އިންސާނާގެ ސިކުނޑިއަކީ އެންމެ 1.4 ކިލޯގްރާމްގެ ބަރުދަނެއް ހުއްޓަސް، ހަށިގަނޑުގެ ބާރު އެންމެ ގިނައިން ބޭނުންކުރާ ގުނަވަނެވެ. ސިކުނޑި މަސައްކަތްކުރަނީ ނިއުރޯންތައް އެކަތި އަނެކައްޗާ މުއާމަލާތްކުރުމުގެ ތެރޭގައި އުފައްދާ ކުދިކުދި ކަރަންޓުގެ ބާރުތަކަކުންނެވެ.
ކޮންމެ ވަގުތެއްގައިވެސް، ތިބާގެ ސިކުނޑިއިން ގާތްގަނޑަކަށް 20 ވޮޓްގެ ކަރަންޓުގެ ބާރެއް އުފައްދައެވެ. މިއީ ކުޑަ އެލް.އީ.ޑީ ބޮތްކެއް ދިއްލާލަން ފުދޭވަރެވެ. މި ދާއިމީ ކަރަންޓު ހަރަކާތަކީ ތިބާ ވިސްނުމާއި، އިހުސާސްކުރުމާއި، ހަރަކާތްކުރުމާއި، އަދި ހުވަފެން ދެކުމަށްވެސް އެހީތެރިވެދޭ އެއްޗެކެވެ. ސިކުނޑީގެ ބަރުދަނަކީ ހަށިގަނޑުގެ ޖުމްލަ ބަރުދަނުގެ އެންމެ %2 ވިޔަސް، ހަގީގަތުގައި، ސިކުނޑީގެ ހަރަކާތްތައް ގަދަވާ ވަގުތުތަކުގައި، ހަށިގަނޑުގެ ޖުމްލަ ބާރުން %20 ސިކުނޑިއަށް ބޭނުންކުރެއެވެ.
މި ކަރަންޓު އުފެދެނީ ނިއުރޯންތައް ބޭނުންކުރާ ސޯޑިއަމް އާއި ޕޮޓޭސިއަމް އަޔަންސް ފަދަ ޗާޖުވެފައިވާ ޕާޓިކަލްތަކުންނެވެ. މިއިން އެތަކެތީގެ މެމްބްރޭންތަކުގައި ކަރަންޓުގެ ތަފާތުތަކެއް އުފައްދައެވެ. ނިއުރޯނެއް ހަރަކާތްތެރިވާ ކޮންމެ ފަހަރަކު، އެކްޝަން ޕޮޓެންޝަލް ކިޔާ ކަރަންޓު ސިގްނަލެއް އޭގެ އެކްސޯން އިން ފޮނުވައެވެ. މިއިން ނިއުރޯޓްރާންސްމިޓަރ ބޭރުކޮށް، ގާތުގައިވާ ނިއުރޯންތަކާ މުއާމަލާތްކުރަން ފަށައެވެ. އަޔަންތަކާއި ސިގްނަލްތަކުގެ މި ހަރަކާތްތައް ސިކުންތަކު ބިލިއަނުން ގުނާ އަދަދަކަށް ހިނގައެވެ. މިއީ ތިބާގެ ވިސްނުންތަކާއި ހަނދާންތަކުން ފެށިގެން ހިތުގެ ތެޅުމާއި ނޭވާލުންފަދަ ކޮންމެ ކަމެއްގެ ބިންގަލެވެ. ކަންމިހެން ހުރުމުން އެނގޭ ކަމަކީ އިންސާނާގެ ސިކުނޑީގައި ހިނގާ ކަރަންޓުގެ މި ބާރަކީ ލެޑް ބޮތްކެއް ދިއްލާލެވޭނެ ވަރުގެ ބާރެއް ކަމެކެވެ.
