އިންސާނާގެ ދިރިއުޅުމަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަންކަމުގެ ތެރޭގައި ހީސަމާސާކުރުމާއި، އެކުވެރިންނާއި އާއިލާގެ މެންބަރުންނާއި އެކު މަޖާކުރުން ހިމެނެއެވެ. މިއީ ގުޅުންތައް ބަދަހިކޮށް، ހިތްތަކަށް ހަމަޖެހުން ގެނެސްދޭ ކަމެއް ކަމުގައިވިޔަސް، ކޮންމެ ކަމަކަށްވެސް ހައްދެއް ވާނެކަމާއި، ހީސަމާސާކުރުމުގައިވެސް މި ހައްދު ފަހަނައަޅައިގެން ނުވާނެކަން އަހަރެމެން ހަނދާންކުރަންޖެހެއެވެ. ހައްދެއް ނެތި ކުރެވޭ ސަމާސާގެ ސަބަބުން ނޭދެވޭ ގިނަ ކަންތައްތަކެއް މެދުވެރިވެއެވެ.

ސަމާސާ ކުރުމުގައި ހައްދު ފަހަނައަޅައިފިނަމަ، އެކަމުގެ ސަބަބުން އެހެން މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދެރަވާނެ ބަސްތައް ބުނެވި، އެމީހުންގެ ހިތުގައި ނަފްރަތާއި ނުރުހުން އުފެދިދާނެއެވެ. ޚާއްސަކޮށް، މީހުންގެ ޖިސްމާނީ ސިފަތަކަށާއި ނުވަތަ އަމިއްލަ ކަންކަމަށް ފާޑުކިޔައި، މަލާމާތްކުރުމަކީ އެމީހެއްގެ ހިތަށް ވަރަަށް ބޮޑަށް އަސަރުކޮށް، މާޔޫސްކަން ގެނެސްދޭ ކަމެކެވެ. މިފަދަ ކަންކަމަކީ އެކުވެރިކަމާއި ގުޅުންތަކަށް ބުރުއެރުމަށް މަގުފަހިވާ ސަބަބެކެވެ.

ހީ ސަމާސާ ކުރުމުގެ ނަމުގައި ދޮގު ހެދުމާއި، މީހުންގެ އަބުރަށް އަރައިގަތުމަކީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ބޮޑެތި ކުށްތަކެކެވެ. ދޮގު ހަދައިފިނަމަ، އެމީހެއްގެ ކިބައިން އިތުބާރު ގެއްލި، މުޖުތަމަޢުގައި އެމީހާގެ އަގު ވެއްޓެއެވެ. އަދި، އެހެން މީހުންގެ ސިއްރުތައް ހާމަކޮށް ނުވަތަ ދޮގު ވާހަކަތައް ފެތުރުމަކީ ފިތުނަ ފަސާދަ އުފެއްދުމަށް މަގުފަހިވާ ކަމެކެވެ. މީގެ އިތުރުން، ހީސަމާސާކުރުމުގައި ދީނީ ކަންކަމާއި، ޤައުމީ ކަންކަމާއި، ބޮޑެތި މީހުންނާއި ވެރިންނަށް އިހުތިރާމްކުރުންވެސް މުހިންމެވެ. މިފަދަ ކަންކަމަށް މަލާމާތްކޮށް ހީސަމާސާކުރުމަކީ މުޖުތަމަޢުގެ އަގުތަކާއި ހަމަތަކާ ޚިލާފު ކަމެކެވެ.

ޚުލާސާކޮށް ބުނާނަމަ، އިސްލާމްދީނަކީ އުފާވެރިކަމާއި ހިތްހަމަޖެހުމަށް ބާރުއަޅާ ދީނެކެވެ. ހިނިތުންވުމާއި އެކު ކުރެވޭ ރަނގަޅު ސަމާސާއަކީ ހުއްދަ ކަމެކެވެ. ނަމަވެސް، ހައްދު ފަހަނައެޅުމަކީ މަނާކުރައްވާފައިވާ ކަމެކެވެ. ހީސަމާސާކުރަންޖެހޭނީ ހައްދެއްގެ ތެރެއިންނެވެ. އެހެން މީހުންގެ ހިތަށް އަސަރު ނުކުރާނެ ގޮތަކަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭނެ ގޮތަކަށެވެ. ހައްދެއްގެ ތެރެއިން ކުރެވޭ ސަމާސާއަކީ ގުޅުންތައް ބަދަހިކޮށް، މުޖުތަމަޢަށް ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ.