މިއީ ސިއްހަތަށް ބަލާ މީހުން ގިނަ ޒަމާނެކެވެ. ރަނގަޅު ސިއްހަތެއްގައި ހުރުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހޭ އަދި އެކަމަށް ހޭލުންތެރި ޒަމާނެކެވެ. ހަށިގަނޑަށް ގެއްލުންލިބޭ ކާނާއަކީ ކޮބައިކަން އަދި ރީތިކޮށް ހަށިގަނޑު ބެހެއްޓުމަށްޓަކައި ކުރަންޖެހެނީ ކޮންކަންކަމެއްކަން ފަސޭހައިން ބަލައި ހޯދޭ ޒަމާނެކެވެ. ނަމަވެސް، މިހާރުގެ މީހުންނާއި ކުރީގެ މީހުންގެ ރޫފައާއި ސިއްހަތު އެހާ ތަފާތު ބޮޑެވެ. ކުރީގެ މީހުން ހަށިގަނޑު މާ ދުޅަހެޔޮވެފައި ރޫފަ ރީއްޗެވެ. މިޒަމާނުގައި ބުނާހެން އިހު ދިވެހީން 'ސިކްސް ޕެކް' ލައިފައިހުރެއެވެ. ކުރީގެ ފޮޓޯތަކުންނާއި ވީޑިއޯތަކުން އެކަން ފެންނަން އެބަ ހުއްޓެވެ. އެމީހުން ގައިމު ޖިމަކަށް ނުދެއެވެ. ކަސްރަތުކޮށެއް ނޫޅެއެވެ. ތަފާތު ބޭސްތަކެއް ބޭނުމެއްނުކުރެއެވެ.
ދެ ޒަމާނަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ކުރީގައި ކައިއުޅުނީ ގުދުރަތީ އުފެއްދުންތަކެވެ. މޭވާއާއި ތަރުކާރީއެވެ. އެވެސް އެންމެ ތާޒާކޮށެވެ. އަމިއްލައަށް އުފައްދައިގެންނެވެ. މަހުގެ ބާވަތްތަކާއި ފަލަމަޑީގެ ބާވަތްތައް ހުސްނުވެ ލިބެއެވެ. އަބަދު އުޅެނީ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތިއެވެ. ހަށިގަނޑަށް ލިބެންޖެހޭ ކަސްރަތު، އެމީހުން ދުވަހީ މަސައްކަތުން ލިބެއެވެ. ކާންބޯންކުރާ މަސައްކަތްތަކަކީ ބުރަ އަދި އެކަމަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތްތަކެވެ. ބަލާނެ ސްކްރީންއެއް، ފިނިކޮޓަރި ވަޒީފާއެއް ނުހުރެއެވެ. އެހެންކަމުން، ނޭނގިނަމަވެސް، ހަށިގަނޑަށް ލިބެންޖެހޭ ހުރިހާ މާއްދާތަކެއް ކޮންމެ ގަޑިއެއްގެ ކެއުންތަކުން ލިބެއެވެ. ކުރާ މަސައްކަތްތަކުން ހަށިގަނޑަށް ބޭނުންވާ ކަސްރަތު ލިއްބައިދެއެވެ. ހަށިގަނޑަށް ގެއްލުން ލިބިދޭ އާދަތައް އޭރުގައި ނެތުމުން އޭރުގެ މީހުން މާ ދުޅަހެޔޮވެފައި ރޫފަ ރީތީއެވެ.
ދެން މިޒަމާނެވެ. އަހަރުމެންގެ ދިރިއުޅުން މިއޮތީ އެފުށްމިފުށްޖެހިފައެވެ. ވިހާ ދުވަހުން ފެށިގެން ތަފާތު ތައްޔާރީ ކެއުންތަކެވެ. ބުއިންތަކެވެ. ބަންދުކުރި ކާނާ ނޫނީ ނުކެވެއެވެ. ރަށްރަށުގައި އިހު އުފައްދަމުންއައި ކާބޯތަކެތި މިހާރަކު ނުލިބެއެވެ. ހުރިހާއެއްޗެއް ގެންނަން ޖެހެނީ އެހެން ގައުމުތަކުންނެވެ. ކެމިކަލްތަކުން ފުރިފައި ހުންނަ ކާބޯތަކެތި ކައިގެން އަހަރުމެން މި ތިބެނީ ފިނި ކޮޓަރިތަކުގައެވެ. ހަރަކާތްކުރުން މަދުވެއްޖެއެވެ. ތަފާތު ބޭސްތަކާއި ސަޕްލިމެންޓްތަކުގެ އަވައިގައި އަހަރުމެންޖެހި، އަހަރުމެންގެ ޖިސްމާނީ ދުޅަހެޔޮކަން އެކީހެން ގެއްލިއްޖެއެވެ. ސްކްރީން ވަގުތު ގިނަވެއްޖެއެވެ. ދުވާލަކު 8 ނުވަތަ 9 ގަޑިއިރު އެކިއެކި މަންސަތަކަށް ދެލޯ ދީގެން ތިބެ، ހަށިގަނޑަށް ފައިދާހުރި ކަންކަން ކުރާނެ ވަގުތު ނުލިބި، މީހާގެ ހަށިގަނޑު ބޭނުން ގޮތަކަށް ދާން ދޫކޮށްލެވުނީއެވެ. މިއީ މަދު މިންވަރެކެވެ. މިކަންކަމާހުރެ، މިޒަމާނުގެ މީހުންގެ ހަށިގަނޑުގެ ބާރާއި، ރޫފަ ގެއްލި، އިހުގެ މީހުންނާ ނުބައްދަލުވީއެވެ.
