ބިންވެރިޔާ ސްކީމުން ހައުސިން ޑިވެލޮޕްމަންޓި ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެ ކުންފުންޏަށް ދިން ދެ ފަޅުގެ ތެރެއިން މާލޭއާ އެންމެ ކައިރީގައި އޮންނަ ކ. ގަލުފަޅު އެ ކުންފުނީގެ އަތުން އަތުލައި އެ ފަޅު ހިއްކައިގެން އިވެންޓު ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމުގެ ޕްރޮޖެކްޓެއް ހިންގަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.

"ތީރަށް" އެނގިފައިވާ ގޮތުގައި  އިކޮނޮމިކް ކައުންސިލުން ވަނީ މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާ، ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން އެ މަސައްކަތް ފަށާފައެވެ. 

މެދަށް އަޑިކޮށް އޮންނަ 60 ހެކްޓަރުގެ ގަލުފަޅުގެ ވަށައިގެން އޮންނަ ތިލަ ސަރަހައްދުން ހިއްކަނީ 19.8 ހެކްޓަރެވެ. 

ގަލުފަޅު ތަރައްގީކުރުމުގެ މައުގަނޑު ބޭނުމަކީ ޒަމާނީ ކޮންވެންޝަން ސެންޓަރެއް ގާއިމްކުރުުމެވެ. 

ގަފަޅުގެ ޑިވެލޮޕްމަންޓު ޕްލޭންގައިވާ ގޮތުގައި އެ ތަނުގައި އިވެންޓު ހޯލަކާއި ކޮންވެންޝަން ސެންޓަރެއްގެ އިތުރުން ކޮމާޝަލް ޕްލާޒާއަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ރެސްޓޯރަންޓުތައްވެސް ހުރެ އެވެ.

މީގެ އިތުރުން އެ ތަނަށް ދާ މީހުން ތިބޭނެ ވިލާތަކާއި އެކޮމޮޑޭޝަން ބްލޮކެއްވެސް އެތަނުގައި ހަދާނެއެވެ.