ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އުމުރުން ސާޅީސް އަހަރުގައިވެސް އަންނަނީ ތަފާތު ދައްކަމުންނެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯވަނީ ރޭ ސައުދީ ޕްރޯ ލީގުގައި އަލް ޚަލީޖް ކޮޅަށް ބައިސްކަލް ކިކަކުން މޮޅު ލަނޑެއް ޖަހާފައެވެ.
ރޭ ކުޅެވުނު މި މެޗު އަލް ނަސްރުން ކާމިޔާބުކުރީ 4-1 އިންނެވެ. ރޮނާލްޑޯގެ މި ހިތްގައިމު ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހުވަގުތުއެވެ. ރޮނާލްޑޯގެ އިތުރުން ނަސްރުގެ ލަނޑުތައް ޖަހައިދީފައިވަނީ ޖާއޯ ފިލިކްސް، ވެސްލީ އަދި ސަޑިއޯ މާނޭއެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާއެކު ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު 954 އަށް އެރީއެވެ. މީގެ ކުރިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވާ ގޮތުގައި އޭނާގެ އުއްމީދަކީ ކެރިއަރ ނިންމާލުމުގެ ކުރިން 1000 ލަނޑު ހަމަކުރުމެވެ. ރޮނާލްޑޯގެ ޕޯޗުގަލް އަންނަ އަހަރު އޮންނަ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު، މިއީ އޭނާގެ އެންމެފަހު ވޯލްޑްކަޕަށްވުން ގާތެވެ.
