ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއްވަމުންދާތީ އެ ޤައުމަށް އެހީވުމަށް ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން 25،000 ޑޮލަރު (ގާތްގަނޑަކަށް 385,500 ދިވެހި ރުފިޔާ) ހަދިޔާކޮށްފިއެވެ. މި އެހީ ހަވާލުކުރެވިފައިވަނީ ޕީއެސްއެމްއިން އިސްނަގައިގެން ކުރިއަށްގެންދާ މި ޓެލެތޯނަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން މި ފައިސާ ޓެލެތޯނަށް ހަވާލުކޮށްދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ. މި ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޔާމީން ރަޝީދެވެ.
އެހީ ހަވާލުކުރެއްވުމަށްފަހު ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ލަންކާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ގާއިމުކުރެވިފައިވާ ޤައުމަކަށްވާއިރު، އެ ބޭންކު މެދުވެރިކޮށްވެސް ރާއްޖެއާއި ލަންކާގެ ވިޔަފާރިތަކުގެ މެދުގައި މުއާމަލާތްތައް ކުރާ ކަމަށެވެ. އަދި ލަންކާގެ ގިނަ ބައެއްގެ އެކައުންޓުތައް ބީއެމްއެލްގައި ހުޅުވާފައިވާ ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބީއެމްއެލްގެ ޕާޓްނަރުންވެސް ލަންކާގައި އެބަތިބި ކަމަށާއި، އެހެންވެ މި ސަބަބުތަކާހުރެ އެ ޤައުމަށް ދިމާވެފައިވާ މި ހިތާމައިގައި ބައިވެރިވާން ނިންމެވީކަމަށް ޝަރީފް ވިދާޅުވިއެވެ.
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސް ނަގައިގެން ރާއްޖޭގެ 37 މީޑިއާއާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯން މިހާރު ފަށާފައިވާއިރު، މިރޭ މެންދަމު 1:00ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ. މިޓެލެތޯނުގައި ބައިވެރިވެ، ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި، ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ. އެހެންކަމުން، އެ ޤައުމަށް ދިމާވެފައިވާ ކާރިސާއާ ގުޅިގެން ދިވެހިރާއްޖެއިން މި ދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
