ކުޑަކުދިންގެ ސަލާމަތާބެހޭ ކަންކަން އިތުރަށް ކަންބޮޑުވާން ޖެހިފައިވާ ދަނޑިވަޅެއްގައި، މެލޭޝިއާ އިން އަންނަ އަހަރުން ފެށިގެން އުމުރުން 16 އަހަރުން ދަށުގެ ފަރާތްތަކަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ތައްޔާރުވަމުން އެބަދެއެވެ. މިއީ ޑިޖިޓަލް ޕްލެޓްފޯމްތަކަށް ކުޑަކުދިންނަށް ލިބޭ ފުރުސަތު ހުދޫދުކުރުމަށް މަސައްކަތްކުރާ ގިނަ ގައުމުތަކުގެ ތެރެއިން މެލޭޝިއާ ވެސް ހިމެނޭކަން ހާމަކުރާ ކަމެކެވެ.
މެލޭޝިއާގެ މުވާސަލާތީ ވަޒީރު ފަހްމީ ފަޒިލް އާދިއްތަ ދުވަހު ވިދާޅުވީ، ސައިބަރ ބުލީ ކުރުމާއި، މާލީ އޮޅުވާލުންތަކާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ އޮންލައިން ނުރައްކާތަކުން ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ އަދި އެހެނިހެން ގައުމުތަކުގައި ބޭނުންކުރާ އުމުރު ހުދޫދު ކުރުމުގެ ނިޒާމްތައް ސަރުކާރުން މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ.
"އަންނަ އަހަރުގެ ނިޔަލަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އުމުރުން 16 އަހަރުން ދަށުގެ ފަރާތްތަކަށް ޔޫޒަރ އެކައުންޓް ހުޅުވުން މަނާކުރުމަށް ސަރުކާރުގެ ނިންމުމަށް ތަބާވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކާ މެދު މުޅި ދުނިޔޭގައި ވެސް ކަންބޮޑުވުންތައް ބޮޑުވެފައިވެއެވެ. ޓިކްޓޮކް، ސްނެޕްޗެޓް، ގޫގުލް އަދި ފޭސްބުކް، އިންސްޓަގްރާމް، ވޮޓްސްއެޕް ހިމެނޭ މެޓާ ޕްލެޓްފޯމްސް ފަދަ ބޮޑެތި ޓެކް ކުންފުނިތަކާ ދެކޮޅަށް އެމެރިކާގައި ދަޢުވާތަކެއް މިހާރު ވެސް ކުރިއަށް އެބަދެއެވެ. މި ދަޢުވާތައް އުފައްދާފައިވަނީ ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ގޯސްވުމަށް މި ޕްލެޓްފޯމްތަކުން އެހީތެރިވެދޭ ކަމަށް ބުނެއެވެ.
އޮސްޓްރޭލިއާގައި އަންނަ މަހުގެ ކުރީކޮޅު އުމުރުން 16 އަހަރުން ދަށުގެ ޔޫޒަރުންގެ އެކައުންޓްތައް ޑިއެކްޓިވޭޓް ކުރަން ސޯޝަލް މީޑިއާ ކުންފުނިތަކުން ވަނީ ހަމަޖައްސާފައެވެ. މިއީ މުޅި ދުނިޔޭގެ ރެގިއުލޭޓަރުން ވަރަށް ކައިރިން ބަލަހައްޓަމުންދާ ފުޅާދާއިރާއެއްގެ ބަދަލެކެވެ. ފްރާންސް، ސްޕެއިން، އިޓަލީ، ޑެންމާކް އަދި ގްރީސް ފަދަ އެހެނިހެން ގައުމުތަކުން މިހާރު ދަނީ އުމުރު ކަށަވަރުކުރުމުގެ އެއްގޮތްކުރެވިފައިވާ އެޕްލިކޭޝަނެއް ގުޅިގެން ތަޖުރިބާކުރަމުންނެވެ.
މެލޭޝިއާގެ އަވަށްޓެރި އިންޑޮނޭޝިއާ އިން ވެސް މިފަދަ ނިންމުމެއް ޖެނުއަރީ މަހު އިއުލާނުކުރިއެވެ. ނަމަވެސް އެ ގައުމުން ފަހުން ތަޢާރަފްކުރީ އެހާ ހަރުކަށި ނޫން ސިޔާސަތެކެވެ. އެއީ ޓެކް ކުންފުނިތަކުން އުމުރު ކަށަވަރުކުރުމުގެ ނިޒާމްތައް ހަރުދަނާކޮށް، ގެއްލުންދެނިވި ކޮންޓެންޓް ބްލޮކްކުރުމަށް އެންގުމެވެ.
އޮންލައިން ގޭމާއި، ނަސްލާއި، ދީނާއި، ވެރިކަމާ ގުޅޭ ހިސާބަށް ދާ ކޮންޓެންޓް ވެސް ހިމެނޭ ގޮތަށް ނުރައްކާތެރި ނުވަތަ ހައްސާސީ ކޮންޓެންޓް އިތުރުވެފައިވާ ކަމަށް ބާރުތަކުން ސިފަކުރާ ކަންކަމާ ގުޅިގެން، މެލޭޝިއާ އިން ވަނީ ފާއިތުވި އަހަރުތަކުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ސަމާލުކަންދިނުން އިތުރުކޮށްފައެވެ. ޖެނުއަރީ މަހު ތަންފީޒުކުރި ގަވާއިދުތަކުގެ ދަށުން، މެލޭޝިއާގެ 8 މިލިއަނަށް ވުރެ ގިނަ ފަރާތްތައް ތިބޭ ހުރިހާ ޕްލެޓްފޯމްތަކާއި މެސެޖިންގ ހިދުމަތްތަކުން ސަރުކާރުގެ ލައިސަންސެއް ހޯދުމަށް ލާޒިމުކޮށްފައިވެއެވެ.
