ދައުލަތުގެ މީޑިޔާ ކަމުގައިވާ ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް)ގެ ފަރާތުން އިސްނަގައިގެން ރާއްޖޭގެ މީޑިޔާތަކާ ގުޅިގެން ސްރީ ލަންކާއަށް އެހީވުމަށް ކުރިއަށް ގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް، ރާއްޖޭގެ ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަަލް ކޮންގްރެސް (ޕީ.އެން.ސީ.)ގެ ޕާލިމަންޓަރީ ގްރޫޕުން 300،000 (ތިން ލައްކަ) ރުފިޔާ ހަދިޔާކޮށްފިއެވެ. 

މި އެހީ ހަވާލުކޮށްދެއްވީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި، ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙްގެ އިތުރުން ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެންބަރުންނެވެ. މި އެހީއާ ޕަބްލިކް ސަރވިސް މީޑިޔާގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޔާމީން ރަޝީދެވެ.

ލަންކާއަށް ކުރިމަތިވެފައިވާ ހިތާމަވެރި ކާރިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ މި ޓެލެތޯނަށް މިހާތަނަށް ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާވެފައެވެ. ބޭންކް އޮފް މޯލްޑިވްސްއިން މި ކަމަށްޓަކައި ހުޅުވި ޚާއްޞަ ދިވެހި ރުފިޔާ އެކައުންޓަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާއިރު، ޑޮލަރު އެކައުންޓަށް 11 ހާހަށް ވުރެ ގިނަ ޑޮލަރު ވަނީ ޖަމާކޮށްފައެވެ. މި ފައިސާ ހޯދަމުން ދަނީ ބީ.އެމް.އެލް.ގައި ހުޅުވާފައިވާ ދެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ފުރުސަތު ހުޅުވައިލުމުގެ އިތުރުން، މާލޭގެ ބައެއް ސަރަހައްދުތަކުގައި ފަންޑު ފޮށި ބަހައްޓައިގެންނެވެ.

ފައިސާ ހަވާލުކުރެއްވުމަށް ފަހު ޕީ.އެސް.އެމް.އަށް ދެއްވި ބަސްދީގަތުމެއްގައި މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވީ، ލަންކާއަކީ ޒަމާނުއްސުރެ ދިވެހިންނާ ވަރަށް ގާތް ޤައުމެއް ކަމަށާއި، އަދި ދިވެހީން ވަރަށް ގިނަގިނައިން ޒިޔާރަތްކުރާ ޤައުމެއް ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ނިސްބަތުން ފާހަގަކޮށްލެވޭ އެއް ޢަދަދަކީ ލަންކާއަށް ނިސްބަތްވާ މީހުން ކަމުގައިވެސް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ، ސްރީ ލަަންކާއާއި ރާއްޖެއާ މިއީ ވަރަށް ގާތް އެއްބަނޑު އެއްބަފާ ގުޅުމެއް ޒަމާނުއްސުރެ އުފެދިފައި އޮތް ދެ ޤައުމު ކަމަށެވެ.

ލަންކާއަށް މި ފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމާ އެކީގައި އެންމެ ފުރަތަމަ އިސްކަމެއް ނެގި ޤައުމެއްގެ ގޮތުގައި މި ފާހަގަވަނީ ރާއްޖެ ޢަބްދުއްރަޙީމް 

މި ކަމުގައި ލަންކާއަށް އެންމެ ފުރަތަމަ މަދަދުވެރިވި ޤައުމަކަށް ރާއްޖެ ވުމުން، ސަރުކާރުގެ ހަރުދަނާ ޚާރިޖީ ސިޔާސަތުތައް ހާމަވާ ކަމަށްވެސް ރައީސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.