ސްރީލަންކާ އަށް އެހީވުމަށް ޓެލެތޯނެއް ބާއްވަން ނިންމައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން މި ޓެލެތޯން ކުރިއަށްގެންދިއުމަށް ނިންމީ ބާރުގަދަ ތޫފާނެއް ކަމުގައިވާ ދިތުވާއާ ގުޅިގެން ކުރަމުންދާ ވިއްސާރައިގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއްވެ އެތައްބަޔަކު މަރުވެ އެތައްބަޔަކު ޙާލުގައި ޖެހިފައިވާތީއެވެ.

މި ޓެލެތޯން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދު 30 ނޮވެންބަރު 2025 ވާ އާދީއްތަ ދުވަހު ހެނދުނު 9:00 އިން މެންދަމު 1:00 އަށެވެ.

ޕީއެސްއެމް އިން ބުނީ ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެއް ކަމަށާއި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެއް ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީ ވެސް ސްރީލަންކާ ކަމަށެވެ.

އެހެންކަމުން ލަންކާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ޙާލަތުގައި ދިވެހިންނަށް ދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދިނުން މުހިއްމު ކަމުގައި ޕީއެސްއެމް އިން ބުނެއެވެ. 

މި ޓެލެތޯނުގައި ޕީއެސްއެމްއާއި ބައިވެރިވުމަށް ރާއްޖޭގެ ހުރިހާ ނޫސް މީޑިއާތަކަށާއި ދިވެހި ރައްޔިތުންނަށް، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށް ވެސް އޮތް ކަމަށް ޕީއެސްއެމުން ބުނެއެވެ.