މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އިތުރު ހުކުމެއް ތަންފީޒުކުރަން ނުޖެހޭ ގޮތަށް މައްސަލަ މިއަދު ނިމިއްޖެއެވެ.

މިދިޔަ 18 އެޕްރީލްގައި ހިނގި އެ ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް މިދިޔަ ޖޫން މަހު ދައުލަތުން އުފުލީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ އަސާސީ އަދަބަކީ، އެއް މަހާއި ހަ ދުވަހަށް ޖަލު ހުކުމެކެވެ.

މި މައްސަލައިގައި މިދިޔަ ހަފުތާ ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެހެންވެ އޭނާގެ އަދަބު ވަނީ 27 ދުވަހަށް ލުއިކޮށްފައެވެ. 

މި މައްސަލައިގެ ތަހުގީގީ މަރުހަލާގައި ރައުދު ވަނީ އެއް މަހާއި ތިން ދުވަސް ބަންދުގައި ހޭދަކޮށްފައެވެ. 

އެެހެންކަމުން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ ބަންދުގައި ހުރި ދުވަސްތައް އުނިކުރުމުން ރައުދު ދެން ތަންފީޒުކުރާނެ ހުކުމެއް ނެތް ކަމަށެވެ.