ތަޢުލީމީ ދައުރެއް ނިންމައި ގްރެޖުއޭޓްވުމަކީ ކޮންމެ ދަރިވަރަކަށްވެސް ލިބޭ އުފަލެކެވެ. އެ އުފަލުގައި އާއިލާ އާއި އެކުގައި ހަނދާނަކަށް ފޮޓޯ ނެގުމަކީ، އެއްވެސް މައްސަލައެއް ނެތް، އަދި ވަރަށް ރަނގަޅު ކަމެކެވެ. އެހެންނަމަވެސް، މިފަދަ އުފާވެރި ވަގުތުތަކުގެ ފޮޓޯތައް މީސްމީޑިއާގެ އެކިއެކި މަންސަތަކަށް ދޫކޮށްލުމަކީ، އެހާ ފަސޭހައިން ތިމާގެ ހިތްހަމަޖެހުމަށްޓަކައި ކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްޞަކޮށް، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ކުރިއަރަމުން އަންނަ މިފަދަ ޒަމާނެއްގައި މިކަމަށް ސަމާލުކަންދިނުން މުހިންމެވެ. ތިމާގެ ފޮޓޯތަކުގެ ނަގާލެވޭ ރައްކާތެރިކަމުގެ ސަބަބުން އެތައް ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ހަމަ އެހެންމެ، މީސްމީޑިއާއަށް ތިމާގެ ފޮޓޯތައް ދޫކޮށްލުމަކީ އެސްފީނާއަށްވެސް މަގުފަހިވާނެ ކަމެކެވެ. އެސްފީނާއަކީ ޙަޤީގަތެކެވެ. އަޅުގަނޑުމެން އެކަން ޤަބޫލުކުރިޔަސް ނުކުރިޔަސް، އެއީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުތަކުން ސާބިތުވާ ކަމެކެވެ. ޙަޤީގަތަކީ ތިމާއަށް ހަސަދަވެރިވާ ކިތައްމެ ބަޔަކު އަހަރެމެންގެ ތެރޭގައި ވެސް ވާނެކަމެވެ. އެބައިމީހުންގެ ނުބައި ލޯތަކުން ތިމާއަށް އަސަރުކޮށް، ދިރިއުޅުން ހަލާކުވެގެން ދިޔުމުގެ ފުރުޞަތު ވަރަށްވެސް ބޮޑެވެ. ތިމާގެ ފޮޓޯ ބޭނުންވާ ކިތައްމެ ސިހުރުވެރިއަކުވެސް މިދުނިޔޭގައި އުޅުމަކީ ދުރުކަމެއް ނޫނެވެ. އެހެންކަމުން، މިފަދަ ނުރައްކާތަކުން ދުރުހެލިވުމަށްޓަކައި ވަރަށް ބޮޑަށް ސަމާލުވުން ހުއްޓެވެ.
މިފަދަ ކަންކަމުގެ ސަބަބުން އެސްފީނާ ޖެހި، ދިރިއުޅުމުގެ ވަކި ހިސާބަކުން އެކަމުގެ ނޭދެވޭ އަސަރުކޮށް، ކިތައްމެ މީހަކަށް ވަނީ ހިތާމަތަކާއި ކުރިމަތިލާން ޖެހިފައެވެ. އުފަލާއި ހިތްހަމަޖެހުމުގައި ފެށި ދިރިއުޅުމެއް، އެސްފީނާގެ ސަބަބުން އެތައް ދަތިކަމަކާ ކުރިމަތިލާން ޖެހިފައިވާ މިސާލުތައް މަދެއް ނޫނެވެ. ވީމާ، އާއިލާ މީހުން ނޫން އެހެން މީހުންގެ ލޯތަކަށް އެފަދަ ފޮޓޯތައް ނުދައްކާ ވޭތޯ ބަލާށެވެ. އެގޮތުން، ތިމާގެ އުފަލަށް މިއަދު ކޮށްލާ މިފަދަ ކަންކަމުގެ ސަބަބުން މާދަމާ ހިތާމަކުރަން ޖެހިދާނެކަމަށް ދުރުވިސްނުމަކުން ވިސްނާށެވެ.
ގްރެޖުއޭޓްވުމުގެ އުފާ ފާޅުކުރުމަކީ ހައްޤެކެވެ. ނަމަވެސް އެކަންކުރަންވީ އިސްލާމީ ޝަރީޢަތާއި އަޅުގަނޑުމެންގެ އާދަކާދަތަކާ އެއްގޮތަށް، އަދި ތިމާއަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވާނެ ގޮތަކަށެވެ. މިއަދު ތިމާއަށް ލިބުނު ކާމިޔާބީގެ ހަބަރު ދިނުމުގައި، ސަލާމަތްތެރިކަން އިސްކުރުމަކީ މުހިއްމުކަމެކެވެ. މިކަން ޤަބޫލުކޮށް، މިއާއި އެއްގޮތަށް ޢަމަލުކުރުމަކީ ތިބާގެ ކަމެކެވެ. އުފާވެރިކަން އާލާކުރުމަށްޓަކައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
