ދިވެހިރާއްޖޭގެ ރަށްރަށުގައި ގަރުނުތަކެއްގެ ދިގު ތާރީޚާއި ގުޅިފައިވަ ބޮޑެތި ގަސްތައް ގިނައެވެ. މިގަސްތަކަކީ ތިމާވެއްޓަށް ލިބިދޭ ފައިދާތަކުގެ އިތުރުން، ދިވެހި ސަގާފަތާއި، ތާރީޚާއި، މުޖުތަމަޢުގެ ފޯކުލޯރު ވާހަކަތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ގަސްތަކެކެވެ. ވީއިރު، ކުނިކެހުމުގެ އުނދަގުލާއި ޝަކުވާއާއި އެކު، ތަރައްގީއަށް ހުރި ހުރަހެއްކަމަށްބުނެ ކުރެވޭ ޝަކުވާއާއި އެކު އަދި އެއްވެސް އަސްލެއް ނެތް (ބިރުވެރި) ވާހަކަތަކެއްގެ ސަބަބުން، މިފަދަ ގަސްތައް ކަނޑާލުމަކީ، ތިމާވެއްޓަށާއި، ސަގާފަތަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، މިފަދަ ގަސްތަކަށް ވަނީ ޚާއްސަ ރައްކާތެރިކަމެއް ލިބިދީފައެވެ. މިފަދަ ގަދީމީ ބޮޑެތި ގަސްތައް ކެނޑުމުން ދިމާވެދާނެ ބައެއް ނޭދެވޭ ކަންތައްތަކަށް ބަލާލަމާ ހިނގާށެވެ.
ގަރުނުތަކެއްގެ ދިގު ތާރީޚާއި ގުޅިފައިވާ ބޮޑެތި ގަސްތަކަކީ ދޫނިސޫފާސޫފިތަކާއި، ތަފާތު ބާވަތްބާވަތުގެ ދިރޭ ތަކެއްޗާއި، ރާއްޖެއަށް ޚާއްސަ ބައެއް ނަސްލުތަކަށް ވަރަށް މުހިންމު ހިމާޔަތްދޭ އަދި ދިރިއުޅުމަށް ބޭނުންވާ ތަކެތި ހޯދައިދޭ ތަނެކެވެ. މިގަސްތައް ކެނޑުމަކީ ކުދި ރަށްރަށުގެ ނާޒުކު ތިމާވެއްޓާއި، ދިރުންތަކުގެ ނަސްލުތައް ހަލާކުވެ، ނެތިދާނެ ކަމެކެވެ. އަދި ގަސްތަކުގެ މުލަކީ ފަސްގަނޑު ހިފަހައްޓާ އަދި ބިމުގެ މީރު ފެންފަށަލަ ހިފެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މިފަދަ ގަސްތައް ކެނޑުމަކީ ފަސްގަނޑު ދޫވެ، ޚާއްސަކޮށް ބިންތިރި ރަށްރަށުގައި ފެންބޮޑުވުމުގެ ނުރައްކާ އިތުރުވެގެންދާނެ ކަމެކެވެ. މީގެ އިތުރުން ބޮޑެތި ގަސްތަކުން ހިޔާދީ، ވައިގައި ހުންނަ ނުސާފުކަން ފިލުވުމުގައި މުހިންމު ދައުރެއް އަދާކުރާއިރު، މިފަދަ ގަސްތައް ނެތިދިއުމަކީ ރަށްރަށުގެ ހޫނުމިން އިތުރުވެ، ނޭވާލުމުގެ ނިޒާމަށް ނޭދެވޭ އަސަރުތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާނެކަމެކެވެ.
