އެސްޓީއޯގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީގެ ޕަރޓްނަރޝިޕަށް 25 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަ ގޮތެއްގައި ފާހަގަ ކޮށްފިއެވެ.

މި މުނާސަބާ ފާހަގަ ކުރުމަށްޓަކައި 28 ނޮވެމްބަރު 2025 ވީ ހުކުރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރަގައި ވަނީ ވަރަށް ހާއްސަ ހަފްލާއެއް ބާއްވާފައެވެ. 

ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ކުންފުންޔަކީ ފެށުނީއްސުރެ ދުނިޔޭގެ ބާޒަރުގައި ނަން ވިދަމުން އަންނަ އިތުބާރު ހިފޭ ކުންފުންޔެކެވެ. މި ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފް ކުރެވުމާއިއެކު، ދިވެހީންގެ މެދުގައިވެސް މި ބްރޭންޑުގެ އުފެއްދުންތައްވަނީ ބޮޑު މަގުބޫލުކަމާއި އިތުބާރެއް ހޯދާ، އަދި މިއަދާއި ހަމައަށްވެސް އެ އިތުބާރު ދަމަހައްޓާފައެވެ. އެގޮތުން ހިޓާޗީ އޭސީ ތަކާއި އައިސް އަލަމާރިތައް ފަދަ ޕްރޮޑަކްޓްތަކަކީ ގިނަބަޔެއްގެ ގެތަކުން މިހާރުވެސް ޖާގަ ހޯދަމުން އަންނަ އުފެއްދުންތަކެކެވެ. މި ހަފްލާ އަކީ އެސްޓީއޯ އާއި ހިޓާޗީ އާ ދެމެދު އުފެދިފައިވާ 25 އަހަރުވީ ގާތް ގުޅުމުގެ އަލިގަދަ ރަމްޒެކެވެ.

މި ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ޖަޕާނުން ރާއްޖެއަށް ކަނަޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން ހިޓާޗީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަދި ކުންފުނީގެ އިތުރު ބޭފުޅުން ވަނީ މި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. ހަމަ އެއާއި އެކު، އެސްޓީއޯގެ ޗެއަރމަން އާމިރު މަންސޫރު، އެސްޓީއޯގެ ބޯޑު މެމްބަރުން، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހިމް އަދި މީގެ އިތުރުން އެސްޓީއޯގެ ކުރީގެ ބައެއް އިސް ބޭފުޅުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. 

މި ހަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ، ހިޓާޗީގެ މެނޭޖިންގް ޑިރެކްޓަރ ޔޮޝިޔޫކީ ބަންޑޯ، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝިމާދު އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގް ގެ ޑިރެކްޓަރ އިބްރާހިމް މިރްޒާޤް ވަނީ މިހަފްލާގައި ވާހަކަދައްކަވާފައެވެ. ވާހަކަތަކައް އަލިއަޅުވާލާއިރު ހިޓާޗީއާއި އެސްޓީއޯއާއި ދެމެދު އުފެދިފައިވާ ގާތް ގުޅުން ފާހަގަކޮށްފައިވެއެވެ. އަދި މީގެ އިތުރުން ހިޓާޗީ ބްރޭންޑާއިއެކު، ރާއްޖޭގެ ބާޒާރަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި އާމުންގެ ދިރިއުޅުމަށް އައިސްފައިވާ ލުއިފަސޭހަތައް އަދި ކުރިއަށް ރޭވިފައިވާ ކަންކަމަށް ވަނީ އަލިއަޅުވާލާފައެވެ. 

މި ހަފްލާގައި ރާއްޖޭގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވިފައިވާ ޕްރޮޑަކްޓްތައް ވަނީ ޑިސްޕްލޭ ކުރެވިފައެވެ. މީގެ އިތުރުން، ހިޓާޗީއާއި އެސްޓީއޯގެ މި 25 އަހަރުވީ ޕަރޓްނަޝިޕްގައި އެންމެ ގިނައިން ހިޓާޗީ ޕްރޮޑަކްޓްތައް ބައްލަވައި ގެންނެވި 4 ކަސްޓަމަރެއް އަގުވަޒަން ކޮށް ވަނީ އެވޯޑް ދެވިފައެވެ. އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުން، މި ހަފްލާގައި ހިޓާޗީއިން އަލަށް ތަޢާރަފް ކުރެވުނު 'ހިޓާޗީ ނިއު އެއަރ' ރޭންޖްގެ ޕްރޮޑަކްޓްތައް ލޯންޗު ކުރެވިގެން ދިޔައެވެ.