އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީ ތަފާތު އެތައްކަމެއް ކޮންމެ ދުވަހަކުވެސް ތަޖުރިބާ ކުރަންޖެހޭ މީހެކެވެ. ހިތާމައާއި ވޭނުގައި ދުވަސްތައް އެއްބަޔަކު ހޭދަކުރާއިރު އަނެއްބަޔަކު އުފަލާ މަޖަލުގައި ހޭދަކުރެއެވެ. އަދި މިކަން އެކި ދުވަހު އެކި ގޮތަށް ފުރޮޅިގެންދޭމެއެވެ. މިއީ ދުނިޔޭގެ އާދައެވެ. އެކަން އެމަގުން ހިނގާއިރު، އެކި މީހުންނަށް ކުރެވޭނީ އެކި އިހްސާސްތަކެވެ. އެކި ކަންކަމުގައި ވޭނާ ހިތާމަ ތަހައްމަލުކުރެވޭނީވެސް އެކި މިންވަރަށެވެ.

ވަރަށް ގިނައިން ވާކަމެކެވެ. އެއްވެސް ޖެހިލުމެއްނެތި އެހެން މީހުންގެ އިހްސާސްތަކާ ކުޅެވެނީއެވެ. އެކަނިވެރިކަން އިހްސާސް ކުރާ މީހެއްގެ އެކަނިވެރިކަމުގެ މައްޗަށް މަލާމާތްކުރެވެނީއެވެ. ހިތާމައިގެ ސާލެއްގައި ބެދެވިފައިވާ މީހެއްގެ ހިތާމަވެރިކަމަށް ހަޖޫ ޖެހެނީއެވެ. އަނެކާ ހިތަށް އަރާނެ އެއްޗަކަށް ވިސްނާ ނުލެވިއެވެ. ބައެއްފަހަރު ކޮފީތަކުގައި ދެކެވޭ ވާހަކަތަކުން މިފަދަ ކަންކަން އެންމެ ގިނައިން ދިމާވަނީ ކޮންމެ ދުވަހަކު އެތައް ވަގުތެއް އެބަޔަކާއެކީ ހޭދަކުރެވޭ މީހުންގެ ފުށުންނެވެ. އެންމެ ހީނުކުރާ މީހުންގެ ވިހަ ބަސްތަކުން ދުނިޔެމަތިން ފޫހިކޮށްލުވާ ފަހަރުވެސް ބައެއް މީހުންނަށް ދިމާވެއެވެ.

މިގޮތަށް ގިނަފަހަރު ދިމާވަނީ ރަނގަޅަށް ވިސްނާ ނުލެވުމުގެ ސަބަބުންނެވެ. އެއީ މަޖަލެއްކަމަށް ހީވިޔަސް، އަނެކާ ހިތުގައި އެކަން އެޅިގެންދާނީ ފަލަ ފުން ރޮނގެއް ފަދައިންނެވެ. ޒަޚަމުވެގެންދާތަނެއްގައި ބޭސްގަނޑެއް އަޅައިލުމުން ފާރުހިކި ފަސޭހަވިޔަސް، ހިތުގައި ޖެހުމުން އެކަން ހަނދާން ނައްތައިލުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ.

ވިސްނަންވީ މިހެންނެވެ. ތިމާ ކަންކަމާމެދު ދެރަވާނެ ފަދައިން އަނެކާވެސް ކަންކަމާމެދު ދެރަވާނެކަމެވެ. އަނެކާއަށް ދިމާވެފައިވާ ކަމެއް މާދަމާ ތިމާއަށްވެސް ކުރިމަތިވެދާނެކަމެވެ. ހާލަތަކީ އަބަދު އެއްގޮތަކަށް ދެމިއޮންނަ އެއްޗަކަށް ނުވާތީއެވެ. އެހެންކަމުން، ކިތަންމެ ގާތް މިތުރަކަށްވިޔަސް، އެމީހަކަށް އިހްތިރާމްކުރާށެވެ. އެމީހަކު ދައްކާ ވާހަކައިން އެމީހަކު އުޅޭ ހާލު އެނގޭނެއެވެ. އެކަން ތިމާއަށް ކުރިމަތިވެއްޖެނަމަ، އުފުލާނެ ވޭން ހިތަށް ގެނެސް އެމީހަކާ ދިމާލަށް ވިހަ ބަސްތައް ދޫކޮށްނުލާށެވެ. އެހެން ނޫންނަމަ، އެންމެ ހެޔޮ އެދޭ މީހާ ވަރަށް ނުރައްކާތެރި ހާލަތަކަށް ވައްޓާލުމުގެ ސަބަބަކަށް ތިމާ ވެދާނެއެވެ. އެކަން ވިސްނޭއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.