ދިވެހިރާއްޖެއަށް އިސްލާމްދީނުގެ އަލިކަން ލިބުނުތާ އެތައް ޤަރުނެއްމިވަނީވެފައެވެ. ދިވެހިންނަކީ ހިތްހެޔޮކަމާއި ހިތްތިރިކަމާއި މަޑުމައިތިރިކަމާއި އަދަބު އިޙްތިރާމު އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި މިގައުމަށް ކުރިން ދަތުރުކުރި މީހުން ސިފަކޮށްފައިވާ ބައެކެވެ. ރާއްޖޭގެ ރީތިކަން ދެކިލުމަށް އެކި ކަރަތަކުން އަންނަ ފަތުރުވެރިންވެސް، އެމީހުންގެ ޗުއްޓީ ފުރިހަމަކޮށްފައި އަނބުރާ ގައުމަށްދާއިރު ގެންދާ އެކައްޗަކީ ދިވެހިންގެ ފުށުން ފެންނަ މިދެންނެވި ސިފަތަކުގެ ހަނދާންތަކެވެ. އެކަން އެނގެނީ އެމީހުން އެކި މަންސަތަކުގައި ހިއްސާކުރާ ވާހަކަތަކުންނާއި ދެވަނަ ފަހަރަށް ރާއްޖެއައުމަށް މެދުވެރިވާ ސަބަބަކަށް އެކަންކަން ވެފައި އޮންނާތީއެވެ.

މިއަދަށް ވިސްނާލަމާ ހިނގާށެވެ. ތަޢުލީމު ނުލިބޭ ދިވެއްސެއް މި ދިވެހިރާއްޖެއަކު ނެތެވެ. ފަށާ ތަޢުލީމުން ފެށިގެން ޑިގްރީއާ ހިސާބަށް ހިލޭ ކިޔެވޭނޭ އިންތިޒާމް މިވަނީ ހަމަޖެހިފައެވެ. މަތީ ފާސް ނަގާކުދިން އަހަރަކަށްވުރެ އަހަރެއް މިދަނީ އިތުރުވަމުންނެވެ. ސުކޫލުތަކުގައާއި ކޮލެޖުތަކުގައި ފޮތްތަކުގައި ހުންނަ ތަކެތީގެ އިތުރުން، އަދަބު އަހުލާގު ދަސްކޮށްދިނުމަށް އެތައްކަމެއްކުރެއެވެ. ނަމަވެސް، ހިތާމައަކީ މަތީ ފާސް ނަގާކުދިން ކިތަންމެ ގިނަވަމުންދިޔަސް، އަދަބު އިޙްތިރާމް ގާދޫކޮލުން ބޭރުވެއްޖެކަމެވެ. ކުޑަކުދިން ބޮޑެތި މީހުންނަށް އިޙްތިރާމެއް ނުކުރެއެވެ. ކިޔަވާކުދިން އެދުރުންނަކަށް ނުކުރެއެވެ. ދަރިން މައިންބަފައިންނަކަށް ކުލުނެއް ލޯތްބެއް ނެތްތަނުގައި، އަދަބު އިޙްތިރާމުގެ ކަންފުޅެއްވެސް ނެތެވެ.

ދަރިން ގޮވައިގެން ކެފޭއަކަށް ދެވޭކަށްނެތެވެ. އެތަނުގައި ބަސްމަގު އެހާ ހުތުރެވެ. ދަރިން އެކަނި ކުޅިވަރެއްކުޅެން ތާކަށް ފޮނުވޭކަށްނެތެވެ. އަހުލާގުގެ ކަންފުޅެއްވެސް އެތަންތަނަށްދާ އެހެންކުދިންގެ ނެތީއެވެ. ކޮންމެ އެއްޗެއް ބުނާއިރު ނަގޫ އަނބުރާފައެވެ. އުމުރާނުގުޅޭ އެތައް ބަސްތަކެއް އަޑު އިވެންނުވާ އެތައް ވާހަކަތަކެއް އެތަންތަނުގައި ދެކެވެނީއެވެ.

