މާލޭ ވިޔަފާރި ބަނދަރަކީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރާ ތަނެކެވެ. ބަނދަރުގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަކީ ހަރުދަނާ ޚިދުމަތެއް ދިނުމަށް މުހިންމު ކަމަކެވެ. އެމް.ޕީ.އެލްގެ މުވައްޒަފުންގެ ތަޢުލީމާއި ތަމްރީނުގެ ހުރިހާ ކަމެއް ބަލަހައްޓަމުންދާ ޕޯޓް ޓްރެއިނިން ސެންޓަރ (ޕީ.ޓީ.ސީ)ގައި މި ވަގުތު އެންމެ މުހިންމު ރޯލެއް އަދާކުރަމުންދާ އެއް ފަރާތަކީ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓްގެ މަޤާމުގައި މަސައްކަތްކުރަމުންދާ މަރިޔަމް ހުޝްމާ މުސްތަފާއެވެ. މި ވަގުތު ބަނދަރުގެ މުވައްޒަފުން ކުރިއެރުވުމަށް ހުޝްމާ މަސައްކަތްކުރަމުންދިޔަ ނަަމަވެސް، އޭނާގެ ކެރިއަރު ފެށުނީ މި ދާއިރާއަކުންނެވެ. ހުޝްމާގެ ކެރިއަރުގެ ފެށުން ގުޅިފައިވަނީ ތަޢުލިމީ ދާއިރާގައެވެ.

ކްލާސް ރޫމުން ޕޯޓް އިންޑަސްޓްރީއަށް: މަޤްސަދެއް ހާސިލްކުރުމަށް ކުރި ދަތުރެއް
ހުޝްމާގެ ކެރިއަރ ފެށިގެން އައީ މަންމަގެ އިރުޝާދާއެކު ޓީޗަރެއްގެ ގޮތުގައެވެ. ފުރަތަމަ ކިޔަވައިދިނުމަށް އެހާ ބޮޑު ޝައުގުވެރިކަމެއް ނެތް ނަަމަވެސް، މަސައްކަތް ފެށުމާއެކު އެ ދާއިރާއަށް ލޯބިޖެހުނެވެ. ދަރިވަރުން ތަޢުލީމީ ހަޔާތް ނިންމައި، ވަޒީފާ މާހައުލުގައި އެމީހުންގެ އިލްމާއި ހުނަރު ބޭނުންކުރާ މަންޒަރު ފެނުމުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ލިބެން ފެށިއެވެ. މިކަމުގެ ސަބަބުން ކިޔަވައިދިނުމުގެ ދަތުރު މެދުނުކެނޑި ކުރިއަށް ގެންދެވުނެވެ. ތަޢުލީމީ ދާއިރާގައި 15 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރުމަށްފަހު، ހުނަރު ބިނާކުރުމާއި ވޮކޭޝަނަލް ތަޢުލީމަށް ހާއްސަ ޝައުގުވެރިކަމެއް އުފެދި، މީގެ 4 އަހަރު ކުރިން ހުޝްމާ އެމްޕީއެލްއާ ގުޅުނެވެ.
ހުޝްމާ ބުނީ ކެރިއަރުގައި އެހެން މަގެއް ނެގިނަމަ، އޭނާ އިހްތިޔާރުކުރާނީ ސިއްހީ ދާއިރާއެވެ. އެއީ ރައްކާތެރިކަމާއި، ހިދުމަތްދިނުމާއި، މީހުންގެ ދިރިއުޅުން ރަނގަޅުކުރުމަށް ބާރުއަޅާ ދާއިރާއެއް ކަމަށްވާތީއެވެ. ނަމަވެސް، ސިއްހީ ދާއިރާގެ ބަދަލުގައި ތައުލީމީ ދާއިރާއިން ވެސް، ހުޝްމާ މިވަނީ އެ އަމާޒުތައް މިއަދު އެތައް ގޮތަކުން ހާސިލުކޮށްފައެވެ.

މުވައްޒަފުންނަށް އުނގެނުމުގެ މަގުތައް ބިނާކުރުން
މިހާރު ލާނިންގ އެންޑް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓެއްގެ މަގާމުގައި ހުޝްމާ ދަނީ އެމްޕީއެލްގެ ހުނަރުވެރި މުވައްޒަފުންތަކެއް ބިނާކުރުމަށް މުހިއްމު ދައުރެއް އަދާކުރަމުންނެވެ. ޕޯޓް މެނޭޖްމަންޓް ދާއިރާއިން ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ) ސެޓިފިކެޓް ހޯދުމަށްފަހު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ މިންގަނޑުތަކާ އެއްގޮތްވާ އެކަޑެމިކް ޕާތްވޭތައް އުފެއްދުމުގެ މަސައްކަތުގައި ހުޝްމާ ދަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، އޭނާ ވަނީ ލެވެލް 3 އިން ފެށިގެން ލެވެލް 6 އާ ހަމައަށް ކޯސްތައް ފަރުމާކޮށް، އެޕްރޫވަލް ހޯދައި، އެ ކޯސްތައް ހިންގަން ފަށާފައެވެ.
