ރާއްޖެއަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ގައުމެކެވެ. ސާފުމޫދާއި ދޮންވެލި ތުނޑިތަކާއި ގުދުރަތީ ހިތްގައިމު އެތައް ސިފައެއް ލިބިފައިވާ ދުނިޔެމަތީގެ ސުވަރުގެކަމަށް މީހުން ސިފަކުރާ ތަނެކެވެ. ނަމަވެސް މިގައުމުގައި ދިރިއުޅޭ މީހުން ހިތްހަމަ ޖައްސައިލުމަށް ދަތުރެއް ދިޔުންވެސް މިއޮންނަނީ ދަތިކަމަކަށްވެފައެވެ. އަމިއްލަ ރަށުގައި އެރިލާނެ ރީތި މޫދެއްހާ ހިސާބުވެސް ނެތް ރަށްރަށް އެބަހުއްޓެވެ. އެހެން ރަށަކަށް ނުވަތަ ގައުމަކަށް ދާން ބަލާއިރު އެންމެ ބޮޑު ކަމަކަށް އޮންނަނީ ބަޖެޓުގެ ތާށިކަމެވެ.
މިހާރަށް ބަލާއިރު ދަތުރުފަތުރުގެ ކަންކަން މިއޮތީ ނުލާހިކު ފަސޭހަވެފައެވެ. ކައިރި ރަށަކަށް ހަފްތާ ބަންދެއްގައި ނުވަތަ ލިބޭ ޗުއްޓީއެއްގައި ދަތުރެއްކޮށްލާނަމަ، އާރުޓީއެލް ޚިޔާރުކުރެވެން އެބަ އޮތެވެ. ދަތުރެއްނަގައިގެން ލޯންޗެއްގައި ދަތުރުކުރުމަށްވުރެ، ފެރީގައި އަގުހެޔޮކޮށް ދަތުރުކޮށްލެވޭނެއެވެ. އެހެންކަމުން ވޮލެޓަށް ލުއިކޮށް އާއިލާއާއެކު އެހެން ރަށަކަށް ދަތުރެއް ކޮށްލާނަމަ، އެންމެ ފުރަތަމަ ކަމަކީ އަގުހެޔޮ ދަތުރުފަތުރުގެ ވަޞީލަތެއް ޚިޔާރުކުރުމެވެ. ވަކި ތާވަލަކަށް އުޅެލަން ޖެހުނަސް، ދަތުރު ކުޑަކޮށް ދިގުވެލިޔަސް، މިއީވެސް ތަފާތު ތަޖުރިބާއެއްކަމަށް ދެކި، ފެރީ ޚިޔާރުކޮށްލާށެވެ.
ދެން އޮތީ ދަތުރު ފެށުމުގެ ކުރިން ދާން އުޅޭ ތަނެއް ކަނޑައެޅުމެވެ. ފުރަތަމަ ފަށާއިރު، ކައިރި ރަށަކުން ފަށަމާ ހިނގާށެވެ. ގެސްޓްހައުސްއެއް ހޯދުމުގެ ބަދަލުގައި އެރަށުގައި ދަންނަ ރައްޓެއްސެއް ހުރިތޯ ބަލައި އެ ރައްޓެއްސެއްގެ ގޭގައި ހުރެވޭތޯ ބެލުމަކީ ދޭދޭ އެކުވެރިކަންވެސް ބަދަހިވެގެންދާނެކަމެކެވެ. އަދި ޖީބަށްވެސް އެންމެ ލުއި ގޮތެވެ. އެއްގޮތަކީ ހަމައެކަނި ނިދާލެވޭނޭ އިންތިޒާމް އެގެއަކުން ހަމަޖެއްސުމެވެ. އެކުވެރިޔާއަށް އެހާ ބުރަ ނުކުރުމަށެވެ. އޭރުން ކެއުން އެކަނި ބޭރުން ހަމަޖައްސައިލިޔަސް ބޮޑުތަނުން ޚަރަދު ކުޑަވާނެއެވެ. ދަންނަ ރައްޓެއްސަކު ނެތްނަމަ، ނުވަތަ ހުރުން ހަމަނުޖެހިއްޖެނަމަ، އަގުހެޔޮކޮށް ގެއަކުން ކޮޓަރިއެއް ހޯދާށެވެ. އެގޮތަށް ދަތުރެއް ގޮސް އުޅޭއިރު ގިނަފަހަރު ކޮޓަރިއަށް ވަންނާނީ ނިދަންވީމައެވެ. އެހެންވީމާ ބޮޑު އަގުގައި ފެންވަރު ރަނގަޅު ކޮޓަރިއެއް ނެގުމުގެ މާބޮޑު ބޭނުމެއް އަސްލު ނޯންނާނެއެވެ.
