ރޯނުވެށުމާއި ފަންގިވިނުމަކީ ވަރަށް ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ މަސައްކަތެކެވެ. ދިވެހި ގައުމީ ގަސް ކަމަށްވާ ދިވެހި ރުކުގެ ބާވަތްތައް ބޭނުންކޮށްގެން ކުރަމުން އައި މި މަސައްކަތް މިއަދު މިވަނީ މަރުގެ ތުންފަތްމަތީގައެވެ. މި މަސައްކަތް ކުރާ މީހުންވަރަށް މަދެވެ. ބައެއް ރަށްރަށުން މި މަސައްކަތްތައް އެކީހެން އުވިއްޖެއެވެ.
ރޯނުވެށުމަށް ރުކުއަޅައި، ކާއްޓާއި ގަބުޅި ހެހުމަށްފަހު އޭގެ ބޮނބި ފާކުރެއެވެ. ކުރީގައި ބޮނބި ފާކުރަނީ ރަށުގެ ތޮށިމަތީގައި ހިކި ދިޔައިގައި ގައުތައް ނަގައި، އެތަނުގައި ބޮނބި ވަޅު ޖައްސައި އޭގެ މައްޗަށް ގައު އަރުވާފައި ބަހައްޓައިގެންނެވެ. ކުރުނބާ ނުވަތަ ގަބުޅީގެ ބޮނބިނަމަ، ހަމަސް ވަންދެން އެގޮތަށް ބަހައްޓަން ޖެހެއެވެ. ކާށި ބޮނބިނަމަ، އެއަށްވުރެ ގިނަދުވަހު ބަހައްޓަންޖެހެއެވެ. ބޮނބި ފާވުމުން، ބޮނބިތަޅާ، ލީލިއަޅާ ރޯނުވަށައެވެ. ރޯނުވެށުމަކީވެސް ކަވި މަސައްކަތެކެވެ. ތަންތަން އެއްސުމަށާއި، ދޯނިބަނުމަށާއި، ކުރީގައި ގެދޮރު އިމާރާތްކުރުން ކަހަލަ ކިތަންމެ ކަމަކަށް ރޯނު ބޭނުންކުރެއެވެ.
ފަންގި ވިނުމަށް ފަން ހޯދުމަށް ކުރީގައި ރަށުން ފަން ނުލިބޭ ކަމަށްވާނަމަ، ކައިރި ފަޅުރަށްރަށަށް ފަނަށް ގޮސް، ފަން ކަނޑައިގެންނާއި ހޮވައިގެން ގެނެސް ކިރިއްސައެވެ. އަދި ބަނޑުވަތާއި ރީތިފަން ވަކިކޮށް ބޮނޑިބަނދެ ފަންގި ވިނުމަށް ބޭނުންކުރެއެވެ. ފަނަކީވެސް ކުރީގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރި މައިގަނޑު އެއްޗެވެ. ނަމަވެސް އިމާރާތްކުރުމަށް އައި ބަދަލާއެކު މިހާރު ފަން ވިއްކަނީ ރިސޯޓުތަކަށެވެ. ކުރިން ފަން ބޮނޑިއެއްގެ އަގު ދަށްވި ނަމަވެސް، މިހާރު ކުރަންޖެހޭ މަސައްކަތް ބުރަވުމާއި، އެމަސައްކަތް ކުރާ މީހުން މަދުވުމުގެ ސަބަބުން ފަނުގެ އަގު ވަރަށް މައްޗެވެ. ބައެއް ރަށްރަށުގައި ފަން ބޮނޑިއެއް އުޅެނީ ސަތޭކަ ރުފިޔާއިން މަތީގައެވެ.
ރޯނުވެށުމާއި ފަންގިވިނުމުގެ މަސައްކަތް މިހާރު ދަނީ ވަޅުޖެހެމުންނެވެ. އެ މަސައްކަތް ކުރާނެ މާހައުލެއް ނެތުމަކީ އެއް ސަބަބެވެ. ބޮނބިފާ ކުރާނެ ބޮނބި އޮޅުތައް ތަރައްގީގެ މަޝްރޫއުތަކާއެކު ހަލާކު ވެއްޖެއެވެ. ބަނދަރު ހެދުމާއި ވަށާ ތޮށި ލުމުގެ ސަބަބުންނެވެ. އެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ލިބުން ދަތިވެއްޖެއެވެ. ރަށްރަށުން ރުއްތައް ހުސްވެއްޖެއެވެ. ހުރިހާ ފަޅު ރަށްތަކެއް ފަތުރުވެރިކަމަށާއި އެހެނިހެން ކަންކަމަށް ދޫކުރުމުގެ ސަބަބުން ފަނާއި ބޮނބި ލިބުންވަނީ އިންތިހާއަށް އުނދަގޫވެފައެވެ.
ރޯނާއި ފަނުގެ ބަދަލުގައި ބޭރުން މިތަކެތި އެތެރެކުރުން އިތުރުވުމަކީވެސް ސަބަބެކެވެ. ޕްލާސްޓިކް ފަން ރިސޯޓުތަކަށް ގެންނަން ފަށައިފިއެވެ. މެލޭޝިޔާ ރޯނުވެސް އެތެރެކުރަން ފަށައިފިއެވެ. އަގުހެޔޮވުމާއި ގިނަ ދުވަހު ބޭނުންކުރެވޭތީއެވެ.
މި މަސައްކަތްތައް ނެތިގެންދިޔުމުގެ ބިރު ހީވެފައިވާއިރު، މި މަސައްކަތްތައް ދަސްކުރާ ޒުވާނުން ވަރަށް މަދެވެ. ދުވަސްވީ މީހުން އެކަނި މި މަސައްކަތްތައް ކުރާނަމަ، އަންނަން އޮތް ޖީލަށް މި ހުނަރުވެރި މަސައްކަތެއް ވާރުތައެއް ނުވާނެއެވެ. އެނގޭ ހަގީގަތަކީ މި ދެ މަސައްކަތް އުވިގެން ހިނގައިދާނޭކަމެވެ.
