އިންސާނާގެ ދިރިއުޅުމުގައި، ހިތްހަމަނުޖެހުންތަކާއި، ނުތަނަވަސްކަން އުފެދުމަކީ ދިމާވާނެ ކަންކަމެވެ. އެހެންނަމަވެސް، މިފަދަ ހާލަތްތަކުގައި އަޅުގަނޑުމެން ޢަމަލުކުރާ ގޮތަކީ، އަޅުގަނޑުމެންގެ ޝަޚުސިއްޔަތާއި، އަޚްލާޤީ ފެންވަރު ދައްކުވައިދޭނެ ކަމެކެވެ. މާފުކުރުމަކީ، ބައެއް ފަހަރު ބަލިކަށިކަމެއް ކަމަށް ދެކެވޭ ކަމެއް ކަމުގައި ވިޔަސް، އިސްލާމްދީނުގައި މިކަން ދައްކުވައިދެނީ ވަރަށް ބޮޑު ބާރެއް ކަމުގައެވެ. ޙަޤީޤީ ބާރަކީ، ހިތްތަކުގައި ރުޅިވެރިކަމާއި ކިބުރުވެރިކަން ބޭއްވުމުގެ ބަދަލުގައި، މާފުކޮށްލުމުގެ ކުޅަދާނަކަން ލިބިގަތުން ކަމުގައި ދީނުގައި ބަޔާންކުރެއެވެ.
މާފުކުރުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ ހަޤީޤީ ބާރާއި، ޢިއްޒަތްތެރިކަމާއި، ރޫޙާނީގޮތުން ފުރާފުރިހަމަވެފައިވާ ކަމުގެ ނިޝާނެކެވެ. އެހެންމީހުންގެ ކުށްތަކާއި ނުތަނަވަސްކަންތައް ހިތުގައި ބާއްވައި، ބަދަލުހިފުމުގެ ފުރުޞަތު ލިބިފައިވާ ހާލުގައިވެސް އެކަން ދޫކޮށްލުމަކީ، ނަފްސުގެ މައްޗަށް މޮޅުވެގަތުމެވެ. ޤުރުއާނުގައި ވަނީ ރުޅި ކޮންޓްރޯލު ކުރުމަށާއި، އެހެންމީހުންނަށް މާފުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ޚާއްޞަކޮށް، ބަދަލުހިފުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން މާފުކުރުމަކީ، ﷲ ގެ ޙަޟުރަތުގައި ދަރަޖަ މަތިވެރިވެގެންވާ ޢަމަލެއް ކަމުގައި ބަޔާންކުރައްވައެވެ.
މާފުކުރުމުގެ މަތިވެރިކަން ބަޔާންކުރައްވާ، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿133﴾ ۞ وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿134﴾ الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ. މާނައީ: އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ." (ސޫރަތު އާލު ޢިމްރާން: 133-134)
މި މަތިވެރި އާޔަތުން ދައްކުވައިދެނީ، މާފުކުރުމަކީ ތަޤުވާވެރިކަމާއި ސުވަރުގެއާ ގުޅިފައިވާ ކަމެއް ކަމެވެ. ހިތްހަމަނުޖެހުމާއި ރުޅިވެރިކަން ދޫކޮށްލުމަކީ ހަމައެކަނި އަޚްލާޤީ ހެޔޮކަމެއް ނޫނެވެ. އެއީ ﷲ ގެ ޙަޟުރަތުން ދަރުމަ ލިބި، ސުވަރުގެއަށް ވާސިލުވުމުގެ މަގެވެ. މި އާޔަތުގައި ވަނީ ރުޅިމަޑުކޮށް، އެހެންމީހުންނަށް މާފުކުރާ މީހުންނަކީ ﷲ ގެ ލޯބި ލިބޭ ބަޔަކު ކަމަށް ބަޔާންކުރައްވާފައެވެ. މިއީ މާފުކުރުމުގެ ސަވާބާއި މަތިވެރިކަން ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމެކެވެ.
ބައެއް މުޖުތަމަޢުތަކުގައި ޢިއްޒަތާއި ޝަރަފު ގުޅިފައި އޮންނަނީ ބަދަލުހިފުމާއެވެ. ނަމަވެސް ޤުރުއާނުން މި ވިސްނުން ގޯސް ކުރެއެވެ. ބަދަލުހިފުމުގެ ބަދަލުގައި ރަޙުމަތްތެރިކަމާއި މާފުކުރުން އިޚްތިޔާރުކުރާ ފަރާތްތަކަށް އިސްލާމްދީނުގައި ދެނީ މަތިވެރި ޝަރަފެކެވެ. މާފުކުރުމަކީ މުޖުތަމަޢުގައި އުފެދޭ ހަމަނުޖެހުންތަކާއި ފިތުނަ ފަސާދަތައް ނައްތާލައި، ޞުލްޙަވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މިހެންކަމުން، ޙަޤީޤީ ބާރަކީ ބަދަލުހިފުން ކަމުގައި ބެލެވޭކަށް ނެތެވެ. ނަމަވެސް ޙަޤީޤީ ބާރަކީ، އެއީ އެހެންމީހުންނަށް މާފުކުރުމުގެ މަތިވެރި ސިފައެވެ. ރުޅިވެރިކަމާއި ހިތްހަމަނުޖެހުންތައް ހިތުގައި ބަހައްޓައިގެން ހުރުމަކީ އިންސާނާގެ ނަފްސަށް ލިބޭ ބޮޑު ގެއްލުމެކެވެ. މާފުކުރުމުގެ ސަބަބުން ހިތްތަކަށް ހަމަޖެހުމާއި، މުޖުތަމަޢަށް އަމާންކަން ލިބިގެންދެއެވެ. ވީމާ، މާފުކުރުމަކީ އިންސާނާގެ ޙަޔާތަށް ހަމަޖެހުމާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ގެނެސްދޭނެ މަތިވެރި އަޚްލާޤެކެވެ.