ބޭރު ގައުމަކަށް ދަތުރުކުރާނަމަ، ދިޔުމުގެ ކުރިން އެތަނެއްގެ ކަންކަން ކުޑަކޮށް އޮންލައިންކޮށް ބަލައި ދިރާސާކުރާށެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ކަންކަން ހުންނަ ގޮތާއި، އެންމެ އަގުހެޔޮކޮށް ޓިކެޓް ނެގޭނޭ ދުވަސްކޮޅު ބަލާށެވެ. އާންމުކޮށް ޗުއްޓީތަކާ ދިމާކޮށް ޓިކެޓް އަގުބޮޑުވާއިރު، ކުރިޔާލާ ޓިކެޓް ނެގުމުން އަގުހެޔޮވާނެއެވެ. ކެއުމުގެ ކަންކަންވެސް އެތަނެއްގައި ދިރިއުޅޭ މީހުން އުޅޭ ގޮތަށް ބައްޓަންކުރީމަ ރަނގަޅުވާނެއެވެ. ކޮންމެހެން ކޮންމެ ގަޑިއަކު އަގުބޮޑު ރެސްޓޯރަންޓްތަކުން ކާނެކަމެއްނެތެވެ. ޝޮޕިންގމޯލްތަކުގައި ހުރިހާ އެއްޗެއްވެސް އަގުބޮޑުވާނެއެވެ. ބޭރުން އާދައިގެ ކެފޭތައް ޚިޔާރުކުރުމުން އަގުހެޔޮވާނެއެވެ.
ޗުއްޓީއެއްގައިނަމަ މަޖާކޮށް ސަކަރާތްޖަހަން ބޭނުންވާނެއެވެ. އެކިކަހަލަ ކުޅިވަރުތައް ކުޅެ އައު ކަންކަން ތަޖުރިބާކޮށްލަން ބޭނުންވާނެއެވެ. މިކަންކަން ކުރާއިރުވެސް އަގުބޮޑު ކުޅިވަރުތައް ކުޅުމުގެ ބަދަލުގައި ކުދިން ގަޔާވާކަހަލަ ތަންތަނަށް ޒިޔާރަތްކޮށްލާ ހަދާށެވެ. އަދި ބަޖެޓަށް ފެތޭކަހަލަ ކުޅިވަރުތަކާއި ގޭމުތަކުގައި މަސްޢޫލުވާށެވެ. މިސާލަކަށް މިއުޒިއަމްތަކަށް ޒިޔާރަތްކޮށްލުމާއި، ފާހަގަކޮށްލެވޭ ތަންތަން ބަލައިލުމަށް ދެވިދާނެއެވެ.
މިގޮތަށް ޗުއްޓީއެއް މަދުވެގެން އަހަރަކު ދެތިން ފަހަރު ދިޔުމަކީ މުހިންމުކަމެކެވެ. ކުދިން ސުކޫލުގެ ބުރަ ތާވަލުން ބޭރުގައި ވަގުތު ހޭދަކޮށްލަން ފުރުޞަތު ހޯދައިދިނުމުން އެކުދިންނަށް އައު ކަންކަން ތަޖުރިބާކޮށްލާ ދުނިޔެތެރެއަށް ލޯ ހިންގާލުމަށް އެހީއަކަށް ވެގެންދާނެއެވެ. އަދި އާއިލާ ތެރޭގައި ގުޅުން ވަރުގަދަވެ، ނަފްސާނީ ދުޅަހެޔޮކަމަށް އެހީއަކަށް ވެގެންދާނެއެވެ.
