ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތެއްކުރަމުން އަންނަ އަލީ ރަމީޒާއި އަހުމަދު ހަމީދު (ވަޖޭ) ވަކިވެއްޖެއެވެ.

ފަހަކަށް އައިސް މީސްމީޑިއާގައި އައްޔައާއި ވަޖޭގެ ކުރު ވީޑިއޯތަކަށްވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. މުޖުތަމަޢުގައި ހުންނަ އާދައިގެ ކަންކަން ކަމަށް ބެލެވޭ، އެހެނަސް ކަންބޮޑުވާންޖެހޭ ކަންކަން ދީނީ ނަޒަރަކުން އާންމުންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުކޮށްފައި ދޫކޮށްލާ ކުރު އެހެނަސް މަޢުލޫމާތުން ފުރިގެންވާ އަދި ބަލާހިތްވާކަހަލަ ވީޑިއޯކޮޅުތައް ޕޯސްޓު ކޮށްލުމާއެކު ވައިގައި ހިފައެވެ. މަޖާ ގޮތަކަށް އެންމެ އާދައިގެ މީހާއަށްވެސް މޭރުންވާނޭހެން ބަސްމަގު ބޭނުންކޮށްގެން ޝާއިޢުކުރާ މި ވީޑިއޯތަކުގައި އެކަމެއްގައި ދީނީގޮތުން އޮންނަ ރަނގަޅުގޮތް ބަޔާން ކޮށްދިނުމަށް ޝެއިޙްއެއްވެސް ހަރަކާތްތެރިވެއެވެ. މަންފާ ޖަމްޢިއްޔާގެ އެކިއެކި ހަރަކާތްތަކުގައި އެކިއެކި ރަށްރަށަށްދާ ދަތުރު ތަކުގައި މިފަދަ އެތައް ވީޑިއޯތަކެއް އާންމުންނަށްވަނީ ދޫކޮށްލާފައެވެ.

އެހެންނަމަވެސް، އަލީ ރަމީޒާއި ވަކިވާން ޖެހިއްޖެކަން ވަޖޭވަނީ އިއްޔެ އިޢުލާންކޮށްފައެވެ. މިއަދަކީ ހިތާމަވެރި އެހެނަސް އުފާވެރި ދުވަހެއްކަމަށްބުނެ ވަޖޭ ކޮށްފައިވާ ޕޯސްޓު ފަހުން އަލީ ރަމީޒު ހިއްސާކުރަމުން ބުނެފައިވަނީ ބައްދަލުވުމާއި ވަކިވުން އަދި އައުމާއި ދިޔުން އެއީ ދުނިޔޭގެ ސުންނަތްކަމަށާއި ވަޖީހް ފެއްޓި ދަތުރަށް ބަރަކާތް ލެއްވުން އެދި ދުޢާކުރާކަމުގައެވެ. އެހެންކަމުން ވަޖޭ އެހެން ކަމަކަށް މަސްޢޫލުވާން ޖެހުމުން މި ދެމީހުންގެ ވީޑިއޯތަކަށް ނިމުމެއް އައީކަމަށް ބެލެވެއެވެ.

މި ދެ ޕޯސްޓަށްވެސް އާންމުންގެ ވަރަށް ގިނަ ކޮމެންޓްތައް ކޮށްފައިވާއިރު، ގިނަ މީހުން އަދިވެސް އައްޔައާއި ވަޖޭގެ ވީޑިއޯތައް ފެންނަން އެދޭކަމަށްވަނީ ބުނެފައެވެ. އަދި ކުރިން ނޭނގޭ އެތައް މަޢުލޫމާތުތަކެއް، އެ ވީޑިއޯތަކުން ލިބިގެންދިޔަކަމަށްވެސް ބައެއް މީހުންވަނީ ފާހަގަކޮށްފައެވެ.

އެންމެ ގިނަ މީހުންނަށް ކަމުދިޔަ އެއް ވީޑިއޯއަކީ، ގަހެއްގެ އޮފިގަނޑެއްގައި އިން އަނބެއްގައި ވަޖޭ ފައިން ޖަހަން އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެވެ. އަދި އެންމެފަހުން، ދޫކޮށްލި ވީޑިއޯއެއްގައި ފެންނަނީ ވިޔަފާރިކޮށްފައި ބާކީ ދޭންޖެހޭ ވަކިލާރިކޮޅު ނުދީގެން ހިނގައިދިޔަ އަރާރުމެކެވެ. އެހެންކަމުން ބައެއްމީހުން މަޖަލަކަށް، ދެމީހުން ވަކިވާން ޖެހުނީ ވަކިލާރީގެ ސަބަބުންތޯވެސް ސުވާލު އުފައްދައެވެ.