ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. މި ޓެލެތޯން މިއަދު ހެނދުނު 9:00 ޖެހިއިރު ފެށިފައިވާއިރު، މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މިހާތަނަށް ލިބިފައިވާ ފައިސާގެ ތެރެއިން ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 1.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް 37 ހާހަށްވުރެ ގިނަ ޑޮލަރު ލިލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މީޑިއާ ޓެލެތޯންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މީގެ އިތުރުން މާލޭގެ ޓީވީ ބިލްޑިންގާއި އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ސްރީލަންކާއަށް ކާރިސީ ޙާލަތެއް ކުރިމަތިވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެޤައުމަށް އަރާފައިވާ ތޫފާން "ދިތުވާ" އާ ގުޅިގެންނެވެ. މި ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.