ހުޝްމާ ބުނީ އޭނާގެ ކެއިއަރުގައި އެންމެ ފަހުރުވެރިވާ އެއް ކަމަކީ ޕޯޓް މެނޭޖްމަންޓްގެ ދާއިރާގެ ކޯސްތައް ފަރުމާކޮށް، އެ ކޯސްތައެ އެޕްރޫވްވެ، އެ ކޯސްތައް ހިންގުމެވެ. ބަނދަރުގެ މުވައްޒަފުންގެ ޢިލްމީ ދަތުރު ފަށައިދީ، ޕޯޓް މެނޭޖްމެންޓް ދާއިރާއިން ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދެވުމަކީ އެނާގެ އަމިއްލަ ނަފްސަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީގެ އިހުސާސެއްކަމުގައި އޭނާ ސިފަކުރެއެވެ.

ހުޝްމާ އަދި އޭނާގެ ޓީމުގެ މައިގަނޑު މަސައްކަތަކީ އެމްޕީއެލްގެ ހުރިހާ ދާއިރާތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމާއި، މުވައްޒަފުންގެ ހުނަރުތައް ކުރިއަރުވުމަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމެވެ.
މިފަދަ ކޮންމެ މަސައްކަތަކީ މުވައްޒަފަށް ލިބޭ ކުރިއެރުމެއް. އަދި މުވައްޒަފުން ކުރިއަރައިގެން ދިއުމަކީ، މުޅި މަސައްކަތާއި، އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ލިބޭ ކުރިއެރުމެއް : ހުޝްމާ
ނަމަވެސް މި މަސައްކަތަކީ ފަސޭހަ ކަމެއް ނޫނެވެ. ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ. މީގެ ތެރޭގައި ހާއްސަ ޓެކްނިކަލް ދާއިރާތަކުން ގާބިލު ތަމްރީނުދޭ ފަރާތްތައް ހޯދުމާއި، އެމްކިއުއޭ އިން ސެޓިފައިކޮށްފައިވާ ޕްރޮގްރާމްތަކަށް ލެކްޗަރާއިން ހޯދުން ހިމެނޭ ކަމުގައި ހުޝްމާ ބުންޏެވެ. އެހެންވިޔަސް، ފާހަގަކޮށްލަންޖެހޭ ހަގީގަތަކީ ދިމާވާ މިފަދަ ގޮންޖެހުންތަކާއި ކުރިމަތިލުމުގައިވެސް ހުޝްމާގެ އަޒުމް ވަރުގަދަ ކަމެވެ. އެގޮތުން ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ހުޝްމާ މިހާރުވެސް ގެންދަނީ ފައުންޑޭޝަން ލެވެލްގެ ޕްރޮގްރާމްތައް ތަރައްގީކޮށް، މަޑުމަޑުން ލޯކަލް ޓްރެއިނަރުން ބިނާކުރަމުންނެވެ.
ކުރިއަށް ދިއުމުގެ ފަހަތުގައި އޮތް ސަޕޯޓް
އޭނާގެ ކާމިޔާބީގެ ފަހަތުގައި ވަނީ ވަރުގަދަ އެހީތެރިކަމުގެ ނިޒާމެކެވެ. އޭނާ ބުނި ގޮތުގައި، އޭނާގެ މަސައްކަތަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އާއިލާގެ ފަރާތުން، ހާއްސަކޮށް މަންމަގެ ފަރާތުންނެވެ. ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ނަމަވެސް، އޭނާ ގެންދަނީ އާއިލީ ޒިންމާތައް ފުރިހަމައަށް އަދާކުރެވޭނެ ގޮތަކަށް ދިރިއުޅުން "ބެލެންސް" ކުރަމުންނެވެ.
