އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅެވުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑް ކައިރިން އެވަޓަން 1-0 އިން މޮޅުވެއްޖެއެވެ.
މެޗުގެ 13 ވަނަ މިނެޓުގައި އެވަޓަންގެ ދެކުޅުންތެރިއެއްގެ މެދުގައި ހިނގާދިޔަ ހަމަނުޖެހުމެއްގެ ސަބަބުން އެއް ކުޅުންތެރިއަކަށް ދެއްކި ރަތްކާޑާއެކު، މެޗުގެ ބޮޑުބައި އެވަޓަން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތުކުޅެ ގިނަ ހަމަލާތަކެއް އުފައްދަން ޔުނައިޓެޑުން މަސައްކަތްކުރި ނަމަވެސް، އެވަޓަންގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއްނުވިއެވެ. އޭގެ ބަދަލުގައި ލިބޭ ކައުންޓަރ އެޓޭކްތަކުގައި އެވަޓަންގެ މެދުތެރެއާއި ކުރިއަށްކުޅޭ ކުޅުންތެރިންގެ ތޫނުފިލިކަމާއި ހަލުވިކަން ފެނިގެންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން އެވަޓަންގެ ޑިއުސްބެރީ ހޯލް ޖެހި ހިތްގައިމު ލަނޑާއެކު އެވަޓަން ލީޑު ނެގިއެވެ. ޔުނައިޓެޑުން ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިނަމަވެސް، ހުރަހަކަށްވީ އެވަޓަންގެ ތަޖުރިބާކާރު ގޯލްކީޕަރ ޖޯޑަން ޕިކްފަޑްއެވެ.
ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކަށް ކުޅުން މެދުކަނޑާލުމަށްފަހު، އަނބުރާ އައި މެޗުގައި ޔުނައިޓެޑަށް ލިބުނު މި ހިތްދަތި ނަތީޖާއާއެކު އެ ޓީމު އޮތީ ޓޭބަލުގެ ދިހަވަނައިގައެވެ. ރޭގެ މެޗަށް ނުކުތްއިރު، މެޗުން 3 ޕޮއިންޓް ހޯދައިގެން ގަދަ ހަތަރަކަށް އެރެން އެޓީމަށް ފުރުޞަތު އޮތެވެ.
އިނގިރޭސި ޕްރިމިއަރލީގު 20 ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް 21 ފަހަރު ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑް، ފާގަސަންގެ ރަން އަހަރުތަކަށްފަހު އަދިވެސް އުޅެނީ ރަނގަޅަށް ހިފަހައްޓައިނުލެވިގެންނެވެ.