މައްސަލަ މިއުޅެނީ ކޮން ހިސާބެއްގައި ހެއްޔެވެ؟ އެއިން ކޮންމެ ކުއްޖަކީ އަދި މީހަކީވެސް މައިންބަފައިން ތިބޭނޭ ބައެކެވެ. ސުކޫލަށް ކިޔަވަންވެސް ދާނެތާއެވެ. ސުކޫލުތަކުން އެކަންކަން ކިޔަވައިދިނަސް، ނަމޫނާ ދައްކަން ތިބޭ ބައެއް މީހުންގެ އަމަލުތައް ހުންނަގޮތުން ކުދިން އެމަގަށް ދީލައިލަނީއެވެ. އެކުދިންގެ މައްޗަށް ބަސްކިޔަންތިބޭ މީހުން އެހެން މީހުންނަށް އިޙްތިރާމްނުކުރާތަން ފެންނަނީއެވެ. ޑިމޮކްރަސީއޭ ބުނެ ހެއްދެވި ނުހެއްދެވިއެއް ކިޔުން އެއީ އާދައިގެ ކަމެއްކަމަށް ވިސްނޭ ދަރަޖައަށް ކަންކަން ގޮސްފައިވާތީއެވެ. ކުދިން ތުއްތުއިރު އަތަށް ދެވޭ ސްމާޓް އެއްޗެއްގެ ސަބަބުން، އަޑުއަހަން ނުޖެހޭ އެއްޗެހި އަޑުއެހުމާއި، ބަލަން ނުޖެހޭ މަންޒަރުތައް ބަލަން ތަންމިނަށް ދޫކޮށްލެވިފައިވުމުން އެކުދިންނަށް އެއީ އެކުދިންވެސް އުޅެންޖެހޭ ގޮތްކަމަށް ވިސްނެނީއެވެ. މައިންބަފައިން އެކުދިންގެ މިއުޅުން ނުބަލާތީ އެއީ ރަނގަޅުކަމުގައި ދެކި އެގޮތަށް މުޖުތަމަޢުތެރޭގައިވެސް އުޅެވެނީއެވެ. ދެން އޮތީ ހައްގުގެ ވާހަކައެވެ. މިއީ ހައްގުތައް ގިނަ ޒަމާނަކަށްވާތީ، ގޯހެއް ހެދިޔަސް އެއްޗެއް ބުނާ މީހާ ކުށްވެރިވާތީއެވެ. ރަނގަޅުގޮތް ބުނެދޭން އުޅޭ މީހާއަކީ ވާތުފިޔައިގެ މީހެއްގޮތަށް ސިފަކޮށްފައި އޮންނާތީއެވެ.

ހައްލުވާން އޮތީ ކުދިންގެ ޅައުމުރުގައި މިދެންނެވި ކަންކަމަށް ސަމާލުކަންދީގެންނެވެ. އިސްލާމްދީނުގެ ރިވެތި ސިފަތައް ކުދިންނަށް ކިޔައިދީ އެގޮތަށް ބޮޑެއްޗަށްތިބޭ މީހުން އަމަލުކުރާތަން ދައްކައިގެންނެވެ. ޖީލެއް އަވަދިވެއްޖެއެވެ. ނަމަވެސް، މިކަންކަން ރަނގަޅު ކުރުމަށް ގައުމީ ފެންވަރުގައި ދިރާސާއެއްކޮށް އެކަންކަމަށް ފިޔަވަޅުތަކެއް އަޅާންވެއްޖެއެވެ. އެހެން ނޫންނަމަ، އަހަރުމެންގެ ދިވެހިވަންތަކަން ގެއްލިދާނެއެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ފަޚުރުވެރިވުން ނިމުމަކަށް އައިސްދާނެއެވެ. ބޭރުމީހުން ރާއްޖެ ދެކޭ ގޮތް ބަދަލުވެ އެކަމުގެ ނޭދެވޭ އަސަރު އަހަރުމެންގެ އިޤްތިޞާދަށްވެސް ކުރާނެއެވެ.