ބޮލީވުޑްގެ ދުވަސްވީ މަޝްހޫރު ތަރި، "ހީ-މޭން" އަދި "ދަރަމް ޕާޖީ" ގެ ނަމުން މަޝްހޫރު ދަރުމެންދުރާ، ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް، 89 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޭނާގެ ސިއްހަތު ދަށަށް ގޮސްފައިވާ ކަމުގެ ހަބަރުތައް ވަނީ ފަހަކަށް އައިސް ފެންމަތިވެފައެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި އަދި ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ އެއް ފަންނާނުގެ ގޮތުގައި ފާހަގަކުރެވޭ ދަރުމެންދުރާގެ ކެރިއަރ ގިނަ ދުވަހަށް ދިގު ދެމިގެންދިޔައެވެ. 1960ގެ އަހަރުތަކުގައި މަޝްހޫރުކަން ހޯދި ދަރުމެންދުރާ ވަނީ "ޝޯލޭ"، "ޗުޕްކޭ ޗުޕްކޭ"، "އަނޫޕަމާ" އަދި "ސަތިޔަކާމް" ފަދަ އައިކޮނިކް ފިލްމުތަކުން ގިނަބައެއްގެ ހިތްތަކުން ޖާގަ ހޯޯދާފައެވެ. އޭނާގެ ކުޅަދާނަކަމާއި ، ގަދަކަން އަދި ޝަޚްސިއްޔަތުގެ ސަބަބުން، އެކްޝަން އަދި ކޮމެޑީ ރޯލުތަކުގައިވެސް އޭނާ ވަނީ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯއްދަވާފައެވެ.

ސިނަމާގެ ކާމިޔާބީތަކުގެ އިތުރުން، ދަރުމެންދުރާ އޭނާގެ ހިތްހެޔޮކަމާއި ފޭނުންނާއެކު އޮތް ގާތް ގުޅުމުގެ ސަބަބުންވެސް ގިނަ ބަޔެއްގެ އިހުތިރާމް ލިބިފައިވާ ފަރާތެކެވެ. އޭނާގެ ދަރިންނާއި އާއިލާއިން އިންޑިއާގެ ފިލްމީ ދާއިރާގައި އޭނާ ބިނާކުރި ކަންކަން މިހާރުވެސް ދަމަހައްޓަމުން ދެއެވެ. އޭނާގެ ޖަނާޒާ ކުރިއަށްދަނީ ޕަވަން ހަންސް ކްރެމެޓޯރިއަމްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.