ވަޒީފާތަކުގައި އުޅޭ ގިނަ މީހުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ވަޒީފާއާއި ޒާތީ ދިރިއުޅުން ގަޑުބަޑުވުމުގެ ވާހަކައެވެ. 'ވަކް ލައިފް ބެލެންސް' ނުވާކަމުގެ ޝަކުވާއެވެ. ބައެއް މީހުން އަދާކުރާ ވަޒީފާގައި ގިނަ ވަގުތު ހޭދަކުރަންޖެހުމާއި އަދާކުރަންޖެހޭ މަސްޢޫލިއްޔަތުގެ ބުރަކަމުން އަމިއްލަ ޒާތީ ދިރިއުޅުން މަތިން ހަނދާންނެތޭ ވާހަކަވެސް ބުނެއެވެ. ގެއަށް ވަދެވެނީ ހަމައެކަނި ނިދާލަންކަމަށާއި، އެމީހުންގެ އަސްލު ގެއަކަށްވެސް ވެފައި އޮންނަނީ އޮފީސް މާހައުލުކަމަށް ބުނެއެވެ. ވަޒީފާތަކުގައި 'ބަރންއައުޓް' ވުމޭ މިކަމަށް ބުނެ އުޅެއެވެ.

މިގޮތަށް މިކަން ދިމާވަނީ ހަމައެކަނި ވަކި ދާއިރާއެއްގައެއްނޫނެވެ. މިކަމުގައި ވަޒީފާދޭ ފަރާތުގެ މައްސަލައާއި، ވަޒީފާ އަދާކުރާ ފަރާތުގެ މައްސަލަވެސް އުޅެއެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ، ވަޒީފާއާއި ޒާތީ ދިރިއުޅުން ގަޑުބަޑުނުކޮށް ކުރިޔަށް ދެވިދާނެ ގޮތްތަކުގެ މައްޗަށެވެ. އެހެން ގޮތަކަށްބުނާނަމަ، ވަޒީފާއާއި ޒާތީ ދިރިއުޅުން ހަމަހަމަކޮށް ގެންދެވިދާނެ ގޮތްތަކުގެ މައްޗަށެވެ. ވިސްނާލަންޖެހޭ މުހިންމު ނުކުތާއަކީ، އެއްވެސް އަތަކަށް ބަރުވެއްޖެނަމަ، ކޮންމެވެސް ގޯހެއް އުޅޭނެއެވެ. އެހެންކަމުން، ހަމަހަމަ ކޮށްލެވޭނެ ގޮތްތަކެއް ހޯދައި އެމަގުން ދިޔުމަކީ މުހިންމުކަމެކެވެ.

ފުރަތަމަކަމަކަށް، މިންގަނޑުތަކެއް ކަނޑައަޅާށެވެ. އެއްވެސްކަމަކީ ވަކި މިނެއްނެތި ދޫކޮށްލަން ވެއްޖެނަމަ ގޯހަށްދާނެކަންކަމެވެ. މިސާލަކަށް ދުވާލަކު މަސައްކަތްކުރާނީ ކިތައް ގަޑިއިރުކަން ކަނޑައަޅާށެވެ. ފަށާނެ ގަޑިއާއި ނިންމާނެ ގަޑިއެއް ނިންމާ، އެ ތާވަލާ އެއްގޮތަށް ކުރިޔަށްދިޔުމަކީ މިކަމުގައި އެންމެ މުހިންމު ކަންތަކެވެ. ވަޒީފާގެ ވަގުތު ނިމުމުން، ވަޒީފާއާއި ގުޅުންހުރި ނޮޓިފިކޭޝަންތައް އޮފް ކޮށްލާށެވެ. މިހެން ބުނިކަމުގައި ވިޔަސް، އޮންކޯލުގައި ތިބެންޖެހޭ މުވައްޒަފުން އިސްތިސްނާވާނެއެވެ. އޮފީސް މެއިލްތަކާއި، އެކިއެކި ގުރޫޕްތައް ގޭގައި ހޭދަކުރާ ވަގުތު މިއުޓް ކޮށްލާށެވެ. އެހެން ނޫންނަމަ، އަނބިދަރިންނާއެކު ހޭދަކޮށްލާ ވަގުތުކޮޅުގެ ހުރަހަކަށް ބޭކާރު ނޮޓިފިކޭޝަނެއް ވެދާނެއެވެ. ގޭގައި މަސައްކަތްކުރާ ފަރާތެއްވިޔަސް، މަސައްކަތްކުރަން އިންނަ ތަން ވަކިކޮށް، ވަގުތު ކަނޑައަޅައިގެން ނޫނީ ކުރިޔަށް ނުދާށެވެ.

