އެސްޓީއޯގެ އަމާޒަކީ ރާއްޖޭގައި ގޮދަން ފުށް އުފައްދާ ފެކްޓަރީއެއް ގާއިމުކުރުމަށް ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ އިން މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި އަމްރު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާކަން އެނގިގެން ހިނގައްޖެ ކަމަށެވެ. ހާއްސަކޮށް ގޮދަން ފުށަކީ ގިނަ ދުވަހު ރައްކާކުރެވޭ އެއްޗެއް ނޫން ކަމުން، ގޮދަން ރާއްޖެ ގެނެސް ފުށް ތައްޔާރު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އަމްރު ވިދާޅުވި އެވެ.
”އަޅުގަނޑުމެން ކައުންޓެއް ނުކުރަން ގޮދަން ފުށަކީ ފުޑް ސެކިއުރިޓީއެއްގެ ގޮތުގައެއް. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަށް ގޮދަން އެތެރެކޮށްގެން އޭގެ ފުށް ހަދާ ފެކްޓަރީއެއް ރާއްޖޭގައި ގާއިމު ކުރުން. އޭރަށް ތަންކޮޅެއް ގިނަ ދުވަހަށް ދެމި ހުންނާނެ،“ އަމްރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އެސްޓީއޯގެ ވިޔަފާރި ރާއްޖޭން ބޭރަށް ގެންދިއުމަކީވެސް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާހައުސްއެއް ހަދައި ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދައި ހިދުމަތް ދިނުމަށާއި ސަރަހައްދީ ބަނދަރުތަކަށް ހާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
