އިތިއޮޕިޔާގެ އުތުރުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ދިރިއުޅޭ މީހުން ބަނޑަށް ޖެހެމުންދާ ކަމަށާއި، ކާބޯތަކެތީ އެހީތެރިކަން އެ ސަރަހައްދަށް ބޭނުންވާ ކަމަށް އދ.ގެ ކާބޯތަކެއްޗާއި ބެހޭ އިދާރާ ޑަބްލިއުއެފްޕީ އިން ބުނެފި އެވެ.
އެ އިދާރާއިން ބުނާ ގޮތުގައި އިތިއޮޕިޔާގެ އުތުރުގައި ހަނގުރާމަ ހިނގަމުންދާ ޓިގްރޭ އަވަށުގެ 5.2 މިލިއަން މީހުން، ނުވަތަ އެ ސަރަހައްދުގެ އާބާދީގެ 91 އިންސައްތަ މީހުންނަށް ކާބޯތަކެތީގެ އަވަސް އެހީތެރިކަން ނުލިބިއްޖެ ނަމަ، ގިނަ ބަޔަކު ބަނޑަށްޖެހުމުގެ ބިރު އެބައޮތެވެ.
ޓިގްރޭ ސަރަހައްދުގައި ހަނގުރާމަ ހިނގާތާ ހަތް މަސްދުވަސް ވަނީވެފައެވެ. އެހެންކަމުން އެ ސަރަހައްދުގެ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތުވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
އިތިއޮޕިޔާގެ އުތުރުގައި ހަނގުރާމަ ހިނގަމުންދާ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމުގެ މަސައްކަތް، މިދިޔަ މާޗް މަހުގެ ތެރޭގައި ޑަބްލިޔުއެފްޕީ އިން ވަނީ ފަށައިފައެވެ. އެމަސައްކަތުގެ ދަށުން، ޓިގްރޭގެ ދެކުނުގަ އާއި ހުޅަނގު އުތުރުގައި، ހާލުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން، މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ވަނީ ފޯރުކޮއްދީފައެވެ.
އދ.ގެ ކުއްލި އެހީތެރިކަމާ ބެހޭ އިސް ކޯޑިނޭޓަރު މާކް ލޯކޮކް ވިދާޅުވާ ގޮތުގައި ޓެގްރޭ ސަރަހައްދަށް، ކުރިއަށް އޮތް ދެ މަސް ތެރޭގައި އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަނުޖެހިއްޖެ ނަމަ، ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާ ލަފާކުރައްވާ ގޮތުގައި ބަނޑަށް ޖެހުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކަކީ، ހަނގުރާމައިގެ ތެރޭގައި ގެދޮރު ލޫޓުވުމާއި، ގެދޮރުގައި ހުޅުޖަހައި އެންދުމުގެ އިތުރުން، އެ ސަރަހައްދުގެ މީހުން ގެންގުޅުނު، ގެރި ބަކަރިއާއި ކުކުޅު ފަދަ ދިރޭތަކެތީގެ ގާތްގަނޑަކަށް 90 ޕަސެންޓް ކަތިލައި ނުވަތަ ލޫޓުވައިގެން ވަގަށް ނަގާފައި ވުމެވެ.
މި ހަނގުރާމައިގެ ސަބަބުން، މިހާތަނަށް ޓިގްރޭ ސަރަހައްދުން އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ބެލެވޭ އިރު، ދެ މިލިއަނެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކޮއްފައެވެ.