ވަޒީފާ އަދާކުރާ ވަގުތުތަކުގައިވެސް ސަމާލުކަންދޭންޖެހޭ ކަންކަން އެބަ ހުއްޓެވެ. އެގޮތުން، ކުރަންޖެހޭ މަސައްކަތް ތަރުތީބުކޮށްލައިގެން ވަކި އުސޫލަކުން ގެންދިޔުން މުހިންމެވެ. މުހިންމު ކަންކަން ލިސްޓުގެ ކުރިޔަށްލާށެވެ. އަދި ލިބޭ ބްރޭކްތައް ހެޔޮގޮތުގައި ހިފާށެވެ. އެ ވަގުތަކީ އޮފީސް ކަންކަމުން އިރުކޮޅަކަށް ތިމާގެ ސިކުނޑި ބޭރުކޮށްލަންޖެހޭ ވަގުތުކޮޅެކެވެ. މީގެ އިތުރުން ކުރަންޖެހޭ ކަންކަން ކުރިޔާލާ ރާވާލަން ވާނެއެވެ. ހިތުގައި ރާވާލަން އުނދަގޫނަމަ، ފޮތެއްގައި ލިޔެގެންވެސް އެކަން ކޮށްލަންވާނެއެވެ.

ތިމާގެ ސިއްހަތަށް ވިސްނުމަކީ ވަރަށް މުހިންމުކަމެކެވެ. ވަޒީފާ އަދާކުރިޔަސް، އެކަން ކުރަންވާނީ ތިމާގެ ސިކުނޑިއަށާއި ހަށިގަނޑަށް ކުޅަދާނަ މިންވަރަކަށެވެ. ގަވާއިދުން ޗެކަޕް ހެދުމާއި، ދުވަހުގެ ކެއުންތަކުގައި މިންހެޔޮ ކެއުންތައް ޚިޔާރުކުރުމާއި، ގަވާއިދުން ކޮންމެވެސް ކަސްރަތެއްކުރުމާއި، ހޮބީތަކަށް ވަގުތު ހޯދުމާއި، އާއިލީ ވަގުތުތަކުގައި އުފާވެރި އަދި ހިތްހަމަޖެހޭ ކަންކަން ކޮށްލުން ހިމެނެއެވެ. 

ވަޒީފާއާއި ޒާތީ ދިރިއުޅުން އެއްހަމައެއްގައި ގެންގުޅުމަށް ބައެއް މީހުން ގެންގުޅޭ އުކުޅަކީ 8+8+8 ރޫލްއެވެ. 8 ގަޑިއިރުގެ އަރާމު ނިންޖާއި، 8 ގަޑިއިރުގެ ބުރަ މަސައްކަތާއި، 8 ގަޑިއިރުގެ ހިތްހަމަޖެހުމުގެ ކަންކަމެވެ. މި އުކުޅު ބޭނުންކުރާ މީހުން ބުނާ ގޮތުގައި ނިދަންޖެހޭ މިންވަރަށް ނިދާފައި، މަސައްކަތުގެ މާހައުލުގައި ކިތަންމެ ބުރަކޮށް އުޅުނަސް، ތިމާގެ ހިތްހަމަ ޖެހުމަށާއި އާއިލީ ކަންކަމަށް ބާކީ 8 ގަޑިއިރު ހުސްކުރަން ޖެހޭކަމަށެވެ. ކޮންމެ ދުވަހަކު ސީދާ މިނުންމިނަށް މިކަން ނުކުރެވުނަސް، އަޅެ މިއުކުޅު އަޖުމަ ބަލައިލަމާ ހިނގާށެވެ.