ހުކުރު ދުވަހަކީ ވަރަށް މާތް ވެގެންވާ ދުވަހެވެ. އެއީ ހަފްތާގެ ތެރެއިން އަންނަ އީދުދުވަހެވެ. ނުވަތަ އެންމެ މާތް ދުވަހެވެ.އެއީ އެ ދުވަހަކަށް ޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ. يوم الجمعةގެ ނަމުން ނަން ދެވިފައިވާ މި ދުވަހަކީ ބަރަކާތާއި ހެޔޮކަމުން ފުރާލެވިފައިވާ ދުވަހެކެވެ.
އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެ ދުވަހުގައި ކުރެވޭކަން، އަލްޖުމުޢަތު ސޫރަތުގެ 9ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަވައިފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައި ވަނީ “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّهހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައި ވާނަމަ، އެގޮތް ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑެވެ.”
ހުކުރު ނަމާދަށް އަވަހަށް މިސްކިތަށްދިޔުމަކީ ކީރިތިރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފައިވާ ކަމެކެވެ. މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތާ ބޮޑަށް ކުއްތަން ވެވޭނެތީއެވެ. މިކަމުގެ ސަބަބުން ޛިކްރުކުރުމާއި ﷲގެ މަތިން ހަނދުމަކުރުން އިތުރުވާނެތީ ވެސްމެއެވެ
ހުކުރު ނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވައިފައިވާ ހަދީސެއްގެ މާނައިގައި ވަނީ މިފަދައިންނެވެ. “ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރި ފަދައެވެ. ހަތަރު ވަނަ ގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރި ފަދައެވެ. ފަސްވަނަގަޑީގައި ދިޔަމީހާ ކުކުޅު ބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެ ވަޑައިގަންނަވާނެތެވެ.”
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ގައުމަކަށްވާއިރު، މިއަދު ރާއްޖެއިން ފެންނަނީ އިސްލާމް ދީނާއި ދުރު ކަންތައްތަކެވެ. ހާއްސަކޮށް ހުކުރު ދުވަހު ރާއްޖެއިން ފެންނަ މަންޒަރުތަކަށް އެކަނި ބެލިކަމުގައިވިޔަސް އެކަމަށް ފުދެއެވެ.
ދައްކަން މިއުޅެނީ ހުކުރު ދުވަހު ޝަރުއީ އެއްވެސް އުޒުރެއް ނެތި ހުކުރު އަޅާ ވާހަކައެވެ. ހުކުރު ނަމާދު ގަޑި ގާތްވުމުން ފެންވަރާލައިގެން ހުކުރު ކުރުމުގެ ނަމުގައި މުސައްލަ ހިފައިގެން "ފިނި ބުރަށް" ނުކުންނަ ފިރިހެނުންގެ ވާހަކައެވެ. ހުކުރު ގަޑީގައި އެތައް ބަޔަކު ހުކުރަށް ނުގޮސް މާލޭގެ މަގުތަކުގައިވެސް އުޅެއެވެ. ކެފޭ/ރެސްޓޯރެންޓުތަކުގައި އޮލަ ވާހަކައިގައި ތިބެނީ ހުކުރު ގަޑީގައެވެ.
އެންމެ ދެރަވާން ޖެހޭ ކަމަކީ މިސްކިތް ކައިރީގައި ނުވަތަ ހުކުރު ހުތުބާގެ އަޑު އިވޭ ހިސާބުގައިވެސް އެއްވެސް ބިރެއް ނެތި އެކި ކަންކަމުގައި މަސްއޫލުވެގެން މީހުން އުޅޭތީއެވެ.
އެހެންކަމުން މި ނުރަނގަޅު އާދަ އަޅުގަނޑުމެންގެ މުޖުތަމައުން އެއްކޮށް ފޮހެލަން އެބަޖެހެއެވެ. ހުކުރު ދުވަހުގެ މާތްކަމުގެ ބޭނުން ހިފަން އެބަޖެހެއެވެ. ނަމާދަށް ފަރުވާތެރިވާން އެބަ ޖެހެއެވެ.