"މަސައްކަތަށް ކަނޑައަޅާފައިވާ ވަގުތުތަކަކީ އެކަމަށް ހާއްސަ ވަގުތުތަކެއް. އެ ގަޑި ނިމުމާއެކު، އަޅުގަނޑުގެ ހުރިހާ ވަގުތެއް ހޭދަކުރަނީ އާއިލާއާއެކުގައި : ހުޝްމާ
މަސައްކަތާއި އާއިލާގެ ދެމެދު މިފަދަ ހަމަޖެހުމެއް އޮތުމަކީ، މަސައްކަތަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް އެހީތެރިވެދޭ ކަމެއްކަމަށް އޭނާ ގަބޫލުކުރެއެވެ. މީގެ އިތުރުން، ލާނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ އަދި މިހާރުގެ އެޗް.އޯ.ޑީންގެ އެހީތެރިކަމާއި، އެމްޕީއެލްގެ އެހެން ޑިޕާޓްމަންޓްތަކުގެ ވެރިންގެ އެއްބާރުލުން ވެސް އޭނާގެ ކުރިއެރުމާއި އިތުބާރު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމަށް އޭނާ ފާހަގަކުރެއެވެ.
އެމްޕީއެލްގެ މުސްތަގުބަލާއި މެދު އޭނާގެ ހުވަފެން އަދި ދިވެހި ޒުވާނުންނަށް މެސެޖެއް
ހުޝްމާގެ އުއްމީދަކީ ޕޯޓް ޓްރެއިނިންގ ސެންޓަރު ފުޅާކޮށް، މެރިޓައިމް އަދި ޕޯޓް މެނޭޖްމަންޓް ކޯސްތައް އިތުރަށް ފުޅާދާއިރާއެއްގައި ހިންގުމެވެ. އޭނާގެ އަމާޒަކީ އުނގެނުމަކީ މުވައްޒަފުންނަށް ލިބޭ މަދު ފުރުސަތެއްގެ ބަދަލުގައި ކޮންމެ މުވައްޒަފަކަށް ވެސް މެދުނުކެނޑި ކުރާ ދަތުރަކަށް ވުމެވެ. އެގޮތުން ކޮންމެ މުވައްޒަފަކަށް ވަކިވަކި އިންޑިވިޖުއަލް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށް، އެމީހުންގެ ދާއިރާއާ ގުޅޭ ތަމްރީނުތައް ލިބި، އެމީހުންނަކީ ބަނދަރުތަކުގެ މުސްތަގުބަލަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ބަޔަކަށްވުން ކަމުގައި އޭނާ ބުންޏެެވެ.
ޓެކްނިކަލް ދާއިރާތަކާއި، ޚާއްސަކޮށް ޕޯޓް މެނޭޖްމެންޓް އަދި މެރިޓައިމް ދާއިރާގައި ހުރި ވަޒީފާތަކަކީ ވަރަށް ތަފާތު އަދި ބޮޑު ޑިމާންޑެއް އޮންނަ ވަޒީފާތަކެއް ކަމުގައި ހުޝްމާ ފާހަގަ ކުރެއެވެ.
މިއީ ދުނިޔޭގެ ފެންވަރުގައި ބޭނުންކުރެވޭ ހުނަރުތަކެއް ލިބޭ، އަދި ރަނގަޅު މުސާރައެއް ލިބިގެންދާ އިންޑަސްޓްރީއެއް. މި ދާއިރާއަކީ ގްލޯބަލް ފެންވަރުގެ ތަޖުރިބާ ލިބި، އިތުރަށް ކިޔެވުމުގެ ފުޅާ ފުރުސަތުތަކެއް ވެސް ލިބޭ ދާއިރާއަކަށް ވާތީ، މިއީ ކެރިއަރެއްގެ ގޮތުގައި ހިޔާރުކުރަން އެންމެ އެކަށީގެންވާ އެއް ދާއިރާ: ހުޝްމާ
ހުޝްމާ ތައްޔާރުކުރާ ކޮންމެ ކޯހަކާއި، ތަމްރީނުކޮށްދޭ ކޮންމެ ފަރާތަކާއި، ދޫކުރާ ކޮންމެ ސެޓްފިކެޓެއްގެ ސަބަބުން އޭނާ ގެންދަވަނީ މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުވައި، މުޅި މުސްތަގުބަލު ބައްޓަން ކޮށްދެމުންނެވެ. ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކަށް، އެމީހުންގެ ހުނަރުތަކާއި ގާބިލުކަން އިތުރުކުރުމަށްޓަކައި، ދާއިމީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތުތަކާއި، ތަމްރީނު ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފަސޭހަ މަގުތައް ގާއިމުކުރުމަކީ އިންތިހާއަށް މުހިންމު ކަމެއްކަން ޝައްކެއްނެތެވެ.