ގިނަ ބޮޑެތި ގަސްތަކަކީ އެރަށެއްގެ އަހުލުވެރިންގެ ތާރީޚާއި، ވާހަކަތަކާއި، އަމިއްލަވަންތަ ކަމާއި، ކާބަފައިންގެ ހަނދާންތަކާ ގުޅިފައިވާ ގަސްތަކެކެވެ. މިފަދަ ގަސްތައް ނެތިކޮށްލުމަކީ މިފަދަ މުހިންމު ގުޅުންތައް ކަނޑާލެވޭނެ ކަމެކެވެ. އިސްލާމީ ދީނުގައްޔާއި، ދިވެހި ސަގާފަތުގައި ތިމާވެއްޓަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ނިޝާންތަކެއް ކަމުގައި ބެލެވެއެވެ. ގަބޫލުނުކުރެވޭ ވާހަކަތަކަކަށް ނުވަތަ އަސަރެއްނެތް ބިރުތަކަކަށްޓަކައި މިފަދަ ގަސްތައް ހަލާކުކުރުމަކީ ވަކީލުކުރުމާ ޚިލާފު ކަމެއްކަމުގައި ވެދާނެއެވެ. އަސްލެއް ނެތް ދޮގު ވާހަކަތަކެއް، ޒަމާންތަކަކަށް ތަކުރާރުކޮށް ކިޔާނަމަ، "ނެގެޓިވް އެނާޖީ" އޭ މިކިޔާ ލޮލަށް ނުފެންނަ ހިއްސީ ބާރުތަކެއްގެ ސަބަބުން އެއީ އަސްލު ވާހަކަތަކެކޭ ހީވެދާނެއެވެ. އެފަދަ އެއްވެސް އަސްލެއް ނެތް ވާހަކަތަކަށް ބިނާކޮށް ގަސްތައް ކެނޑުމަކީ ޙިކުމަތުގެ ބަދަލުގައި ބިރުވެރިކަން އިސްކުރުން ކަމުގައި ވެދާނެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނު (4/93) ގެ ދަށުން، ބޮޑެތި ގަސްތަކަށް ޚާއްސަ ރައްކާތެރިކަމެއް ލިބިފައިވެއެވެ. ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އިދާރާ ގެ ހުއްދަނެތި މިފަދަ ގަސްތައް ކެނޑުމަކީ ގާނޫނާ ޚިލާފު ކަމެކެވެ. މީގެ އިތުރުން ޢާންމު ތަންތަނުގައި ގަސް ކެނޑުމަށްޓަކައި، ކައުންސިލްގެ ހުއްދަ ހޯދައި، އެކަމުގައި ކައުންސިލްގެ ބެލެހެއްޓުން އޮންނަން ޖެހެއެވެ. ހުއްދަނެތި ގަސް ކެނޑުމުގެ ސަބަބުން ޖޫރިމަނާކޮށް، މުޖުތަމަޢުގެ ނުރުހުން އައުމުގެ ފުރުސަތު ބޮޑެވެ.
ރަށް ތަރައްގީކުރުމުގެ މަސައްކަތްތަކަށް ގަސްކެނޑުމުގެ ބޭނުމެއް ނެތެވެ. ބޮޑެތި ގަސްތައް ބަގީޗާތަކާއި، ހިނގާ މަގުތަކާއި، ސަގާފީ ސަރަހައްދުތަކުގައި ބަހައްޓައިގެން ރަށް ތަރައްގީ ކުރެވިދާނެއެވެ. ގަސްތަކުން ވެއްޓޭ ފަތްތައް ނައްތާލުމަށް، ކޮމްޕޯސްޓު ހެދުމާއި، މުޖުތަމަޢު ގުޅިގެން ސާފުކުރުންފަދަ ރަނގަޅު ގޮތްތައް ހުރެއެވެ.
އިންސާނުންނަކީ ބިމުގެ ވެރިންނެއް ނޫނެވެ. ބިމަކީ ﷲ ތަޢާލާ އިންސާނުންނާ ޙަވާލުކުރައްވާފައިވާ އަމާނާތެކެވެ. ބޭނުމެއްނެތި ގަސްކެނޑުމަކީ މި އަމާނާތަށް ހިޔާނާތްތެރިވުމެވެ. އެހެންކަމުން ގަހެއް ކެނޑުމުގެ ކުރިން، ﷲ ތަޢާލާގެ ޙަޟުރަތުން ހެޔޮ މަގު ދެއްކެވުން އެދި ދުޢާކުރުން މުހިންމެވެ.
ކުރުކޮށް ދަންނަވާނަމަ، ގަރުނުތަކެއްގެ ދިގު ތާރީޚާއި ގުޅިފައިވާ ބޮޑެތި ގަސްތަކަކީ ތިމާވެއްޓަށާއި، ސަގާފަތަށާއި، މުޖުތަމަޢަށް އަގުހުރި ތަކެއްޗެކެވެ. މިގަސްތައް ކަނޑާލުމަކީ ދިގު މުއްދަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ރަށް ތަރައްގީ ކުރުމާއި، ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި މިފަދަ ގަސްތައް ނައްތާލުމުގެ ބަދަލުގައި، މިގަސްތައް ދެމެހެއްޓޭނެ ގޮތްތައް ހޯދައި، އެގަސްތައް ރައްކާތެރިކުރުމަކީ ކުރިމަގުގެ ޖީލުތަކަށްޓަކައި އަދި ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ވެސް ވަރަށް މުހިންމު ކަމެކެވެ.
