މޯލްޑިވްގޭސްއިން މާލެ ސަރަހައްދުގެ ގޭބީސީތަކަށް ގޭސް ޑެލިވަރީކޮށްދޭ ވަގުތު އިތުރުކޮށްފި އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެނައި މި ބަދަލާއެކު، ކުރިން ރޭގަނޑު 08:30 އާ ހަަމައަށް ގޭސް ޑެލިވަރީ ކުރުމުގެ ހިދުމަތް ދެމުން ދިޔަ ނަމަވެސް، މިހާރު އެ ކުންފުނީގެ ކޯލް ސެންޓަރުން ރޭގަނޑު 10:00 އާ ހަމައަށް ގޭސް ޑެލިވަރީއަށް އޯޑަރު ކުރެވޭނެ އެވެ.

މިއީ ރައްޔިތުންނަށް ވީހާވެސް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އެ ކުންފުނިން ގެނައި މުހިންމު ބަދަލެކެވެ. މޯލްޑިވް ގޭސް އިން ވިދާޅުވި ގޮތުގައި، މިގޮތަށް ގޭސް ޑެލިވަރީގެ ވަގުތު އިތުރުކުރަން ނިންމެވީ، ހާއްސަކޮށް ރޭގަނޑުގެ ވަގުތަކީ ގިނަ ގޭގޭތަކުގައި އަދި ކެފޭތަކުގައި ވެސް ބަދިގެ ވަރަށް ހަލަބޮލި ވަގުތަކަށް ވެފައި، ގޭސް ހުސްވެއްޖެނަމަ ވަރަށް ބޮޑު ދަތިކަމަކާ ރައްޔިތުން ކުރިމަތިލާން ޖެހޭތީ އެވެ.

މި ބަދަލުގެ ސަބަބުން، މިހާރު ރޭގަނޑު 08:30 ގެ ފަހުން ގޭސްފުޅި ހޯދުމަށް ސައިކަލުގައި ދަތުރު ކުރަންޖެހޭ ހާލަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް މޯލްޑިވް ގޭސް އިން ފާހަގަކުރެ އެވެ. މިއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވި އެވެ.