ލޮޓަރީން ފައިސާ ކާމިޔާބުކުރުމަކީ ގިނަ ބަޔަކަށް ފެންނަނީ ހަޤީގަތަކަށްވާ ހުވަފެނެއްގެ ގޮތުގައެވެ. ނަމަވެސް، ޖަޕާނުގެ 66 އަހަރުގެ ރިޓަޔަރޑް ފިރިހެނަކަށް، ކުއްލި މުއްސަނދިކަމަކީ ކުރިމަތިވި ނޭދެވޭ ގޮންޖެހުންތަކެއްގެ ސަބަބެކެވެ. ސައުތު ޗައިނާ މޯނިންގ ޕޯސްޓް އާއި ޖަޕާނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި މީހާއަށް ލޮޓަރީން 600 މިލިއަން ޔެން (ގާތްގަނޑަކަށް 3.8 މިލިއަން ޑޮލަރު) ލިބުނު ނަމަވެސް، އޭނާގެ އަނބިމީހާއަށް މިކަން ސިއްރުކުރިއެވެ.
ލޮޓަރީން ފައިސާ ލިބުމަށްފަހު، "މިއީ ހަގީގަތެއް ކަމަކަށް ނުފެނޭ، އަދަދު ހާދަ ބޮޑުކަމުން ބިރުވެސްގަނޭ" އޭނާ ބުންޏެވެ. "ކަރަންޓު ޖެހުމަށް ވުރެ ލޮޓަރީ ކާމިޔާބުކުރުމުގެ ފުރުސަތު ކުޑަކަމަށް އަޑުއަހަމެވެ. މިއީ ހަމަ ދިރިއުޅުމުގެ ތަޖުރިބާއެކެވެ." 'އެސް' ގެ ނަމުން ނަން ދެވިފައިވާ މި މީހާއަކީ މެނުފެކްޗަރިންގ ކުންފުންޏެއްގެ ރިޓަޔަރޑް މުވައްޒަފެކެވެ. އޭނާއާއި އޭނާގެ އަނބިމީހާއަށް މަހަކު ޖުމްލަ 2,000 ޑޮލަރުގެ ޕެންޝަން ލިބެމުން ދިޔައިރު، މާލީ ގޮތުން އެދެމަފިރިންނަށް ކާމިޔާބުކުރެވިފައިވަނީ 174,000 ޑޮލަރެވެ.
ލޮޓަރީގެ ފައިސާ ސިއްރުކޮށް، އެސް އޭނާގެ ދިރިއުޅުން އަގުބޮޑެތި ތަކެއްޗަށް ހޭދަކުރަން ފެށިއެވެ. އޭނާ އަގުބޮޑެތި ކާރުތައް ގަތުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމާއި، މަތީ ފެންވަރުގެ ރިސޯޓުތައް ބުކްކުރުން ފަދަ ކަންކަމުގައި އެ ފައިސާ ބޭނުންކުރިއެވެ. އަނބިމީހާއަކީ އާދައިގެ ދިރިއުޅުމެއް އުޅޭ، އެސް އަށް ދުންފަތާއި ބަނގުރާ ބުއިން މަނާކޮށްފައިވާ، އަދި ހަމައެކަނި އެންމެ އާދައިގެ ކާރެއް ބޭނުންކުރާ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝައްކެއް އުފެދިޔަ ނުދިނުމަށްޓަކައި، އެސް އޭނާގެ އަނބިމީހާއަށް ބުނެފައިވަނީ، ގޭގެ މަރާމާތަށް ބޭނުންވާ 32,000 ޑޮލަރު އެކަނި ލޮޓަރީން ކާމިޔާބުކުރި ކަމަށެވެ.
ނަމަވެސް، އޭނާގެ މި ސިއްރު އަދި އަރާމު ދިރިއުޅުމުގެ ސަބަބުން ނަފްސާނީ ގޮތުން އޭނާއަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އޭނާގެ ބައްޕަ ކައިވެނި ރޫޅި ބަނގުރޫޓުވުމަށްފަހު އެކަނިވެރިކަމުގައި މަރުވި ހާދިސާ ހަނދާންވެ، އެސް އަށް ކުށުގެ އިހުސާސްތަކާއި އެކަނިވެރިކަން ކުރިމަތިވިއެވެ.
ފަހުން، އޭނާ މާލީ ކަންކަން ރާވާ ފަރާތެއްގެ އެހީ ހޯދައި، ލިބުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 3.2 މިލިއަން ޑޮލަރު އިންޝުއަރެންސަށް އިންވެސްޓުކުރިއެވެ. އަދި އޭނާގެ އަނބިމީހާއާއި ދަރިންނަކީ އެ ފައިސާގެ ފައިދާ ލިބޭ ފަރާތްތަކުގެ ގޮތުގައި ހަމަޖެއްސިއެވެ. "މި ފައިސާ އަހަރެންގެ އަމިއްލަ މަސައްކަތުން ލިބުނު ނަމަ، އަހަރެން ފަޚުރުވެރިވީސް. ނަމަވެސް، މަސައްކަތަކާނުލައި ލިބުނު މުއްސަނދިކަމަކީ ހިތްދަތި ހަނދާންތައް އައުކޮށް، އަހަރެންގެ ދިރިއުޅުން ގުޑުވާލި ކަމެއް" އޭނާ ބުނެފައިވެއެވެ.
ކުއްލިއަކަށް ލިބޭ މުއްސަނދިކަމުގެ ސަބަބުން އާއިލީ މެދުގައި ދިމާވާ މައްސަލަތަކުގެ މި ހާދިސާ، ޖަޕާނުގެ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބަޔަކު ވަނީ މިކަމަށް ޝައުގުވެރިކަން ފާޅުކޮފައެވެ.
