ކައިވެނިކުރުމަށްޓަކައި ލޯބިވެރިއަކު ޚިޔާރުކުރުމުގެ ޘަޤާފަތަކީ ކޮންއިރަކު ފެށުނު ކަމެއްކަން އެނގޭކަށް ނެތެވެ. ނަމަވެސް އެނގޭކަމަކީ، ކައިވެންޏަކާ ހިސާބަށް ދާއިރު ގިނަ މީހުން ހަޔާތުގެ ކޮންމެވެސް ހިސާބަކުން ލޯބިވެރިއަކު ހޯދާކަމެވެ. އެކިމީހުން އެމީހަކު ހިތްއެދޭ މީހަކު ތިމާގެ އަތަށް ލަންބައިލުމަށް އެކިއުކުޅު ބޭނުންކުރެއެވެ. އަދި ހާސިލުވުމުން ނުލާހިކު ލޯބިން ތަރިއާއި ހަނދު ހެކިކޮށް އަޙުދުތަކާއި ވަޢުދުތައްވެއެވެ. މިރޮނގުންވެސް ފާހަގަކޮށްލެވޭ ފަރާތްތަކެއް މަޝްހޫރުވެ، އަހަރުމެން އެމީހުންގެ މިސާލުން މިސާލުޖަހައި އުޅެމެވެ. ލައިލާ މަޖުނޫނެވެ. ދޮންހިޔަލައާއި އަލިފުޅެވެ. ރޯމިއޯ އާއި ޖޫލިއަޓެވެ. ސުވާލަކީ، މިހާރު އިނދެގެން ތިޔަ އުޅެނީ ރައްޓެހިވެގެން އުޅުނުއިރު ލައިލާ މަޖުނޫނު ހެދިގެން އުޅުނު ކުއްޖާޔާ ހެއްޔެވެ؟
ފުރަތަމަ ލޯބި ހާސިލުކުރެވެނީ ވަރަށް މަދު ބަޔަކަށެވެ. އެއީ ލޯބީގައި އެންމެ ކާމިޔާބު މީހުންކަމުގައި ދެކެއެވެ. ސުކޫލު ދައުރުގައި އަލަށް ރައްޓެހިވާ ކުއްޖާއާ ކައިވެންޏާ ހިސާބަށް ގެނެވޭނީ ލައްކަ ނަސީބުވެރިންނަށޭ މީހުން ބުނެއެވެ. އެކަން ހާސިލުކުރުމަށްޓަކައި ގިނަ ގުރުބާނީތަކެއް ވާންޖެހުނަސް، އެކަން އެމީހުންކުރެއެވެ.
ދެން އޮތީ މާފަހުން ހަގީގީ ލޯބިވެރިޔާ ފެންނަ ވާހަކައެވެ. މިއީ ވެދާނެ ގޮތެކެވެ. ތިމާ އެންމެ ލޯބިވި މީހާ ތިމާއަށް ލިބެން ނެތްކަން ޔަގީންވުމުން އެހެން މީހަކު ތިމާގެ ހަޔާތަށް ގެނެވެއެވެ. ނުވަތަ ތަގުދީރު އެގޮތަށް ނިޔާކުރެއެވެ. އެހެންކަމުން އެކަމަށް ރުހި ކައިވެންޏާ ހިސާބަށް ގޮސް، އެގުޅުމުގައި އެތައް އަހަރެއްވެ، ދަރިން ލިބި، އެދަރިން ބޮޑެތިވާފަހުން، ތިމާގެ ދިރިއުޅުމުގައި ކުރިން ދެންނެވި ހަގީގީ ލޯބިވެރިޔާ ޓަކި ދިނުމުން ނޫނެކޭ ބުނަން ފަސްޖެހެވެއެވެ. ގިނަފަހަރު އެހެން ދިމާވަނީ، ކައިވެނީގައި ހިތްހަމަޖެހުން ނުލިބި، ނުވަތަ މާޔޫސްކަމުގައި ދުވަސްތައް ހޭދަކުރަމުންދަނިކޮށް ޓަކިދިނުމުން، އެއީ ތިމާއަށް އޮތްގޮތްކަމުގައި ދެކި ހިތްދީލާލެވުމުންނެވެ.
މިއީ މިދިވެހި މުޖުތަމަޢުގައިވެސް މިކަން ހިނގާ އުސޫލެވެ. ކައިވެނިތައް ރޫޅިގެން ދިޔުމުގެ އެއް ސަބަބަށް އަލަތު ލޯބި، ނުވަތަ ހަގީގީ ލޯބިވެރިޔާވުން އެއީ އާންމުކަމެކެވެ. ނަމަވެސް ވިސްނަންވީ ކަމަކީ، ދިރިއުޅުމެއް ފަށައި، ދަރިން ލިބި، އެ ދިރިއުޅުން އާރާސްތުކުރަމުން އަންނަނިކޮށް ދެން އިހުގެ ލޯބިވެރިޔާ އެނބުރި ތިމާގެ ހަޔާތަށް އަންނަން ދިމާކުރިޔަސް، އެ ފުރުޞަތު ދިނުމަކީ ތިމާއަށް ހެދޭނޭ އެންމެ ބޮޑު ގޯސްކަންކަމެވެ. އެދުވަހު ތިމާއަށް ނުދިން ފުރުޞަތު މިހާރު ދޭން އުޅެނީ ކޮން ބޭނުމަކުތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ. އެލޯބިވެރިޔާއަށް ތިމާގެ ހިތް ދީލާލައިފިނަމަ، އެހަލާކުކޮށްލެވެނީ ކިތައް މީހުންގެ ދިރިއުޅުންތޯ ވިސްނާލާށެވެ. މިހާރުގެ ދިރިއުޅުމުގައި މައްސަލަތަކެއް ހުރިނަމަ، އެކަން ވާހަކަ ދައްކައިގެން ހައްލުކޮށް ކުރިޔަށްދާން މަސައްކަތްކުރާށެވެ. ގެއްލިގެން ދިޔަ އެއްޗަކަށް ނުބަލައި، ކުރިމަގަށް ވިސްނާށެވެ. ދަރިންގެ މުސްތަގުބަލަށް ވިސްނާ ޅައެއްޗެއް އަޅަން ހިތުވެސް ނުލާށެވެ.
