އެކިއެކި ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތައް ޚާއްޞަކޮށް ތެލަސީމިއާ ކުދިންނަށް ލޭ ހޯދުން މިއޮންނަނީ ވަރަށް ދަތި އުނދަގޫކަމަކަށްވެފައެވެ. އަބަދުވެސް ކޮންމެވެސް މީސްމީޑިއާ މަންސައަކުން ލޭ ހޯދަން އެދި ޖަހާފައި ހުންނަ ޕޯސްޓްތައް ފެނެއެވެ. އަދިވެސް ލޭ ނުލިބިގެން އުޅޭ ވާހަކައެވެ. ދާދި މިދާކަށްދުވަހު ގައުމީ ޔުނިވާސިޓީގައި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންތަކެއް އެސައިމެންޓެއް ފުރިހަމަކުރުމަށް ގައުމީ ފެންވަރުގައި ހިންގުނު 'އަތުކުރި އޮޅާލަމާ' ކެމްޕެއިންވެސް ޚާއްޞަ ކޮށްފައިވަނީ ލޭ ހަދިޔާކުރުމަށެވެ. މީހުން ހޭލުންތެރިކުރުމަށާއި މިކަމަށް މީހުން ޝައުޤުވެރިކަން އިތުރުކުރުމަށެވެ. މިފަދަ ކިތަންމެ ޕްރޮގްރާމްތަކެއް އެކި ފެންވަރުގައި ހިންގައެވެ. ނަމަވެސް، ލޭ ހަދިޔާ ކުރާ މީހުންގެ ނިސްބަތް އަސްލުވެސް ވަރަށް މަދެވެ.
އާންމުކޮށް ލޭ އެންމެ ގިނައިން ހޯދަން ޖެހެނީ ތެލަސީމިއާ ބަލި ތަޙައްމަލު ކުރާ ކުދިންނެވެ. އެ ކުދިންނަށް ދެވޭ ފަރުވާގެ މައިގަނޑު އެކައްޗަކީ ޤަވާއިދުން ލޭ އެޅުމެވެ. އެކުދިންގެ ހަށިގަނޑުގައި ހެޗްބީ 9 އާއި 10.5 އާ ދެމެދު ބެހެއްޓުމަށް ސިއްހީ މާހިރުން އިރުޝާދު ދެއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ މޯލްޑިވްސް ބުލަޑް ސަރވިސްއިން އާންމު ކޮށްފައިވާ ނިމުނު 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން ސެންޓްރަލް ބްލަޑް ބޭންކަށް ލޭ އެންމެ ގިނައިން ލިބިފައިވަނީ ޑައިރެކްޓް ޑޯނަރުންގެ ފަރާތުންނެވެ. އެއީ ވަކި ބަލިމީހަކަށް ލޭ ހަދިޔާކުރި ފަރާތްތަކުން ހަދިޔާކޮށްފައިވާ ލެއެވެ. 60 އިންސައްތަ ލޭ ޑައިރެކްޓް ޑޯނަރުންގެ ފަރާތުން ލިބުނުއިރު، އެފެރެސިސް (ފަރުވާއެއް ދިނުމަށް ބަލިމީހާގެ ގައިން ނަގާ ލޭ) އިން 2 އިންސައްތަ، ކޭމްޕްތަކުން 25 އިންސައްތަ، އަމިއްލައަށް ފެނިގެން 5 އިންސައްތަ އަދި އެހެނިހެން ގޮތްގޮތުން 8 އިންސައްތަ މީހުންގެ ފުށުން ލޭ ލިބިފައިވާކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ބްލަޑް ސަރވިސްއަށް 6587 މީހުންވަނީ ލޭ ހަދިޔާކޮށްފައެވެ.
މި ދެންނެވީ ހަމައެކަނި މާލޭގައި ހުންނަ މޯލްޑިވްސް ބުލަޑް ސަރވިސްގެ ބައެއް ތަފާސްހިސާބުތަކެވެ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލުތަކެއްގައިހެން ލޭ އެޅުމާއި ލޭ ހަދިޔާކުރުމުގެ ފުރުޞަތު އޮތްއިރު، އަދި ގައުމީ ފެންވަރުގައި ތަފާތު ޕްރޮގްރާމްތައް ހިންގާއިރު، ލޭ ހަދިޔާކުރާ މީހުން އިތުރު ނުވަނީ ކީއްވެބާއެވެ؟
ސަބަބުތަކުގެ ތެރޭގައި އެކަމުގެ މުހިންމުކަން ގިނަ ފަހަރު ނޭނގެނީއެވެ. އަދި އެނގުނަސް، އެކަމުގެ ވޭނާއި އުނދަގޫ ތަޙައްމަލުކުރާ މީހުން އުފުލާ ބުރަ އާއި ވިސްނާވިސްނުން އަންދާޒާ ނުކުރެވެނީއެވެ. ގިނަ ފަހަރު ކަމެއްގެހުރި މުހިންމުކަން އެނގޭނީ ތިމާއަށް ނުވަތަ ތިމާގެ ލޯބިވާ ފަރާތަކަށް އެކަން ދިމާވުމުންނެވެ. އަނެއް ސަބަބަކީ، ބިރު ގަތުމެވެ. ލޭ ދޭން ބިރުގަންނަ މީހުން ވަރަށް ގިނައެވެ. ލޭ ދިނުމުން ތަފާތު ސިއްޙީ މައްސަލަތައް ދިމާވާނެކަމަށް ވިސްނޭތީއެވެ. މީހާ ފަލަވުމާއި، އައްސިވުމާއި، އެހެނިހެން ކަންކަން ދިމާވެދާނެކަމުގެ ބިރަށެވެ. ލޭ ހަދިޔާކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމަކީވެސް ސަބަބެކެވެ. މިސާލަކަށް މާލޭގައި ނަމަ، ބުލަޑު ބޭންކަށް ގޮސް ލޭ ހަދިޔާ ކޮށްލެވެން އޮތަސް، ރަށްރަށުގައި ބައްޔެއްޖެހިގެން ލޭ ހޯދަން ޖެހުމުން ނޫނީ ލޭ ހަދިޔާ ކުރެވޭނޭ އިންތިޒާމެއް ގިނަ ފަހަރު ހަމަޖެހިފައެއްނުހުރެއެވެ. ބުލަޑް ބޭންކްތައް ހުރި ރަށްތައް ވަރަށް މަދެވެ. ޖަޒީރާ ގައުމަކަށްވެފައި، ލޭ ހަދިޔާ ކުރަން ބޭނުންވިޔަސް، ދަތުރެއް ކޮށްފައި ދާންޖެހުމަކީވެސް އޮތް ހުރަހެކެވެ.
ކިތަންމެ ބޮޑެތި ކެމްޕެއިންތަކެއް ހިންގިނަމަވެސް، މިކަމަށް ހައްލު އޮތީ ރަށްރަށުގައިވެސް ބުލަޑު ބޭންކްތައް ތަރައްޤީކޮށްގެންނެވެ. ލޭ ނެގޭނޭ ފަހުގެ ގޮތްތައް ރަށްރަށަށް ތައާރަފްކޮށްގެނެވެ. ކޮންމެ ރަށެއްގައި އެ ވަޞީލަތްތައް ޤާއިމު ނުކުރެވިދާނެއެވެ. ނަމަވެސް، އެންމެ ކުޑަމިނުން ބޮޑެތި އާބާދީތަކާއި، ގިނަ ބަޔަކަށް ދެވޭ ގޮތަށް ހުންނަ ރަށްތަކުގައި އެ ވަޞީލަތްތައް ގާއިމުކުރެވިގެންނެވެ.
