ބަންގަލަދޭޝްގައި ގިނައަދަދެއްގެ މިނިިކާވަގު މަރާލި މީހަކު ހައްޔަރު ކޮށްފިއެވެ.

އެގައުމުގެ ފުލުހުންނާއި ހަވަލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޭނާ 70 މިނިކާވަގު މަރާލާފައިވަނީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައެވެ. އޭނާ އެންމެ ފުރަތަމަ މިނިކާވަގެއް މަރާފައިވަނީވެސް އޭނާގެ އުމުރުން 20 އަހަރުގައެވެ.

މިނިކާވަގު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ހަބީބް ޓަލުޑާ ނަމަކަށް ކިޔާ މީހެކެވެ. އެސަރަހައްދުގެ މީހުން އޭނާއަށް "ޓައިގާ ހަބީބް" އޭ ކިޔައެވެ.

ފުލުހުން ބުނެފައިވަނީ އޭނާ މަރަމުން އައިސްފައިވަނީ އިންޑިއާއާއި ބަންގްލަދޭޝްއާއި ދެމެދު އޮންނަ ކުޅިތަކާއި ވަލުތަކުގައި އުޅެމުން އަންނަ މިނިކާވަގުތައް ކަމަށެވެ. އެތަނަކީ އެއީ ގިނަ އަދަދަކަށް މިނިކާވަގު އުޅެމުން އަންނަވެސް ތަނެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގޮތުގައި އޭނާ އެކަން ކުރަން ފަށާފައިވަނީ އެންމެ ފުރަތަމަ މާމުއި ހޯދަން ވަލު ތެރެއަށް ވަދެ އުޅުމުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ ވަނީ ބުޅާ ފަދަ ތަކެތި މަރައި އެތަކެތީގެ ހަމާއި ކަށިތައް ކަޅު ބާޒާރުގައި ވިއްކަން ފަށާފައެވެ. އެކަން ހުއްޓާލުމަށް ފަހު އޭނާ ފެށީ މިނިކާވަގު މަރާށެވެ.

އެސަރަހައްދުގައި އުޅެމުން އަންނަ ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ އުޅޭ ގޮތުން ބައެއް ފަހަރު އެމީހުން އޭނާ ދެކެ ޖެހިލުންވާ ކަމަށާއި އެހެން ނަމަވެސް އޭނާއަށް އެންމެން ވެސް ގަދަރު ކުރާ ކަމަށެވެ.

މިނިކާވަގު އެގޮތަށް މެރުމަކީ އެގައުމުގައި މަނާ ކަމެކެވެ.