަކުން އަތްމަތިހުސްވެ، ކުރަން ދިޔަ ކަންކަން ނުކުރެވި، އެހެން މީހުންގެ އެހީތެރިކަމަށް އެދެންވެސް ޖެހިދާނެއެވެ.
