ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެކެވެ. ދުނިޔޭގެ މިދިރިއުޅުމުގައި އެކި ކަންކަމާ ކުރިމަތިލާން ޖެހޭއިރު، ތިމާގެ ހެޔޮ ވިސްނުމުން އެއްކިބާވެ، ކޮންމެވެސް ކުށެއް ކުރެވިދާނެއެވެ. ބުނަން ނުވާ ބަހެއް ބުނެވިދާނެއެވެ. ކުރަން ނުވާ އެތައްކަމެއް ކުރެވިދާނެއެވެ. މީހުން ދެރަކޮށް ނިކަމެތިކޮށްލެވިދާނެއެވެ. ބަޔަކަށް ކިތަންމެބޮޑު ލަނޑެއްވެސް ދެވޭ ފަހަރު އާދެއެވެ. ބައެއްފަހަރު އެނގިހުރެއެވެ. އަނެއްބައިފަހަރު ނޭނގިއެވެ. ނުވަތަ ކޮންމެވެސް ބައެއް، ނުވަތަ މީހެއްގެ އަވާގައި ޖެހިގެންނެވެ. ކުރެވުނީ ކުށެއްކަން އަދި ކުށްކުރެވުނީ އަހަރެންނަށްކަން އެނގޭއިރުވެސް، އަހަރުމެންގެ ތެރެއިން ގިނަ މީހުންގެ ސިފައަކީ ގޮތްދޫނުކުރުމާއި، މާފު ނުކުރުމެވެ.
މާފުކުރަން ފަސްޖެހުމުގައި ސައިކޮލޮޖިކަލް ކަންކަމެއް އެކުލެވިގެންވާކަމަށް އެކަމުގެ މާހިރުންވެސް ފާހަގަކުރެއެވެ. ބައެއް ދިރާސާތައް ދައްކާގޮތުގައި، ކުދިކުދި ކަންކަމުގައިވެސް މާފަށް އެދެން ފަސްޖެހެވެނީ ތިމާއަކީ ދަށް މީހެއްކަމަށް އެހެންމީހުން ދެކިދާނެކަމަށް ބަލާފައެވެ. އަދި އަވަސްއަވަހަށް ކުދިކުދި ކަންކަމުގައި މާފަށް އެދުމަކީ ތިމާގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާކަން އެހެން މީހުންނަށް އަންގައިދޭކަމެއްކަމަށް ވިސްނުންކަމަށްވެސް އެ ދިރާސާތަކުން ހާމަވެއެވެ.
ފްރޮންޓިއަސް އިން ސައިކޮލޮޖީގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ހާމަކޮށްފައިވާ ގޮތުގައި، މާފުކުރުމަކީ ގުޅުންތައް ވަރުގަދަކޮށް ބަދަހިކުރުމަށް އެހީވެދޭކަމެކެވެ. ކުށެއް ކުރެވިއްޖެކަން އެނގޭ ހިސާބުން އެކުށުގެ ސަބަބުން ގެއްލުން ލިބޭ ފަރާތުގެ ކިބައިން މާފަށް އެދުމުން ތިމާއާ ދެމެދު އިތުބާރާ ޔަގީންކަން އުފެދިގެންދާނެއެވެ.
ނަމަވެސް އަހަރުމެންގެ ތެރެއިން ގިނަ މީހުންނަށް މިކަން ކުރަން ވަރަށް އުނދަގުލެވެ. މާފުކުރަން ލަދުގަނެއެވެ. ޖެހިލުންވެއެވެ. ބިރުގަނެއެވެ. އަނެކާ ހިތަށް އަރާފާނެ އެއްޗަކަށެވެ. ބުނެފާނެ އެއްޗަކަށެވެ. އެމީހަކާމެދު އޮންނަ ގުޅުމަށް ކުރާނެ އަސަރަކަށް ވިސްނާފައެވެ.
އިސްލާމްދީންވެސް ބާރުއަޅަނީ މާފުކުރުމަށެވެ. އަހަރުމެންގެ ނަބިއްޔާގެ ސުންނަތުންވެސް ފެންނަން އޮތީ މާފުކުރުމުގެ ރިވެތި ސިފައެވެ. މުސްލިމުންނަށް ދައްކަވާ ދެއްވާފައިވަނީ މާފުކުރުމާއި، މީހުންނަށް ހެޔޮކޮށްހިތުމުގެ މުހިންމުކަމާއި އެކަމުގެ މަތިވެރިކަމެވެ. އެހެންކަމުން، މިފަދަ ކޮންމެކަމެއްގައިވެސް އަހަރުމެން ހިފަންވީ ނަބިއްޔާގެ އިރުޝާދުގައެވެ. މުސްލިމު އަޙާއާއި ރުޅިއައިސްގެން ވާހަކަ ނުދައްކާ ތިން ދުވަހަށްވުރެ ގިނަދުވަހު ނުހުރުމަށް އަންގަވައިދެއްވީވެސް މާފުކުރުމާއި ގުޅުންތައް ބިނާކުރުމުގެ މުހިންމުކަން އަންގައިދެއްވުމަށެވެ.
އެހެންކަމުން، މާފުކުރުމަކީ ދެރަކަމެއް ނޫނެވެ. އެއީ ތިމާގެ ހިތްވަރުގަދަކަމާއި ގުޅުންތައް ދެމެހެއްޓުމަށް ތިމާދޭ އަހައްމިއްޔަތުކަން އަންގައިދޭ ހެއްކެކެވެ.
