ހަނދާންތައް ފަހަށް ރައްކާކުރުމަށްޓަކައި އަހަރުމެން ފޮޓޯ ނަގަމުއެވެ. ތަފާތު މުނާސަބަތުތަކުގައާއި އެކިއެކި ޚާއްސަ ހަފްލާތަކުގައެވެ. ދަތުރެއްދިޔަސް، ކެއުމަކަށް ދިޔަސް ކޮންމެ ތަނަކަށްދިޔަސް ފޯނުން ނަމަވެސް ފޮޓޯއެއް ނެގުމަކީ އާންމު ކަމެކެވެ. ކުރީގައި ފޮޓޯ އަލްބަމްތަކުގައި ރައްކާކުރަމުން އަޔަސް މިޒަމާނުގައި އެކަންވެސް މިއޮތީ އިންތިހާއަށް ފަސޭހަވެފައެވެ. ފޯނުގައާއި އެކިއެކި އޮންލައިން ސްޓޯރޭޖުތަކުގައި އެ މަންޒަރުތައް ވަގުތުން ރައްކާކުރެވެއެވެ.

ބައެއްފަހަރު ކުރީގެ ފޮޓޯތައް ފެނުމުން އިންތިހާއަށް އުފާވެއެވެ. އުފާވެރި ހަނދާންތަކެއް ލޯ ކުރިމައްޗަށް ނިއުޅައިލުމުންނެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވެއެވެ. އެ މަންޒަރަކުން އެ ވަގުތުކޮޅު ހިނގައިދިޔަ މަޖާ ކަންތަކުގެ ސަބަބުންނެވެ.

ކޮންމެ މަންޒަރަކީ އުފާވެރިކަން ގެނެސްދޭ ހަނދާނަކަށްނުވެއެވެ. ހަޔާތަށް އައި ހިތްދަތިކަމެއްގެ މަންޒަރު ފެނުމުން ހިތްފަޅައިގެންދާ ފަހަރުވެސް އާދެއެވެ. ކުރީގެ ލޯބިވެރިޔާގެ ފޮޓޯއެކެވެ. އޭނާވީ ބޭވަފާތެރިކަން ކުރިމައްޗަށް ސިފަވާފަދައެވެ. ގިސްލެވި އާހުގެ ނޭވާލާން މަޖުބޫރުވެދާފަދަ މަންޒަރަކަށް އެ މަންޒަރުވެދާނެއެވެ.

ބައެއް ފޮޓޯތަކަކީ ތިމާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތައް ތިމާއަށް ދައްކައިދޭ ލޯގަނޑެއްފަދަ އެއްޗެކެވެ. ހިކިއިރުގެ ފޮޓޯއެއް ފެނުމުން އޭރުގެ ޗާލާކީ ޒަމާން ހަނދާނަށް އައިސް އެ ހަށިގަނޑާއި ރޫފަ ލިބޭނޭނަމައޭ ހިތަށް އަރައެވެ. އޭރުގެ އުފާވެރި މަންޒަރެއް ފެނުމުން އެ ދުވަސްތައް އަނބުރާ ލިބޭނެނަމަ ކޮންފަދަހޭ ހިތަށް އަރާނެއެވެ.

އިހުގެ ކޮންމެ މަންޒަރަކުންވެސް ބުނެދެނީ އެންމެ ވާހަކައެކެވެ. ހަޔާތުގެ މިދަތުރަކީ އަބަދު އެއްގޮތަކަށް ކަންކަން ހިނގާނޭ ދަތުރެއްނޫންކަމެވެ. އުފަލާއި ހިތާމަ، އުސްގަނޑާއި އަޑިގުޑަން ތަޖުރިބާ ކުރަން ޖެހޭނޭ ދަތުރެއްކަމެވެ. އަދި ފާއިތުވެއްޖެ ވަގުތަކީ އަނބުރާ ގެނެވޭނޭ އެއްޗެއް ނޫންކަމެވެ. ލިބެން އޮތީ މިއަދެވެ.