ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯން "ސިލޯނާއެކު ދިވެހީން" އަށް މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ދިވެހި ރުފިޔާ ލިބިއްޖެއެވެ. މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި ޓެލެތޯންއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ އެހީ ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
މިއަދު ހެނދުނު 9:00 އިން ފެށިގެން މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓެލެތޯންއަކީ، މިމަހުގެ 26 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ތޫފާން ދީތުވާއާ ގުޅިގެން އެޤައުމު ކާރިސީ ޙާލަތަކަށް ވެއްޓިފައިވާތީ، ދިވެހި ރައްޔިތުންގެ ފަރާތުން އެހީތެރިކަމުގެ އަތެއް ދިނުމަށްޓަކައި މީޑިއާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިހާތަނަށް އައިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. މީގެ އިތުރުން ޑޮލަރު އެކައުންޓަށް 1500 އަށްވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށް އެ ކެމްޕޭން ހިންގާ ފަރާތުން މައުލޫމާތު ދެއްވައެވެ.
މި މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް، ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ޚާއްސަ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައިވާ ކުލުނާއި އެއްބައިވަންތަކަން މި ޓެލެތޯންއިން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް މީޑިއާ ބައިވެރިން ފާހަގަކުރެއެވެ.
